އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ގައުމީ ޓީމުގެ ޑިފެންޑަރު ޖާއޮ ކަންސެލޯ މެންޗެސްޓާ ސިޓީއަށް ބަދަލުވިއިރު، ސިޓީއަށް ކުޅެމުންދިޔަ ބްރެޒިލްގެ ޑިފެންޑަރު ޑެނީލޯ ޔުވެންޓަސްއަށް ބަދަލުވެއްޖެއެވެ.

ކަންސެލޯއަކީ މިވަގުތު ޔޫރަޕްގައި ކުޅެމުންދާ އެންމެ މޮޅު އެއް ފުލް ބެކެވެ. ކަނާތް ފަޅިން ފަހަތަށް ކުޅޭ ކަންސެލޯއަކީ ޕޯޗުގަލްގެ ގައުމީ ޓީމުގައިވެސް މުހިއްމު ރޯލެއް އަދާކުރާ ޑިފެންޑަރެކެވެ. ކަންސެލޯގެ ޓްރާންސްފާ ފީއަކަށް 60 މިލިއަން ޕައުންޑް ސިޓީން ޔުވެންޓަސްއަށް ދައްކާފައިވާއިރު، ޑެނީލޯ ސިޓީ ދޫކޮށްލީ 34.1 މިލިއަން ޕައުންޑްގެ އަކަށެވެ.

އުމުރުން 25 އަހަރު ޒުވާން ޑިފެންޑަރު ކަންސެލޯ ސިޓީއަށް ސޮއިކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އޭނާ ވެފައި ވަނީ ސިޓީން މި ޓްރާންސްފާ ސީޒަންގައި ގެންދިޔަ ތިންވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން އެޓީމުން ވަނީ އެންޖެލީނިއޯއާއޮ މެދުތެރެއަށް ކުޅޭ ރޮޑްރީވެސް ކްލަބަށް ގެންގޮސްފައެވެ.

ސިޓީއާ ގުޅުމަށްފަހު ކަންސެލޯ ބުނެފައިވަނީ ސިޓީއަކީ ވަރަށް ތަފާތު ކްލަބެއް ކަމަށާއި، ގާޑިއޯލާގެ ދަށުން ތަމްރީނުވުމަށް ލިބުނު ފުރުސަތާ މެދު އުންމީދު ކުރެވޭ ކަމަށެވެ. ސިޓީގެ ކުޅުމުގެ ސްޓައިލާއި، ސިޓީގެ ވަސީލަތްތަކަށްވެސް ހިތްހަމަ ޖެހޭ ކަމަށް ކަންސެލޯ ބުނެފައިވެއެވެ.

ސިޓީން މިދިޔަ ސީޒަންގައި ޑޮމެސްޓިކް ދެ މުބާރާތް ކާމިޔާބުކުރިއިރު، އެޓީމަށް ނުވެ އޮތް ކަމަކީ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދުމެވެ.

އެޓީމުން މި ސީޒަންގައިވެސް ޗެމްޕިއަންސް ލީގަށް ޓާގެޓްކުރާނެއިރު، ކަންސެލޯ ވެގެންދާނީ ޑިފެންސްގެ މުހިއްމު ބައެއް ފޫބައްދާނެ ކުޅުންތެރިޔަކަށެވެ.