ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މިރޭގެ މެޗަށް ނުކުތްއިރު، މެޗުން ތިން ޕޮއިންޓް ހޯދާ އަނބުރާ އެއްވަނައަށް ދެވެން ދަ ގްރާންޑޭއަށް ފުރުސަތު އޮތެވެ. ޓީސީއަށް ހަ މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ޓީސީ މިހާރު އޮތީ ހަތަރުވަނައިގައެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޓީސީން އުފެްދި ދެ ހަމަލާއެއްގެ ހުރަހަކަށްވީ ދަ ގްރާންޑޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލްއެެވެ. ދަ ގްރާންޑޭން އެންމެ އެދެވޭ ހަމަލާއެއް މެޗުގެ ކުރީކޮޅުގައި ނުފެނުނުއިރު، ޓީސީއަށް މެޗުގެ 36 ވަނަ މިނިޓްގައި ލީޑުނަަގައިދިނީ ނޭޕާލުގެ މިޑްފީލްޑަރު ބިމާލް ގާތީއެވެ. އޭރިއާ ތެރެއިން އިސްމާއިލް އީސާ (މެސީ) ހުސްކޮށްލާފައި ދިން ބޯޅަ ބިމާލް ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފައެވެ.

ފުރަތަމަ ހާފް ނިމެންދަނިކޮށް، އަހުމަދު އިމާޒް (އާއްކޮ)ގެ ހިލޭ ޖެހުމަކުން ދަ ގްރާންޑޭއިން ނުރައްކާކުރިއިރު، އެ ހަމަލާ ދިގައީ މަތިން ބޭރަށެވެ.

ދަ ގްރާންޑޭއާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ދެވަނަ ހާފަށް ނުކުމެ ދަ ގްރާންޑޭއިން ހިތްވަރާއެކު ކުޅުނުތަން ފެނުނެވެ. ނަތީޖާއަކަށްވީ މެޗުގެ 58 ވަނަ މިނިޓުގައި ލިބުނު ޕެނެލްޓީން ނަތީޖާ ހަމަހަމަ ކުރުމެވެ. އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އޮބައިދާއެވެ.

ދެވަނަ ހާފްގެ ފަހު 20 ވަރަކަށް މިނެޓްގައި ދެޓީމަށްވެސް މެޗުން ތިން ޕޮއިންޓް ހޯދުމަށް ފަހު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. ގްރާންޑޭގެ އަޔާޒް އަހުމަދު (އަޔާ)ގެ ހަމަލާވެސް ނާކާމިޔާބުވިއިރު، ބިމާލްއަށް ދެވަނަ ގޯލެއް ޖަހަން ލިބުނު ފުރުސަތު އޭނާވެސް ނަގާލިއެވެ. އަދި ބިމާލްއަށް ފަހު ވަގުތު ލިބުނު ފުރުސަތުގައި އުފެއްދި ހަމަލާ މަތަކޮށް ބޭރު ކޮށްލީ ފައިސަލެވެ.

ދަ ގްރާންޑޭއަކީ އަލަށް ލީގުގައި ވާދަކާ ކްލަބަކަށްވާއިރު، މިހާތަނަށް އެޓީމުން ލީގުގައި ދައްކާފައިވާ ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ. މިހާތަނަށް އެޓީމު ބަލިވީ މާޒިޔާ އަތުން އެކަންޏެވެ. ޓީސީން ބްރޭކްގައި ސައުދި އަރަބިއާގެ ކޭމްޕަށް ގޮސް، ފަރިތަކުރުންތަކާއެކު ޓީމު އެކުވެގެން ނުކުތްއިރު، ދަ ގްރާންޑޭއިން ވަނީ ރަނގަޅު ފައިޓެއް ދީފައެވެ.

އެންމެފަހުގެ ޗެމްޕިއަން ޓީސީން މި ސީޒަނަށް ނުކުތީ ސްކޮޑަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކާއެކުގައެވެ. އެގޮތުން ލޯކަލް މުހިއްމު ކުޅުންތެރިންތަކެއްވެސް ކްލަބު ބަދަލުކޮށްފައިވާއިރު، މިދިޔަ ދެ ސީޒަންގައި ފަހަތުން މޮޅަށް ކުޅުނު އަލް މަގުރަބީވެސް ވަނީ ދޫކޮށްލާފައެވެ. މަގްރަބީ މިހާރު ކުޅެމުންދަނީ ބަންގާޅުގެ ޑާކާ އަބަހާނީއަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެއްކަލަ

    މާޒިޔާ ދަގްރާންޑޭ އާއެއްކޮށް އަދިކުޅުނީ ރަހުމަތްތެރިކަމުގެ މެޗް އެއް ލީގުގަ އަދި ނުކުޅޭ