ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާނެ ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން، އަދި ރާއްޖެ ދުތް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ދަގަނޑޭ އެހެން ބުނެފައި ވަނީ ރޭ ބޭއްވި "މިހާރު އެވޯޑްސް"ގައި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަދި މިދިޔަ ސީޒަންގެ ރަން ބޫޓު ލިބުމުން އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ. ދަގަނޑޭގެ ކާމިޔާބީތަކަށް ގިނަ ބަޔަކަށް ޝުކުރު އަދާކުރަމުން އޭނާ ވަނީ ގައުމީ ޓީމުގެ ފުރުސަތަކަށް އިންތިޒާރު ކުރާ ކަމުގެ އިޝާރާތެއް ކޮށްފައެވެ.

"އުންމީދަކީ ކުރިއަށް އޮތްތަނުގައިވެސް މިގޮތަށް (ކާމިޔާބީތައް ހޯދުމުގައި) ދެމިހުރުން. އަދި ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައި އުފަލާއެކު ހިފާނަން. ހުރިހާ ސަޕޯޓަރުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ދަގަނޑޭ ބުނެފައިވެއެވެ.

ރާއްޖޭގެ ގައުމީ ޓީމާ ކޯޗު ޕީޓާ ސެގަޓް ހަވާލުވެ، ބޫޓާނާ ދެކޮޅަށް ކުޅުނު މެޗެއްގެ ކުރިން، ދަގަނޑޭއާ ކޯޗާ މައްސަލަތަކެއް ދިމާވިއެވެ. ކޮލިފިކޭޝަން މެޗުގެ ކުރިން ދަގަނޑޭ ޕްރެސް ކޮންފަރެންސަށް ދާން އިންކާރު ކުރުމުން އެކަމާ ކޯޗު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނުއިރު، ސާފް ޗެމްޕިއަންޝިޕަށް ދާން ނެގި ސްކޮޑުންވެސް ދަގަނޑޭ ބޭރުކުރިއެވެ.

އާންމުކޮށް ދަގަނޑޭއަކީ ޕްރެސްތަކަށް ނުދާ ކުޅުންތެރިއެއް ނަމަވެސް، ކޯޗު ސެގަޓް ބުނީ ދަގަނޑޭ ކަންކުރީ ޑިސިޕްލިން ދަށް ގޮތަކަށް ކަމަށާއި، މާފަށް އެދެން ޖެހޭ ކަމަށެވެ. އަދި ގިނަ ބައެއްގެ ޕްރެޝަރާއެކު ކޯޗު ވަނީ ދަގަނޑޭއަކީ އުމުރުން ދުވަސްވަމުންދާ ކުޅުންތެރިއެއް ކަމަށާއި، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ ކަމަށްވެސް ބުނެފައެވެ.

ކޯޗު ފަހުން ބުނެފައި ވަނީ ދަގަނޑޭ ފަހުން މާފަށް އެދުނު ކަމަށާއި، އެހެން ނަމަވެސް ސާފް ޗެމްޕިއަންޝިޕަށް އޭރު އޮތީ ވަގުތު ފާއިތުވެފައި ކަމަށެވެ. ސާފްގެ ތަށި ރާއްޖެއިން ހޯދި ނަމަވެސް، އަނެއްކާވެސް ފުޓުބޯޅައަށް ވަނީ އުނދަގޫ ހާލަތަކާ ކުރިމަތިވެފައެވެ. އައިއޯއައިޖީގައި ފުޓުބޯޅަ ދަށްކޮށް ދިޔައިރު، ކުރިއަށް އޮތީ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތަކެވެ.

ރާއްޖެއަށް އޭއެފްސީ ކަޕަށް ދިޔުމަށް އޮތް އެންމެ މުހިއްމު މެޗުތަކަކީ އެއީ ކަމަށްވާއިރު، ޓީމަށް ދަގަނޑޭ ނަގަން ޖެހޭ ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. ހާއްސަކޮށް ދަގަނޑޭގެ ފޯމަށް ބަލާ، ރާއްޖެއަށް އުންމީދު އޮތީވެސް ދަގަނޑޭ ނަގައިގެން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހުރެން

    ދަގޭ އަށް ޗާންސު ނުދޭންވީ ސަބަބެއް ނެއް.. އާޖެންޓީނާ އަށް މެސީ މުހިންމުވާ ވަރަށް ރާއްޖެއަށް ދަގޭ ބޭނުން ޖެހިފަ އޮތީ

    10
    1