ކ، ގާފަރުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް މިއަދު ފަށާނެއެވެ.

ގާފަރު ޑެވަލޮޕްމަންޓު އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ "ގާފަރު ފުޓްސަލް ޓޯނަމެންޓް" ގައި މިއަހަރު 10 ޓީމަކުން ވާދަކުރާނެއެވެ. އޭގެ ތެރެއިން ނުވަ ޓީމަކީ ގާފަރަށް ނިސްބަތްވާ ޓީމުތަކެވެ. އަނެއް ޓީމަކީ އޮބްލޫ ސަންގެލި ރިސޯޓަށް ނިސްބަތްވާ ޓީމެކެވެ. ގާފަރު ފުޓްސަލް ޓޯނަމެންޓަކީ 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 20 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މެޗުތައް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް ސްޓޭޖް ނިމޭއިރު، ކޮންމެ ގްރޫޕެއްގެވެސް އެންމެ މޮޅު ދެޓީމު، ސެމީއަށް ދަތުރުކުރާނެއެވެ. ފައިނަލް އޮންނާނީ އޮގަސްޓް 16 ވަނަ ދުވަހުއެވެ.

މުބާރާތް އިންތިޒާމް ކުރާ ގާފަރު ޑެވަލޮޕްމަޓް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިމްރާން މައުލޫމާތު ދީފައިވާގޮތުގައި، ގާފަރަކީ އަބަދުުވެސް ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ތަރިން ހިމެނޭ ރަށެކެވެ. އަދި އެފަދަ ހުނަރުވެރި ކުޅުންތެރިންނަށް ރާއްޖޭގެ އެންމެ މަތީ ފަންތިއަށް ދިޔުމަށް ބާއްވާ ގާފަރު ފުޓްސަލް ކަޕަކީ ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑަށް ޝާމިލްވެގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޒުވާނުންނާ މުޅި ހުރިހާ ރައްޔިތުންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ މުބާރާތް ކުރިއަށް ގެންދަން. އެކަމަކު އެކަށީގެންވާ ވަރަށް ސްޕޮންސަރުންގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާތީ ފައިސާގެ އިނާމްވެސް ބޮޑު ނުވެގެން މިއުޅެނީ. އަސްލު ގާފަރުގެ ކުޅުންތެރިންނަށް ލިބޭ މިފަދަ ފުރުސަތުތަކުގައި ސްޕޮންސަރުން އިތުރަށް އެހީވާން އެބަޖެހޭ. މި މުބާރާތް ބަލަން، އައްޑޫގައި ބާއްވާ ވަގުތު ފުޓްސަލް ޓޯނަމެންޓް ކުޅޭ ޓީމުތަކުގެ ކޯޗުންވެސް އެބަ އާދޭ، އެއީ ކުޅުންތެރިން ހޯދަން. މިދިޔަ ފަސް އަހަރު ހުރި އެމްޕީ، މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ފަރާތުން އަބަދުވެސް ވަރަށް ރަނގަޅު އެއްބާރުލުމެއް ލިބުނު. ދެން މިހާރުގެ އެމްޕީ އަބްދުﷲ ޖާބިރުވެސް އޮތީ ވިދާޅުވެފައި މިފަހަރު މުބާރާތަށް ރަނގަޅު އެހީއެއް ވެދެއްވާނެ ކަމަށް. އުންމީދުވެސް ކުރަނީ އެގޮތަށް،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިފަަހަރުގެ މުބާރާތުގެ ފައިނަލް ޔެސް ޓީވީން ލައިވް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިމްރާން ފާހަގަކުރެއްވި ގޮތުގައި އަލީ މާއިސް (މައްޓު)ގެ އިތުރުން ދުވުންތެރިޔާ ހަސަން ސާއިދު އަދި އަހުމަދު ނިޝާން (ކާނޫ) އަދި ސާއިފް ފަދަ ކުޅުންތެރިންނަކީ ގާފަރަށް ނިސްބަތްވާ ކުޅުންތެރިންނަށްވާއިރު، ގާފަރަކީ އަބަދުވެސް ފުޓްސަލްގައި ބޮޑު ރަށެއް ކަމަށެވެ. ސާއިދަކީ ދުވުމުން ރާއްޖެއަށް ރަން މެޑަލް ގެނެސްދިން އެތުލީޓެއް ނަމަވެސް، އޭނާއަކީ ކުރިން ފުޓްސަލް ކުޅޭ ކުޅުންތެރިއެކެވެ.

ގާފަރު ޑެވަލޮޕްމަންޓް އެސޯސިއޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ކުޑައީދާ ދިމާކޮށް ވެޓަރަންވެސް މުބާރާތެއްވެސް ބާއްވަމުންދާއިރު، ބޮޑު އީދާ ދިމާކޮށް ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމް ކަނޑައެޅިފައެވެ. ރަނަރަޕް ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައެވެ.

މިއަހަރުގެ މުބާރާތުންވެސް ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން މަޝްހޫރު ތަރިން ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަށު މީހާ

    މީއާޓިކަލްގައި ފާހަގަ ކޮށްލަން ޖެހޭ ވަރަށް ގިނަ ކުޅުންތެރިން ވަނީ ނުހިމަނާ، މިސާލަކަށް މިހާރުގެ ޒުވާން ކުޅުންތެރިންގެނަން ނުހިމަނާ އޮތުމަކީ މި ކުޅިވަރު ގާފަރުގައި ކުރިއަރައިގެން ގޮސްފައި ނުވާ ކަމަށް މީހުންނަށް ޤަބޫލު ކުރެވިދާނެ ކަމެއް. މިސާލަކަށް ނާހު، އައްޒާމް ، ރިމާޙް، ފައްޔާޒު، އަޔާސް، މިއީވެސް މިހާރު ގާފަރުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިން.