ރާއްޖޭގެ ވޮލީ ޓީމުގެ ފަރާތުން ރައްޔިތުން އަބަދުވެސް ބޭނުން ވަނީ މެޑަލް ކަމަށާއި، ޓީމު ކޮންމެ މުބާރާތަކަށްވެސް ތައްޔާރުވާނީ އެގޮތަށް ކަމަށް ކޯޗު، އަދި ކުރީގެ ވޮލީ ތަރި، މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފިއެވެ.

އޭވީސީ މުބާރާތަށް ވޮލީ ޓީމުން ތައްޔާރުވަމުންދާއިރު، ޔޫތު މިނިސްޓްރީގެ ފަރާތުން ގައުމީ ޓީމަށް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސްރީލަންކާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް މާލޭގައި ކުޅުމަށް ގައުމީ ޓީމު ދަނީ ތައްޔާރުވަމުންނެވެ. އެކަމަށްޓަކައި، ޔޫތު މިނިސްޓަރާއެކު އިއްޔެ ބޭއްވި ޕްރެސްގައި ކޯޗު ކާއްޓޭ ފާހަގަކޮށްފައި ވަނީ މެޑަލް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ފުރިހަމަ ކޮށްދިނުމަށް ޔޫތު މިނިސްޓްރީން ދެއްވާ އެހީތެރި ކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ވޮލީގެ ފޯރި އިތުރަށް ގަދަކުރުމަށް މުހިއްމު ވަގުތެއް މިއީ. ފާހަގަކޮށްލަން ޖެހޭ ގައުމީ ޓީމުން މެޑަލްއެއް ހޯދުމަށް ކުރަން ޖެހޭ ކުޑަ ކަމެއް އޮތަސް މިނިސްޓަރު ކޮށްދެއްވާ. އެކަމަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާ މުޅި ޓީމަށް. ރާއްޖޭގައި މިވަގުތު އޮތް އެކަޑެމީތަކާއި، ވެޓެރަންސް ކްލަބުތަކާ ރިސޯޓްތަކާ މިހުރިހާ ވޮލީގެ އާއިލާއަށް ގޮވާލަން ވޮލީއަށް ލިބުނު މި ރަނުގެ ފުރުސަތުގައި ހުރިހާ ބޭފުޅުންވެސް 13 ވަނަ ދުވަހު ވަޑައިގެން ޓީމަށް ސަޕޯޓް ދެއްވުމަށް،" ކާއްޓޭ ފާހަގަކުރިއެވެ.

ކޯޗު ބުނެފައި ވަނީ މަހްލޫފްގެ ފަރާތުން، މިނިސްޓްރީން ފަހިކޮށްދިން ފުރުސަތަކީ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ލިބުނު މުހިއްމު ފުރުސަތެއް ކަމަށެވެ.

ކޯޗުގެ ޝުކުރާއެކު މަހުލޫފް ވިދާޅުވީ އަދި ޝުކުރު ހައްގު ނުވާ ކަމަށާއި، ވޮލީގެ ކުރިމަގަށް ދުރު ރާސްތާ ޕްލޭނެއްގެ ދަށުން އަދި އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އަންހެން ޓީމާއި ފިރިހެން ޓީމަށްވެސް މުސްތަގުބަލުގައި ނަތީޖާ ނެރެވޭނެ ކަންތައްތަކެއް ހަމަޖެހިގެންދާނެ ކަމަށް މަހުލޫފް ފާހަގަކުރެއްވިއެވެ.

ކޯޗު ކާއްޓޭ އިތުރަށް ވިދާޅުވީ އެއްވެސް މުބާރާތަކުން މެޑަލް ނޫން އެހެން އެއްޗެއް މިހާރު ދިވެހިން ބޭނުން ނުވާ ކަމަށެވެ.

"މިހާރު އެއްވެސް މުބާރާތެއްގައި ދިވެހިން ބޭނުމެއް ނޫން މެޑަލް ނޫން އެހެން އެއްޗެއް. ސާފް ގޭމްސްއަށް ދިޔަޔަސް އައިއޯއައިޖީއަށް ދިޔަޔަސް، ހުރިހާ ކުޅުންތެރިންވެސް ރައްޔިތުންގެ ފައިސާގައި އެކަން ކުރަނީ. ރައްޔިތުން ބޭނުން ވަނީ މެޑަލް ގެންނަން. އެހެންވީމާ ކޮންމެ މުބާރާތަކަށް ދިޔަޔަސް ޓީމު އޮންނަނީ އެގޮތަށް ތައްޔާރުވެފައި. ނަތީޖާއަކީ އަދި ކުޅެ ނިމުނީމަ ނުކުންނަ އެއްޗެއް،" ކާއްޓޭ ބުންޏެވެ.

ޓީމުގެ ކެޕްޓަންގެ މަގާމަށް ދާދިފަހުން ހަމަޖެއްސި އަލީ ހުޒާމް (ހުޒާންޓޭ)ވެސް ވަނީ ސަޕޯޓަރުން ކިބައިން ޓީމަށް ހިތްވަރު ދިނުމަށް މެޗަށް ދިޔުމަށް އެދިފައެވެ.

"މިދިޔަ ސެންޓްރަލް ޒޯން މުބާރާތްތަކުގައި ވަރަށް ދަށްކޮށް ދިވެހި ޓީމަށް ގޮސްފައި މިއޮތީ. މަސައްކަތް މިކުރަނީ ނަތީޖާތައް ބަދަލުކޮށް، ރާއްޖޭގެ ވޮލީ އިތުރަށް ފޯރިގަދަވާނެ ގޮތަކަށް. ކުޅޭ މެޗުގައި ރާއްޖޭގެ ޓީމަށް ސަޕޯޓް ކުރަން ގިނަ ބަޔަކު އައުމަކީ ވަރަށް ބޮޑު އެދުމެއް،" ހުޒާންޓޭ ބުންޏެވެ.

އޭވީސީ މުބާރާތަށް ރާއްޖޭގެ ވޮލީ ޓީމުން ތައްޔާރުވަމުންދާއިރު، ބަންގްލަދޭޝްގައި 2016 ވަނަ އަހަރު ޑިސެމްބަރު މަހު ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބިފައިވެއެވެ. އެހެން ނަމަވެސް އޭގެ ފަހުން ދެން ކުޅުނު ސެންޓްރަލް ޒޯނު ދެ މުބާރާތުގައި ވެސް ރާއްޖެއަށް މޮޅެއް ނުލިބެއެވެ. ހާއްސަކޮށް ރާއްޖޭގައި ބޭއްވި މުބާރާތުންވެސް އެންމެ އެދެވޭ ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި ޕްރެސްގައި މަހުލޫފް ވިދާޅުވީ ލަންކާއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ކުޅުމަށް ހަމަޖެހިފައިވަނީ ތިން މެޗު ކަމަށާއި، ފުރަތަމަ މެޗު އޮންނާނީ 13 ވަނަ ދުވަހު ކަމަށެވެ. އަދި އެ މެޗަށް ސޯޝަލް ސެންޓަރުގެ އިންޑޯ ފުރާލަ ދިނުމަށް މަހުލޫފް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައިވާއިރު، މަހުލޫފް ވިދާޅުވީ ވޮލީގެ ފޯރި އެންމެ ވަރުގަދަ އަތޮޅު ކަމަށްވާ، ވ. އަތޮޅުން މެޗަށް އަންނަ ސަޕޯޓަރުންގެ ދަތުރުތައް ހިލޭ ހަމަޖައްސާނެ ކަމަށެވެ.