އައިއޯއައިޖީގައި ވޮލީ ޓީމުގެ އަމާޒަށް ވާސިލްނުވީ، ވޮލީބޯޅައިގެ ކުރިއެރުމަށް އެއްވެސް ގޮތަކަށް ހިތް ނޭދޭބައެއްގެ، މަކަރުވެރި ކެހިވެރި ރޭވުމުން ކަމަށް އެސޯސިއޭޝަންގެ ކުރީގެ ރައީސް، މުހައްމަދު ލަތީފްގެ ނަމުގައި ނެރެފައިވާ ބަޔާނެއްގައި ބުނެފިއެވެ.

ލަތީފްގެ ލީޑާޝިޕާ ދޭތެރޭ ބޮޑެތި ސުވާލުތަކެއް އުފެދި، ކުޅިވަރާ ބެހޭ އެންމެ މަތީ ބާރުތަކެއް ލިބިފައިވާ ކޮމިޝަނާ އޮފް ސްޕޯޓްސްއިން ވީއޭއެމްގައި އޭރު އޮތް ހިންގާ ކޮމިޓީ އުވާލާފައެވެ. އޭރު އޮތް ލަތީފްގެ ހިންގާ ކޮމިޓީ އުވާލާ ވޮލީގެ އިންޓަރިމް ކޮމިޓީގައި ހިމެނެނީ ކޮމިޓީގެ ރައީސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ކުރީގެ ނައިބު ރަައީސް އަބްދުﷲ އާމިރު (އައްލޯ)، ނައިބު ރައީސަކަށް ހަމަޖައްސާފައި ވަނީ އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިސްމާއީލް އެވެ. ދެން ހިމެނޭ ތިން މެމްބަރުންނަކީ ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސެއިން މުހައްމަދުގެ އިތުރުން ޔޫތު މިނިސްޓްރީގެ އަހުމަދު އިބްރާހިމް އާއި މަރިޔަމް ޖުމާނާއެވެ.

އެ އެސޯސިއޭޝަންގެ މިހާރުގެ ހިންގާ ކޮމިޓީ އުވާލައި އެ އިދާރާ ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސްއިން ނިންމާފައި ވާތީ އެކަން އޮޅުންފިލުވަން ވޮލީގެ ދުނިޔޭގެ ފެޑެރޭޝަން އެފްއައިވީބީން ނިންމައިފައެވެ. އަދި އެކަމަށްޓަކައި އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދަށް އެޑްރެސްކޮށް ހާއްސަ ސިޓީއެއްވެސް ވަނީ ފޮނުވާފައެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ މައްސަލަތަކެއް މިހެން ހުރިއިރު، މިއަދު ލަތީފް ބަޔާން ނެރުއްވާފައި ވަނީ ވޮލީބޯޅަ އެސޯސިއޭޝަންގެ ލެޓަހެޑްގައެވެ. އަދި ހައިސިއްޔަތަކަށް ޖަހާފައި ވަނީ އިންތިހާބީ ނައިބު ރައީސެވެ. ކޮމިޝަނާ އޮފް ސްޕޯޓްސްއިން ވީއޭއެމްގެ އޭރު އޮތް އެކްސްކޯ އުވާލާފައި ވަނިކޮށް، ވީއޭއެމްގެ ލެޓަހެޑްގައި ލަތީފް ބަޔާން ނެރުއްވުމުން އެކަމަށް ސުވާލުތަކެއްވެސް އުފެދެއެވެ.

ލަތީފްގެ ބަޔާނުގައި ފުރަތަމަވެސް ފާހަގަކޮށްފައި ވަނީ އައިއޯއައިޖީގައި ރަން ވަނަތަކަށް އަމާޒުކޮށް، ގައުމަށް ރީތި ނަން ހޯދައިދިނުމުގެ އަމާޒުގައި މަސައްކަތް ކުރެއްވި ހިތްވަރު ގަދަ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އައިއޯޖީގައި ރާއްޖޭގެ ޓީމުތައް ވާދަކުރިއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން، ސަރުކާރުގެ އިސްވެރިން ވަޑައިގެން ތަރުހީބު ދެއްވި ކަމީ ރާއްޖޭގެ ކުޅިވަރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ބީޗް ވޮލީން މެޑަލް ގެނެސްދިން އެތުލީޓުންނަށް ޝުކުރު އަދާކުރައްވާ ލަތީފް ވިދާޅުވެފައި ވަނީ އައިއޯއައިޖީއަށް ދިޔައީ ބީޗް ވޮލީން ރަން މެޑަލްއާއި ފިރިހެން ޓީމުންވެސް ރާއްޖެއަށް މެޑަލްއެއް ގެނައުމުގެ މަތުވެރި މަގުސަދުގައި ކަމަށެވެ. އަދި އެކަމަށް ކުޅުންތެރިންނާއި އޮފިޝަލުން ބޮޑެތި ގުރުބާނީތަކެއްވި ކަމަށްވެސް ބުނެފައިވެއެވެ.

އެހެން ނަމަވެސް އެކަން ހާސިލްނުވީ، ވޮލީބޯޅަ ކުރިއެރުވުމަށް އެއްވެސް ވަރަކަށް ނޭދޭ، ކެހިވެރި، މަކަރުވެރި ބައެއްގެ ރޭވުމުން ކަމަށް ލަތީފް ބުނެފައިވެއެވެ.

"އައިއޯއައިޖީގައި ކާމިޔާބީ ހޯދުމަށް ކުޅުންތެރިންނާއި އޮފިޝަލުން ކުރަމުންދިޔަ މަސައްކަތް، އަމާޒަށް ވާސިލްނުވެ ނިމިގެންދިޔައީ، ވޮލީބޯޅަ ކުރިއެރުމަށް އެއްވެސް ވަރަކަށް ނެދޭ ބައެއްގެ މަކަރުވެރި އަދި ކެހިވެރި ރޭވުމެއްގެ ތެރެއިން ކުރެވިފައިވާ މަސައްކަތްތަކެއްގެ ތެރެއިންނެވެ. މި މަސައްކަތުގެ ތެރެއިން، މުބާރާތައް ތައްޔާރުވުމަށް ދުރާލާ ރާވާފައިވާ ކަލަންޑަރަށް ބަދަލުތަކެއް ގެނައުމުގެ ސަބަބުންނާއި، ވޮލީބޯޅަ އާއިލާގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން، ކުޅުންތެރިންނާއި އޮފިޝަލުންނަށް ނަފްސާނީގޮތުން އަސަރު ކޮށްފައިވާކަން، ކުޅުންތެރިންގެ ކުޅުމުންވެސް ފާހަގަ ކުރެވެއެވެ. އަދި ކުޅުންތެރިންގެ މޮޅުކަމުން، އެ ޓީމުތަކަކީ، މިފަދަ މުބާރާތްތަކުގައި ރަން ވަން ހާސިލް ކުރެވޭނެ ކުޅުންތެރިންތެރިންކަން މުބާރާތް ބެއްލެވި ކޮންމެ ބޭފުޅަކަށްވެސް ގަބޫލުކުރައްވާނެއެވެ." ބަޔާނުގައިވެއެވެ.

އޭގެ އިތުރުން ބަޔާނުގައި ވަނީ އޯގަސްޓް 19 ވަނަ ދުވަހު ފަށާ، އޭވީސީ މުބާރާތަށް އަމާޒަކީ ރަން މެޑަލް ކަމަށާއި، އެކަމަށް އަމާޒުކޮށް ދުރާލާ ތައްޔާރުވާން ފަށާފައިވާނެ ކަމަށެވެ. އަދި އައިއޯއައިޖީން ފެއިލްވުމުގެ ޒިންމާ ވޮލީ އާއިލާގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދި ފަރާތްތަކުން އުފުލަން ޖެހޭ ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި އޭވީސީ މުބާރާތަށް ތައްޔާރުވަމުންދާ ޓީމުގެ ޝެޑިއުލަށްވެސް ބަދަލު ގެންނަމުންދާތީ ކަންބޮޑުވާ ކަމަށްވެސް ލަތީފް ވިދާޅުވެފައިވެއެވެ.