ރާއްޖޭގެ ފިރިހެން ގައުމީ ވޮލީ ޓީމާއި ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ސްރީ ލަންކާގެ ފިރިހެން ގައުމީ ވޮލީ ޓީމު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފްގެ ދައުވަތަކަށް ސްރީ ލަންކާގެ ގައުމީ ފިރިހެން ވޮލީ ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 އިން 15 އަށެވެ.

މި ދަތުރަކީ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ގައުމީ ޓީމަށް ވާދަވެރި މެޗުތަކެއް ކުޅުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޔޫތު މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދިން ފުރުސަތެކެވެ. އެގޮތުން ސްރީ ލަންކާގެ ގައުމީ ޓީމުން ރާއްޖެއާ ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗެއް ކުޅޭނެއެވެ.

މިނިސްޓަރ މަޙްލޫފް ވިދާޅުވީ ސެންޓްރަލް ޒޯން މުބާރާތުގެ ޗެމްޕިއަންކަން ގައުމީ ޓީމުން ހޯދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ނިމިގެންދިޔަ އައިއޯއައިޖީގެ ކުރިންވެސް ޔޫތު މިނިސްޓްރީން ވަނީ ވޮލީ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ފަހި ކޮށްދީފައެވެ. އެގޮތުން ގައުމީ ފިރިހެން ވޮލީ ޓީމުން ވަނީ ސާބިއާގައި ތަމްރީނު ކޭމްޕެއް ފުރިހަމަކޮށްފައެވެ. އެއީ ޔޫތު މިނިސްޓަރު މިނިސްޓަރ ސާބިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ހޯއްދަވައިދެއްވި ފުރުސަތެކެވެ.

އޭވީސީ މުބާރާތަށް ރާއްޖޭގެ ވޮލީ ޓީމުން ތައްޔާރުވަމުންދާއިރު، ބަންގްލަދޭޝްގައި 2016 ވަނަ އަހަރު ޑިސެމްބަރު މަހު ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބިފައިވެއެވެ. އެހެން ނަމަވެސް އޭގެ ފަހުން ދެން ކުޅުނު ސެންޓްރަލް ޒޯނު ދެ މުބާރާތުގައި ވެސް ރާއްޖެއަށް މޮޅެއް ނުލިބެއެވެ. ހާއްސަކޮށް ރާއްޖޭގައި ބޭއްވި މުބާރާތުންވެސް އެންމެ އެދެވޭ ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.