ވޯލްޑް ކަޕް ކިލިފިކޭޝަންގައި ރާއްޖޭގެ ގައުމީ ޓީމުން ކުޅެން އޮތް މެޗުތަކަށް ޓީމުގެ ފަރިތަކުރުންތައް ފެށުމުގެ ގޮތުން، މަހަކަށްވުރެ ގިނަ ދުވަހަށް ލީގުގެ ކުޅުން މެދު ކަނޑާލަން ނިންމައިފިއެވެ.

އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ސެޕްޓެންބަރު މަހު ރާއްޖެއިން ކުޅުމަށް ހަމަޖެހިފައިވާ ދެމެޗުގެ ތައްޔާރީތަކަށް ލީގު މެދު ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސެޕްޓެންބަރު ފަސްވަނަ ދުވަހު ގުއާމްގައި އެގައުމުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭ މެޗާއި، ސެޕްޓެންބަރު 10 ވަނަ ދުވަހު މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް ޓީމުގެ ފަރިތަކުރުންތައް ފެށުމަށް، މިމަހު 10އިން ސެޕްޓެންބަރު 17 ވަނަ ދުވަހާ ހަމައަށް ލީގު މެދު ކަނޑާލާ، އެ ދުވަސްތަކުގައި ކުޅެން ހުރި މެޗުތައް، ސެޕްޓެންބަރު 18 އިން 24އާ ދެމެދު ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެފްއޭއެމްއިން ބުނެފައި ވަނީ ވޯލްޑް ކަޕް، އަދި އޭޝިއަން ކަޕްގެ ކޮލިފިކޭޝަނަށް ގައުމީ ޓީމު ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ އިތުރުން މެލޭޝިއާގައި ތަމްރީނު ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ނިމިދިޔަ އިންޑިއަން އައިލެންޑް އޯޝަން ގޭމްސްގައި ރާއްޖޭގެ ފުޓުބޯޅަ ޓީމުގެ ފަރާތުން ފެނުނު ދަށް ނަތީޖާތަކާއެކު، އޭޝިއަން ކަޕް އަދި ވޯލްޑް ކަޕްގެ ކޮލިފިކޭޝަނަށް ޓީމުގެ ތައްޔާރީތައް ވަރުގަދަކުރަން ޖެހިފައިވާކަމަށް ކޯޗު ޕޯޓާ ސެގަޓްވެސް ވަނީ ފާހަގަކޮށްފައެވެ. ހާއްސަކޮށް މިފަހަރުގެ ޕްރިމިއާ ލީގު، ހަ މަހުގެ ބްރޭކަކަށްފަހު ޖޫން މަހު ފެށިއިރު، އޭގެފަހުން ކުޅުންތެރިން އަދި ރަނގަޅަށް ފިޒިކަލީ ފިޓް ނުވާ ކަމަށްވެސް ކޯޗު ވަނީ ފާހަގަކޮށްފައެވެ.

2022 ވަނަ އަހަރު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕުގެ އޭޝިއާގެ ދެވަނަ ބުރުގެ ކޮލިފިކޭޝަންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ލައްވާލީ ޗައިނާ، ސީރިޔާ، ގުއާމް އަދި ފިލިޕިންސްއެވެ.

ތިންވަނަ ބުރަށް ކޮލިފައިވާ 12 ޓީމު 2023 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަށްވެސް ކޮލިފައިވާނެއެވެ.

ދެވަނަ ބުރުގައި ކުޅޭ ޓީމު ތަކުގެ ތެރެއިން ތިންވަނަ ބުރަށް ކޮލިފައި ވާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނައިން ޕޮއިންޓު ހޯދާ ޓީމު ކަމުގައި ވާއިރު، ދެން އެންމެ ރަނގަޅު ނަތީޖާ އެއް ނެރޭ ހަތަރު ޓީމަށްވެސް ތިން ވަނަ ބުރަށް ކޮލިފައި ވުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ތިންވަނަ ބުރަށް ކޮލިފައިވާ ޓީމުތައް 2023 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަށްވެސް ކޮލިފައިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހުރެން

    ޙެޔޮ ނުވާނެ.. ފުޓުބޯޅަ ފޯރި ގެނައުމައްޓަކާވެސް ދަގޭ ޓީމަށް ނަގާބަލަ

  2. ބަރާބަރު

    ސަތޭކަ👍 ރަގަޅަށް ތައްޔާރުވާން ވާނެ.