2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާނެ ޒުވާން ޓީމެއް އެކުލަވާލުމުގެ ޓާގެޓާއެކު ގައުމީ 16 އަހަރުން ދަށު ޓީމުގެ ކޯޗު، ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައިފިއެވެ.

މިއަދު އެކަމުގެ އެއްބަސްވުމުގައި ނިޒާމްބެއާއެކު ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ކުރިން ޓީސީއާއެކު ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލްކުރި ނިޒާމްބެއަކީ މިދިޔަ އަހަރު ރާއްޖޭގެ ޗެމްޕިއަންކަންވެސް އެ ކްލަބަށް ހޯދައިދިން ކޯޗެވެ. އޭގެ ކުރިން ބަންގާޅުގައި ބޭއްވި ޝެއިޚް ކަމާލް ކަޕްވެސް ޓީސީއަށް ކާމިޔާބުކޮށްދިނީ ނިޒާމްބެގެ މޭސްތެރިކަމުގެ ދަށުގައެވެ.

"ޒުވާން ޖީލުތަކެއް ބިނާ ކުރުމުގެ މަސައްކަތަށް ވަރަށް ބޮޑު އުފަލެއް، އަދި އެ މަސައްކަތަށް ވަރަށް ބޮޑު ފުރިހަމަ ކަމެއް މި ލިބިގެންދިޔައީ. އަޅުގަނޑުމެންގެ ޒުވާން ޓީމުތަކަށް ފެންވަރު ރަނގަޅު ކޯޗުންތަކެއް އަންނަން ޖެހޭ. އަޅުގަނޑުމެން ނިމިދިޔަ މުބާރާތަށާއި، ޓީމުގެ ކުރިއެމަށްވެސް ބެލުމަށްފަހުގައި 16 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ނިޒާމްބެ މި ހަމަޖެއްސީ. ނިޒާމްބެއަކީ އިތުރު ތައާރަފެއް ބޭނުންވާނެ މީހެއް ނޫން. އަމަލުން ދައްކައިދީފި އޭނާއަކީ ކިހާވަރެއްގެ ކޯޗެއްކަން. ޓީސީ ޓީމަށް ގެނައި ބަދަލާ އޭގެ ކުރިންވެސް އެކި ޓީމުތަކުގައި ހޯދާފައިވާ ކާމިޔާބީތަކުން،" ނިޒާމްބެއާ ގުޅިގެން އެފްއޭއެމްފެ ރައީސް ބައްސާމް ވިދާޅުވިއެވެ.

ނިޒާމްބެއާއެކު އެފްއޭއެމްއިން ސޮއިކުރުން --- ވވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ބައްސާމް ވިދާޅުވީ ނިޒާމްބެއާއެކު ޓީމު ކުރިއަށް ގޮސް، އައިއޯއައިޖީއަށް ތައްޔާރުވާއިރު، އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ފުޓުބޯޅަ ގައުމީ ޓީމުގައި މައިގަނޑުކޮށް ހިމެނޭނީ މި ކުޅުންތެރިން ކަމަށެވެ.

"ޓީމު ކުރިއަށް އޮތް ގަތަރު މުބާރާތަށް ދާއިރުވެސް ޓީމާ ހަވާލުވެގެންދާނެ ހަމަ. އެ ހިސާބުން މަސައްކަތް ފެށިގެންދާނެ. އެހެން ނަމަވެސް މައިގަނޑު ޓާގެޓަކަށްވާނީ 2023 ވަނަ އަހަރު ރާއްޖޭގައި މި ބޭއްވޭ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ޒުވާން ވަރުގަދަ ޓީމެއް ތައްޔާރުކުރުމަށް މަސައްކަތް ކުރުން. އެގޮތަށް މަސައްކަތް ކޮށްގެންވެސް ދެން ހަމަ އެ ދޭތެރެއަށް އަންނަ އޭއެފްސީއާއި ސާފްގެ މުބާރާތްތަކުގައި މި ޓީމް ބައިވެރިވެގެން އެ ހޯދަންވާ ކާމިޔާބީތަކާއެކީގައި ޓާގެޓްތައް ހާސިލް ކުރުން،" ބައްސާމް ފާހަގަކުރިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ސްކޮޑު މަޑު ޖެހޭނީ މިހާރު އޮތް ކުޅުންތެރިންނާ އެކަނި އެކުގައި ނޫން ކަމަށާއި، ނިޒާމްބެގެ މަސައްކަތުގެ ތެރޭގައި ސްކައުޓިންގެ ގިނަ މަސައްކަތްތަކެއްވެސް ކުރިއަށްދާނެ ކަމަށެވެ. "އަޅުގަނޑުމެން ބޭނުން ވަނީ ދިވެހި ރާއްޖެ ތަމްސީލުކުރާ އެންމެ ވަރުގަދަ 16 އަހަރުން ދަށުގެ ޓީމެއް އުފެދިގެން ދިޔުން،" އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވިއެވެ.

ޓީމުގެ މަސައްކަތާ ގުޅިގެން ނިޒާމްބެ ބުނެފައި ވަނީ މިއީ ފުޓުބޯޅައިން ގައުމަށް ރީތި ނަމެއް ހޯދައިދޭން މަސައްކަތް ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"ގަބޫލު މިކުރަނީ މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ގައުމީ ހިދުމަތަށް ފުޓުބޯޅައިގެ ތެރެއިން ނުކުމެ މަސައްކަތްތަކެއް ކުރުމަށް. ފުޓުބޯޅައިން ގައުމަށް ރީތި ނަމެއް ހޯދުމަށް މަސައްކަތް ކުރުމަކީ. ބޭނުންވާނެ ހުރިހާ ފަރާރްތަކުގެ އެއްބާރުލުމާއި އެހީތެރިކަން. ތަޖުރިބާއަކީ ވަރަށް މުހިއްމު އެއްޗެއް. ބައިނަލްއަގުވާމީ ގޮތުން ލިބިފައިވާ ތަޖުރިބާއަކީ ވަރަށް ބޮޑު ބުރަދަނެއް މިކަން ކުރުމަށް ފަހިވެގެންދާ. އަބަދުވެސް ތަށްޓަށް، ކާމިޔާބީއަށް މަސައްކަތް ކުރާނީ،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެއާއެކު އެފްއޭއެމްއިން ސޮއިކުރުން --- ވވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ނިޒާމްބެ އިތުރަށް ފާހަގަކޮށްފައި ވަނީ އައިއޯއައިޖީއަށް ދިވެހި ފުޓުބޯޅަ ޓީމެއް ތައްޔާރު ކުރުމަކީ މިހާރު ދިވެހި ފުޓުބޯޅައިގައި އޮތް އެންމެ ވަރުގަދަ ޗެލެންޖް ކަމަށެވެ.

"ޓާގެޓަކީ 2023 ވަނަ އަހަރު އައިއޯއައިޖީއަށް ދާ ޓީމެއް ބިނާކުރުން. އަދި މިއީ ހަމަ ފެށުމެއް، ހަވާލުވިއިރު، މިއޮތީ ވަރަށް ކައިރީގައި އޮތް މުބާރާތެއް. އަދި މާބޮޑު ކަންތައްތަކެއް މުބާރާތުގައި ނުވެދާނެ. އެކަމަކު ކުޅުންތެރިންނަށް އެންމެ ރަނގަޅު ތަމްރީނުތަކެއް ފޯރުކޮށްދެވޭތޯ. ތަފާތު ލެވެލްތަކުގައި ތަފާތު ގޮތްގޮތަށް މަސައްކަތް ކޮށްފައި މިހުރީ، އަބަދުވެސް ބަލާ އެއްޗަކީ ޗެލެންޖަށް ފޭސްކުރުން. މިހާރު މިއޮތް ޗެލެންޖަކީ މިވަގުތު ރާއްޖޭގެ ފުޓުބޯޅައަށް އޮތް އެންމެ ބޮޑު ޗެލެންޖް ކަމަށް މިބަލަނީ. އެއީ 2023 ވަނަ އަހަރު ރާއްޖޭގައި އައިއޯއައިޖީ ބާއްވާއިރު، އެޓީމުގެ ޕާފޮމަންސް ވެގެންދާނެ ރާއްޖޭގެ ފުޓުބޯޅައިގައި މިވަގުތު އޮތް އެންމެ ބޮޑު ޗެލެންޖަށް،" ނިޒާމްބެ ބުންޏެވެ.

ގައުމީ 16 އަހަރުން ދަށުގެ ޓީމުން ވަނީ ދާދިފަހުން އައްޑޫ ސިޓީގައި ބޭއްވި ޔޫއެފާ އެސިސްޓޤ މުބާރާތުގައި ކުޅެފައެވެ. ނަތީޖާ އެންމެ ރަނގަޅު ނޫން ނަމަވެސް ގިނަ ކުޅުންތެރިންތަކަށް ވަނީ ތަޖުރިބާ ލިބިފައެވެ. އޭރު ކޯޗަކަށް ހުރީ އިބްރާހީމް ހަލީމް (ޖަޑާ)އެވެ.