މެންޗެސްޓާރ ޔުނައިޓެޑުގެ ހުނަރުވެރި ސްޓްރައިކަރު ރޮމެލޫ ލުކާކޫ އެ ކްލަބު ގެ ޕްރެކްޓިސް އަށް ހާޒިރު ނުވުމުން، އެ ކްލަބަށް ކުރެވޭ އެންމެ ބޮޑު ޖޫރިމަނާ އިން ލުކާކޫ ޖޫރިމަނާ ކުރަން ނިންމައިފިއެވެ.

ޔުނައިޓެޑު ދޫކޮށްލަން ލުކާކޫ މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި، އޭނާ ޕްރެކްޓިސް އަށް ހާޒިރު ނުވެ، ކުރީގެ ކްލަބާއި އެކު ޕްރެކްޓިސް ކުރާ ކަމުން ޔުނައިޓެޑުން ވަނީ އެކަމާއި ވަރަށް ބޮޑަށް ހިތް ހަމަ ނުޖެހުން ފާޅުކޮށް، އޭނާ އަށް އިތުރު ފިޔަވަޅު ތައްވެސް އަޅަން ނިންމާފައެވެ.

26 އަހަރުގެ ލުކާކޫ އަށް ޕްރެކްޓިސް ހާޒިރު ނުވި ސަބަބު ބަޔާން ކުރަން ޔުނައިޓެޑުން އަންގާފައި ވާއިރު، އެ ކްލަބުން ބުނީ ލުކާކޫ ކުރާ ކަންތަކުގެ ފަހަތުގައި ހުންނަނީ އޭނާގެ އެޖެންޓް ކަމުގައިވާ ފެޑެރީކޯ ޕަސްޓޮރެލޯ އެވެ.

އިނގިރޭސި ވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ލުކާކޫ ޔުނައިޓެޑަށް އެނބުރި އަންނަ ދުވަހު 400،000 ޕައުންޑުގެ ބޮޑެ ޖޫރިމަނާ އެއް ކުރެވިގެން ދާނެއެވެ. މިއީ ލުކާކޫގެ ދެ ހަފްތާގެ މުސާރަ ކަމުން އެ ކްލަބުން ވަނީ އެ އަދަދު އޭނާގެ މުސާރަ އިން ކަނޑަން ނިންމާފައެވެ.

ލުކާކޫ ހޯދުމަށްޓަކައި އިންޓަ މިލާން އާއި ޔުވެންޓަސް އިންވެސް މަސައްކަތް ކޮށްފައި ވާއިރު، ކުރީގެ ކްލަބު އެވެޓަން އަށް އޭނާ ދިއުމުގެ ފުރުސަތުވެސް އެބަ އޮތެވެ.