އިންޑިއާގެ ޗެންނާއީގައި ބޭއްވި އިންޓަނޭޝަން ކަޕް އޮފް ޖޯއީ ޔޫތު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މާޒިޔާގެ 14 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު އެނބުރި ރާއްޖެ އައުމުން ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މާޒިޔާގެ ޒުވާން ޓީމު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބުމާއެކު ވީއައިޕީން މަރުހަބާ ދެންނެވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު އަދި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހިމެވެ. އޭގެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދި އެންމެ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިޔާ، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އައި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު، ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭންގެ އިތުރުން މާޒިޔާ ސީނިއާ ޓީމުގެ ކުޅުންތެރިންވެސް މަރުހަބާގައި ބައިވެރިވެފައިވެއެވެ. އޭގެ އިތުރުން ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓްވެސް ވަނީ މަރުހަބާގައި ބައިވެރިވެ، ޒުވާން ކުޅުންތެރިންނަށް ހިއްވަރު ދެއްވާފައެވެ.

ފޮޓޯ/ މާޒިޔާ

މާޒިޔާއިން އިންޑިއާ މުބާރާތުގެ ތަށި ނެގީ އެގައުމުގެ އެންމެ ވަރުގަދަ ޓީމުތަކުގެ އެކަޑެމީތައް ބަލިކޮށްފައެވެ. ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުން މާޒިޔާ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. ރިލަޔަންސް އެކަޑެމީއާ ދެކޮޅަށް ކުޅެ މާޒިޔާ ބަލިވި ނަމަވެސް، އެ މެޗުގައިވެސް މާޒިޔާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ދެވަނަ މެޗުގައި ފަސްޓް ކިކް އެސްއެސްއޭއާ ވާދަކޮށް، މާޒިޔާއިން 6-0އިން މޮޅުވިއިރު، ސެމީއަށް ދަތުރުކުރީ ސްޕޯޓްސް ނޭޝަން އަތުން މޮޅުވެގެންނެވެ.

ސެމީގައި ވަރުގަދަ ޗެންނާއިޔެން އެފްސީގެ އެކަޑެމީ ބަލިކޮށް، މާޒިޔާއިން ތަށި ނެގީ ފައިނަލްގައި ބެންގަލޫރު އެފްސީގެ އެކަޑެމީ ބަލިކޮށްގެންނެވެ. ބެންގަލޫރު އެފްސީއަކީ އިންޑިއާގެ އެންމެ ނުފޫޒު ގަދަ ކްލަބެވެ. އެ ކްލަބުގެ ޖޫނިއާ ޓީމު ބަލިކޮށް، މާޒިޔާއިން ތަށި ނެގިއިރު، ބެންގަލޫރަކީ ސަރަހައްދީ މުބާރާތްތަކުގައިވެސް އެެންމެ ވަރުގަދަ އެއް ކްލަބެވެ. މިއީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ނިސްބަތްވާ ކްލަބެއްގެ އެކެޑަމީ އަކުން ރާއްޖޭން ބޭރުގައި ކުޅޭ ޔޫތު މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.