އާސެނަލްއިން ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިޒްއަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ލަންޑަންއަށް ނިސްބަތްވާ އާސެނަލްއާއި ޗެލްސީއަކީ އިނގިރޭސި ފުޓުބޯޅައިގައި އެންމެ ވާދަވެރި ދެޓީމެވެ. ޗެލްސީގެ އެންމެ އިތުބާރު ޑިފެންޑަރު ލުއިޒް ހޯދުމަށް އާސެނަލްއިން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ނޫސްތަކުން ބުނަމުންދާއިރު، ލުއިޒް ހުރީ 2021 ވަނަ އަހަރާ ހަމައަށް ޗެލްސީ ކޮންޓްރެކްޓް ގައެވެ.

އާސެނަލްއިން މި ހިނގާ ޓްރާންސްފާ ސީޒަންގައި ޑިފެންޑަރެއް ގެންގޮސްފައިނުވާއިރު، އެޓީމުން ވަނީ އެޓޭކް ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއް ގެންގޮސްފައެވެ. ޓީމުގެ ކެޕްޓަން ލޮރެންޓް ކޮޝިއެލްނީ އާސެނަލް ދޫކޮށް، ފްރާންސްގެ ބޯޑޯއަށް ސޮއިކޮށްފައިވާއިރު، އޭނާ ނެތްތައް ފޫބައްދަން އާސެނަލަށް ވަނީ ޖެހިފައެވެ.

ޕްރިމިއާ ލީގު ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މާދަމާއަކީ ޓްރާނަސްފާއަށް އޮތް އެންމެ ފަހު ދުވަހެވެ. އެހެންކަމުން އާސެނަލަށް ޑިފެންޑަރެއް ހޯދުމަށް ދަނީ ވަގުތުވެސް ކުޑަތަން ވަމުންނެވެ.

ވާދަވެރި ޗެލްސީއަށް ޓްރާންސްފާ ބޭންއަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެޓީމަށް މި ސީޒަންގައި އެއްވެސް ކުޅުންތެރިޔަކު ނުގެންދެވޭނެއެވެ. ކްލަބު ލެޖެންޑް ފްރޭންސް ލެމްޕާޑާއެކު ޗެލްސީން ސީޒަނަށް ތައްޔާރުވަމުންދާއިރު، އެޓީމުން ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދޭނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީވެސް ޑިފެންސްގެ މައްސަލައެވެ.

ޕްރި ސީޒަން މެޗުތަކުގައި ލުއިޒް ފެނުނީ ޗެލްސީއަށް މުހިއްމުވެސް ކުޅުންތެރިއެއްގެ ގޮތުގައެވެ. އެހެންކަމުން ޗެލްސީން ލުއިޒް ދިޔަ ނުދީ ހިފަހައްޓަން ބޮޑު މަސައްކަތެއް ކުރާނެ ކަމަށް ބެލެވެއެވެ. ޗެލްސީން ވިދާލި ލުއިޒް ޕީއެސްޖީއަށްވެސް ދޭތެރެއަކުން ބަދަލުވެފައިވާއިރު، އޭނާ ވަނީ އެނބުރި އައިސް ޗެލްސީއާއެކު ލީގުވެސް ހޯދާފައެވެ.

ލުއިޒް ހޯދުމަށް އާސެނަލްއިން މަސައްކަތް ކުރާއިރު، ބްރެޒިލްގެ ފިލިޕް ކުޓީނިއޯ ލޯން އެއްބަސްވުމެއްގެ ދަށުން އާސެނަލްއާ ގުޅޭނެ ކަމަށް ގިނަ މީޑިއާތަކަކުން ވަނީ ބުނެފައެވެ.