ކެންސަރަށް ފަރުވާކުރަމުންދާ އަންހެނުންގެ އުފަލަށްޓަކައި، ރަޖާ ނައިންގޮލަން އޭނާގެ ކުރީގެ ކްލަބު ކަގްލިއަރީއަށް ބަދަލު ވެއްޖެއެވެ.

އިންޓަ މިލާނަށް ކުޅެމުންދިޔަ ނައިންގޮލަން ކަގްލިއަރީއަށް ބަދަލުވެފައި ވަނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އުމުރުން 31 އަހަރުގެ ނައިންގޮލަން މީގެ ކުރިން ކަގްލިއަރީއަށް ކުޅެފައި ވަނީ 2010 އިން 2014 ވަނަ އަހަރާ ހަމައަށެވެ. އޭނާ ވަނީ އެ ކްލަބަށް 137 މެޗު ހަތަރު ސީޒަންގައި ކުޅެދީފައެވެ.

މިދިޔަ ޓްރާންސްފާ ސީޒަންގައި އިންޓާއާ ގުޅުނު ނައިގޮލަން، ލީގުގައި 29 މެޗު ކުޅުނުއިރު، އޭނާ އަނބުރާ ކަގްލިއަރީއަށް ބަދަލުވީ އަންހެނުންނަށްޓަކައި ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ. ނައިންގޮލާންގެ އަންހެނުން ކްލައުޑިއޯ ލާއި މިދިޔަ މަހު އިންސްޓާގްރާމްގައި ކުރި އަސަރުގަދަ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ ކެންސަރަށް ފަރުވާކުރަން ތައްޔާރުވަމުންދާ ކަމަށެވެ.

އެގޮތުން ކޯމޯތެރަޕީއަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. މިއަހަރު ތެރޭގައި ނައިންގޮލަންގެ އަންހެނުންނަށް ކެންސަރު ފަރުވާ ދޭން ފަށާއިރު، އަންހެނުން ލާއީގެ ހޯމް ޓައުންއަކީ ކަގްލިއަރީއެވެ. އޭނާގެ އާއިލާވެސް ކަގްލިއަރީީގައި ދިރިއުޅޭއިރު، ނައިންގޮލަން އެ ކްލަބަށް ބަދަލުވީ އަންހެނުންނާއެކު ހޯމް ޓައުންގައި މަޑުކުރުމަށް ކަމަށް ނޫސްތަކުން ބުނެއެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި، ނައިންގޮލަންގެ މަންމަ މީގެ އަހަރެއް ދުވަސް ކުރިން މަރުވެފައި ވަނީ ކެންސަރު ބަލީގައެވެ. އަދި ނައިންގޮލަންގެ ބުރަކަށީގައި ޖަހާފައިވާ ޓެޓޫތަކަކީ އެކަމުގެ ހަނދާނުގައި ޖަހާފައިވާ ޓެޓޫތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބެލްޖިއަމްގެ ގައުމީ ޓީމަށް 30 މެޗު ކުޅެފައިވާ ނައިންގޮލަން މިދިޔަ އަހަރު ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާންކުރީ ބައެއް މުހިއްމު މުބާރާތްތަކަށް ސްކޮޑަށް ނުނަގާ ދޫކޮށްލުމުންނެވެ.