ޕްލޭޔާ ކޯޗެއްގެ ގޮތުގައި ވޭން ރޫނީ ގެންދަން ޑާބީ ކައުންޓީން މަސައްކަތް ފަށައިފިއެވެ.

އެމެރިކާ ލީގުގެ ޑީސީ ޔުނައިޓެޑާ މިދިޔަ ހޫނު މޫސުމުގައި ގުޅުނު ރޫނީއާއެކު ކްލަބުން ވެފައިވާ އެއްބަސްވުމުގައި ބާކީ ދެ ސީޒަން އޮތްއިރު، ޑާބީގެ އޯނަރު މެލް މޮރިސް ބުނެފައި ވަނީ އެ ކްލަބު އަނބުރާ ޕްރިމިއާ ލީގަށް ގެންދިޔުމަށް ރޫނީއަށް އެހީތެރިވެވިދާނެ ކަމަށެވެ. ޕްރޮފެޝަނަލް ކެރިއަރަށްފަހު ކޯޗިން ދާއިރާއަށް ނުކުތުމަށް ޝައުގުވެރިކަން ހުރިކަން ރޫނީ ވަނީ ކުރިންވެސް ހާމަކޮށްފައެވެ.

މިދިޔަ ސީޒަންގައި ޑާބީގެ ކޯޗަކަށް ހުރީ ރޫނީއާއެކު އިނގިރޭސި ގައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ޗެލްސީ ލެޖެންޑް ފްރޭންކް ލެމްޕާޑެވެ. ޗެލްސީގެ ކޯޗުގެ މަގާމުގައި ހުރި މައުރީޒިއޯ ސާރީ ކްލަބު ދޫކޮށްލުމާއެކު ޗެލްސީން ވަނީ އެޓީމުގެ ކޯޗަކަށް ލެމްޕާޑް ހަމަޖައްސާފައެވެ. ލެމްޕާޑް ޗެލްސީގެ ކޯޗުކަމާ ހަވާލުވެފައިވާއިރު، ޑާބީއާއެކު އޭނާ ވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަންޝިޕް ޕްލޭ އޮފް ކުޅެފައެވެ.

ޕްލޭ އޮފްގެ ފައިނަލްގައި އެސްޓޮން ވިލާ އަތުން ޑާބީ ބަލިވި ނަމަވެސް، ލެމްޕާޑްގެ ފުރަތަމަ ސީޒަން ފެނުނީ ކާމިޔާބު ކޮށެެވެ.

ކޯޗިން ކެރިއަރާ ގުޅިގެން ރޫނީ ބުނެފައި ވަނީ ރަނގަޅު ވަގުތު އައިސް ޖެހުމުން ކޯޗެއްގެ ގޮތުގައި ފެންނާނެ ކަމަށާއި، އެކަމަކަށް ޝައުގުވެރިވާ ކަމަށެވެ. ރޫނީއަކީ މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑަރީ ކުޅުންތެރިއެކެވެ. އިނގިރޭސި ގައުމީ ޓީމަށްވެސް ގިނަ މެޗުތަކެއް ކުޅެދިން ރޫނީ އަންނަނީ އެމެރިކާ ލީގުގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.