ޕްރިމިއަރ ލީގުގައި މިރޭ ފަހަތުން އަރާ 1-3 އިން ޗެލްސީގެ މައްޗަށް ޓޮޓެންހަމް އިން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ޓޮޓެންހަމް އޮތީ 64 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. ޗެލްސީ އޮތީ 56 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ. ލީގުގެ އެއްވަނައިގައި 84 ޕޮއިންޓާ އެކު އޮތީ މެންޗެސްޓަރ ސިޓީ އިންނެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ޓޮޓެންހަމް އިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މެޗުގެ 30 ވަނަ މިނެޓްގައި ޗެލްސީ އިން ވަނީ ލީޑު ނަގާފައެވެ. މޯސެސް ނަގައިދިން ހުރަހަކުން މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އަލްވަރޯ މޮރާޓާއެވެ.

މޮރާޓާގެ މި ގޯލާ އެކު ޗެލްސީގެ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް، ހާފްގެ ފަހު މިނެޓްގައި ކްރިސްޓިއަން އެރިކްސަން ވަނީ ޓޮޓެންހަމް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެރިކްސަން މި ގޯލު ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 62 ވަނަ މިނެޓްގައި ޑެލެ އަލީ ވަނީ ޓޮޓެންހަމް އަށް ލީޑު ނަގާދީފައެވެ. މި ގޯލު ކާމިޔާބުކުރިތާ ހަތަރު މިނެޓްފަހުން ޓޮޓެންހަމްގެ ތިންވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ އަލީއެވެ.

ދެވަނަ ހާފްގައި ޗެލްސީ އަށް ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު މި ހާފުގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ވެސް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މިރޭގެ މެޗުން ޓޮޓެންހަމް މޮޅުވިއިރު މިއީ 1990 ވަނަ އަހަރަށްފަހު ޗެލްސީގެ ދަނޑުގައި ކުޅެ، ޗެލްސީގެ މައްޗަށް ޓޮޓެންހަމް އިން ކުރި ހޯދި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

ލީގުގައި ބާކީ ޗެލްސީ އަށް ހަތް މެޗު އޮތްއިރު މިރޭގެ މެޗުން ބަލިވުމުން ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ޗެލްސީން ކުރަމުން އަންނަ މަސައްކަތަށް މިހާރު ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެގެން ގޮސްފައެވެ. ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބިއްޖެނަމަ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު އެޓީމަށް ނުލިބޭނެއެވެ.