އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމަށް ގައުމީ ވޮލީ ޓީމުން ސްރީލަންކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ހާއްސަކޮށް، ވ. އަތޮޅުން ސަޕޯޓަރުން ގެންނާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ޕްރެސްގައި މަހުލޫފް ވިދާޅުވީ ލަންކާއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ކުޅުމަށް ހަމަޖެހިފައިވަނީ ތިން މެޗު ކަމަށާއި، ފުރަތަމަ މެޗު އޮންނާނީ 13 ވަނަ ދުވަހު ކަމަށެވެ. އަދި އެ މެޗަށް ސޯޝަލް ސެންޓަރުގެ އިންޑޯ ފުރާލަ ދިނުމަށް މަހުލޫފް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައިވާއިރު، މަހުލޫފް ވިދާޅުވީ ވޮލީގެ ފޯރި އެންމެ ވަރުގަދަ އަތޮޅު ކަމަށްވާ، ވ. އަތޮޅުން މެޗަށް އަންނަ ސަޕޯޓަރުންގެ ދަތުރުތައް ހިލޭ ހަމަޖައްސާނެ ކަމަށެވެ.

"ވ އަތޮޅު މީހަކު ފެންނަ އިރަށް ބުނޭ ތިމަންނަމެންގެ ކުޅުންތެރިންނޭ މުޅިންހެން އުޅޭނީ ގައުމީ ޓީމުގައި. "އަޅުގަނޑު ބައެއް ބޭފުޅުން ކައިރީގައި މިހާރު ބުނެފިން ވ އަތޮޅުން ވޮލީއަށް ހުރި ފޯރި އެނގޭނެޔޭ ވ އަތޮޅުން މާލެއަށް މި މެޗު ބަލަން އަންނަން ތިބި މީހުން ފެނުނީމަ، އިރާދަ ކުރެއްވިއްޔާ ވ އަތޮޅުން އަންނަން ތިބި މީހުންނަށް އަޅުގަނޑުމެން ދަތުރުވެސް ހަމަޖައްސައި ދޭނަން،" މަހުލޫފު ވިދާޅުވިއެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނާ ކޯޗުވެސް ބައިވެރިވި ޕްރެސްގަިއ މަހުލޫފް ވިދާޅުވީ، އަލުން އަނބުރާ ވޮލީގެ ފޯރި ގެނައުމަށް، މިފަހަރު ރާއްޖެ ކުޅޭ މެޗުތަކުގައި ޓީމަށް ސަޕޯޓް ކުރުމަށް ފެއްސާ، ރަތާ ހުދުން މުޅި ސޯޝަލް ސެންޓަރު ފުރާލަދޭން އެދޭ ކަމަށެވެ. އެއްވެސް ކުޅިވަރެއްގެ މެދުގައި ތަފާތުކުރުން ނުބާއްވާނެ ކަމަށާއި، ވޮލީއަކީވެސް ރާއްޖެއަށް ރީތިނަން ހޯދައިދޭނެ ކުޅިވަރެއްކަން ޔަގީން ކުރާ ކަމަށްވެސް މަހުލޫފު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ސެންޓްރަލް ޒޯން މުބާރާތުން ރާއްޖެއަށް ރަން މެޑަލް ގެނެވޭތޯ ކުޅުންތެރިންނާއި މިނިސްޓްރީންވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށްވެސް މަހުލޫފު ފާހަގަކުރެއްވިއެވެ.

ނިމިގެންދިޔަ އައިއޯއައިޖީގެ ކުރިންވެސް ޔޫތު މިނިސްޓްރީން ވަނީ ވޮލީ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ފަހި ކޮށްދީފައެވެ. އެގޮތުން ގައުމީ ފިރިހެން ވޮލީ ޓީމުން ވަނީ ސާބިއާގައި ތަމްރީނު ކޭމްޕެއް ފުރިހަމަކޮށްފައެވެ. އެއީ ޔޫތު މިނިސްޓަރު މިނިސްޓަރ ސާބިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ހޯއްދަވައިދެއްވި ފުރުސަތެކެވެ.

އޭވީސީ މުބާރާތަށް ރާއްޖޭގެ ވޮލީ ޓީމުން ތައްޔާރުވަމުންދާއިރު، ބަންގްލަދޭޝްގައި 2016 ވަނަ އަހަރު ޑިސެމްބަރު މަހު ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބިފައިވެއެވެ. އެހެން ނަމަވެސް އޭގެ ފަހުން ދެން ކުޅުނު ސެންޓްރަލް ޒޯނު ދެ މުބާރާތުގައި ވެސް ރާއްޖެއަށް މޮޅެއް ނުލިބެއެވެ. ހާއްސަކޮށް ރާއްޖޭގައި ބޭއްވި މުބާރާތުންވެސް އެންމެ އެދެވޭ ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.