މިދިޔަ ސީޒަންގައި ބާސެލޯނާއިން ލަލީގާގެ އިތުރުން ސްޕެނިޝް ކަޕްވެސް ކާމިޔާބުކުރިއެވެ. އެހެން ނަމަވެސް ސީޒަން ނިންމާލަން ޖެހުނީ ކަރުނައާއެކުއެވެ. ޗެމްޕިއަންސް ލީގުން ކުރިމަތިވި ހިތްދަތި ބައްޔާއެކުއެވެ. ފުރަތަމަ ލެގުން ތަފާތު ބޮޑުކޮށް މޮޅުވެފައި އޮއްވާ، ލިވަޕޫލްގެ އެންފީލްޑްގައި ބާސާއިން ކުޅުނު މެޗުން އެޓީމު ބަލިވީ ތަފާތު ބޮޑުކޮށެވެ. އެ ބައްޔާއެކު ކެޓީއެވެ.

ބާސާއިން ޔޫރަޕްގެ ރަސްކަމަށް އައުމަށް ކުރަމުން އަންނަ އިންތިޒާރަށް ހިތި ނިމުންތަކެއް ފުލުފުލުން އައިސްފައިވާއިރު، މިދިޔަ ސީޒަން ފެށުމުގެ ގޮތުންވެސް މެސީ، ސަޕޯޓަރުން ގާތު ވީ އެއް ވައުދަކީ ޗެމްޕިއަންސް ލީގުގެ ތަށްޓެވެ. މެސީގެ އާދަޔާ ހިލާފު މޮޅު ސީޒަނެއްގެ ގޮތުގައި މިދިޔަ ސީޒަން ފާހަގަކޮށްލެވުނު ނަމަވެސް، ބާސާ ސަޕޯޓަރުންނަށް އޭނާ ގެނެސްދޭން ބުނި ތަށި ނުގެނެސްދެވުނެވެ.

މިދިޔަ ސީޒަން ހިތްދަތިކޮށް ނިމުނުއިރު، ރޭ ބާސާއާއި އާސެނަލް ކުޅުނު އެކުވެރިކަމުގެ މެޗަކީ މިއަހަރުގެ ޕްރި ސީޒަންގައި ކްލަބުން ކުޅުނު ފަހު މެޗެވެ. ޗުއްޓީއަށްފަހު ރޭގެ މެޗަށް ކެޕްޓަން މެސީ ނުކުމެފައިވާއިރު، ބާސާގެ ރައީސްގެ އިތުރުން އެތައް ހާސް ސަޕޯޓަރުންނެއް މެސީއަށް ކިޔާފައި ވަނީ ހޫނު މަރުހަބާއެކެވެ. ސަޕޯޓަރުންނާ އޭނާ ވާހަކަ ދައްކަމުންދިޔައިރު، އުންމީދުން ފުރިގެންވާ އެތައް ސަޕޯޓަރުންނެއް ފެނިގެންދިޔައެވެ.

"ހަގީގަތަކީ މިދިޔަ ސީޒަންގެ ކަންތައްތައް ހިނގާ ދިޔަގޮތުން، ވަރަށް އުނދަގޫވޭ މިތަނުގައި ހުރެ އެއްޗެކޭ ބުނަން. އެއީ މިދިޔަ ސީޒަންގެ ކަންތައްތައް ހިނގާ ދިޔަގޮތުން. އެކެމަކު އެކަންތައްތަކުގައި ހިފައިގެން ކުރިއަކަށް ނުދެވޭނެ. އެއްވެސް ކަމަކަށް ދެރަވެފައެއް ނޫން މިހުންނަނީ. މި ސީޒަންގައިވެސް ކަންތައް ކުރާނީ ހަމަ ކުރިން ސީޒަންގައިވެސް ކަންތައްތައް ކުރަމުންދިޔަ އުސޫލުން،" މެސީ ބުންޏެވެ.

މެސީ ބުނެފައި ވަނީ މިހާރު އޮތް ސްކޮޑާއި ކޯޗުންނަށް ފުރިހަމައަށް އިތުރުބާރު ކުރާ ކަމަށާއި، ނަތީޖާ ނެރެން ތައްޔާރު ކަމަށެވެ.

"މިހާރު އޮތް ސްކޮޑަށާއި، ކޯޗިން ޓީމަށް އަހަރެން އިތުބާރުކުރަން. އެއްވެސް ޝައްކެއް ނެތް، އަހަރެމެން ޓީމުން މިފަހަރުވެސް ހުރިހާ ކާމިޔާބީއަކަށް މަސައްކަތް ކުރާނެ. ހޯދެން އޮތް ހުރިހާ ތަށްޓެއް ހޯދަން މަސައްކަތް ކުރާނެ. މިދިޔަ ސީޒަން ނިމުނީ ހިތްދަތިކޮށް ކަން އެނގޭ. އެހެން ނަމަވެސް، އަހަންނަށް ފެންނަ ގޮތުގައި ލީގު ހޯދުމަށް ކުރަން ޖެހުނު މަސައްކަތަށް އެކަށީގެންވާ ކްރެޑިޓެއް ނުދެވުނު. އެއީ 11 ސީޒަންގައި ހޯދި އަށްވަނަ ލަލީގާ. މިއީ ކޮންމެ ކްލަބަކަށްވެސް ވަރަށް އުނދަގޫވާނެ ކަމެއް. އެއީ މުހިއްމު ނަތީޖާއެއް. އަހަރުތަކެއް ފަހުން އަދި އެކަން އިހުސާސްވެސް ވާނެ،" މެސީ ބުންޏެވެ.

"ވިސްކާ ބާސާ، ވިސްކާ ކަޓަލޫނިއާ" އޭ ޖޯޝާއެކު މެސީގެ ވާހަކަ ކޮޅު ނިންމާލިއިރު، އޭނާގެ އަސަރުން ފުރިގެންވާ ބަސްތަކަށް އެތައް ތައުރީފެއް ދަނީ އޮހެމުންނެވެ. ބާސާ ދެކެ މެސީ ލޯބިވާވަރާއި، ކްލަބުގެ ކެޕްޓަނެއްގެ ހައިސިއްޔަތުން މެސީ އަދާކުރާ މުހިއްމު ޒިންމާ ރޭގެ ވާހަކައިން ދެނިގެންދިޔަ ކަމަށް އެތައް ބަޔަކު ބުނަމުންދެއެވެ.