ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ފަސޭހަކަމާއެކު ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުން މާޒިޔާ މޮޅުވީ 6-1ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު މާޒިޔާ ވަނީ ތަވާލުގެ އެއްވަނައިގައި ހަމަޖެހިލައިފައެވެ. މިހާތަނަށް ކުޅުނު ހަތް މެޗުން މާޒިޔާއަށް 17 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ދަ ގްރާންޑޭއަށް ލިބިފައި ވަނީ ހަ މެޗުން 13 ޕޮއިންޓެވެ.

މާޒިޔާއިން މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު، މެޗަށް ނުކުތްއިރު، ޔޫވީ އޮތީ ހަތްވަނައިގައެވެ. އެޓީމަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައި އޮތްއިރު، މިއަދުގެ މެޗަކީ ލީގުގައި ކުޅޭނެ އެންމެ ޓަފް އެއް މެޗުވެސް މެއެވެ. ވަރުގަދަ ސްކޮޑަކާއެކު ލީގުގައި ނަތީޖާތައް ނެރެމުންދާ މާޒިޔާއާ ދެކޮޅަށް އެޓީމު ނުކުތްއިރު، މެޗު ޑޮމިނޭޓްކޮށް، ހަމަލާތައް އުފެއްދީވެސް މާޒިޔާއިންނެވެ.

މެޗުގެ ތިންވަނަ މިނެޓުގައި މާޒިޔާގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. މެދުތެރެއިން ކުރިއަށް ޖެހި ނާއިޒް ހަސަން (ދާދު) ފޮނުވާލި ބާރު ހަމަލާ ދިފާއުކޮށް، ބޭރުކޮށްލީ ޔޫވީގެ ގޯލްކީޕަރު ހަސަން ތޮލާލް (ތޮލް)އެވެ. ފުރަތަމަ ހާފްގައިވެސް ރަނގަޅު ޕާސްތަކެއް ޖަހައިގެން އެޓޭކް އުފައްދަމުންދިޔަ މާޒިޔާގެ އިތުރުން ހަމަލާތައްވެސް ފެނުނެވެ. އެގޮތުން އަސަދުﷲ އަބްދުﷲ އާއި ކޯނެލިއަސް ސްޓެވާޓްގެ ހަމަލާތައް ފާހަގަކުރެވުނެވެ.

މިއަދުގެ މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މާޒިޔާއިން މެޗުގެ ލީޑު ނެގީ ހާފް ނިމެން ދަނިކޮށެވެ. އަރިމަތިން ޔޫވީގެ ތިން ޑިފެންޑަރުން ނައްޓާލުމަށްފަހު، އޭރިއާ ތެރެއަށްވަދެ، ހަނި އޭންގަލްއަކުން ދާދު ފޮނުވާލި ބާރު ބޯޅަ އަމާޒުކޮށްލީ ދުރު ކަނަށެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި މާޒިޔާއިން ލީޑު ފުޅާވެސް ކުރިއެވެ. ދާދުގެ ޕާހަށް އޭރިއާ ތެރެއަށް ވަދެ، ޑިފެންޑަރު ނައްޓާލުމަށްފަހު ގޯލްގެ މަތީ ކަނަށް އަސަދުﷲ އަމާޒުކޮށްލި ހަމަލާ ވަރަށް ހިތްގައިމެވެ.

ދެވަނަ ހާފްގެ ކުރީކޮޅުގައި ޔޫވީން ކުރިއަށް ޖެހި ދެ ހަމަލާއެއް އުފެއްދި ނަމަވެސް، ނުރައްކާ ބޮޑު ހަމަލާތައް ފެނުނީ މާޒިޔާގެ ފަރާތުންނެވެ. ކޯނޭއަށް ލިބުނު ހުސް ފުރުސަތު ތޮލާ ދިފާއުކުރިއިރު، ދެން ފެނުނީ ޔޫވީން ނަތީޖާގެ ފަރަގު ކުޑަކުރިތަނެވެ. އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކިބަސޯލީ ޑިމިޓްރީ ދުރުން ފޮނުވާލި އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ.

އެގޯލާއެކު ޔޫވީން ހިތްވަރު އާކުރި ނަމަވެސް، މާ ގިނައިރެއް ނުވެ، ކެޕްޓަން އަސަދުﷲ ގެ ދެވަނަ ގޯލަކާއެކު މާޒިޔާ ހަމަޖެހިލިއެވެ. އަނެއްކާވެސް ފެނިގެންދިޔައީ މާޒިޔާގެ އެޓޭކްގެ ވަރުގަދަ ކަމެވެ. އަރިމަތިން ދާދުގެ ބޯޅައަށް ކޯނޭ މަސައްކަތްކޮށް، އޭނާ މަތިން ނަގައިދިން ހުރަސް، ބޮލުން ގޯލަށް ވައްދާލީ އަސަދުﷲ އެވެ.

މާޒިޔާގެ ހަތަރުވަނަ ގޯލަކީ ސަމޫހް އަލީ (ސަމުއްޓެ)ގެ ގޯލެކެވެ. ކޯނަރަކަށް ކުރިއަށް ޖެހި ސަމުއްޓެ ގޯލް ޖެހިއިރު، މިއަދުގެ މެޗަކީ އަނިޔާގައި ހުރުމަށްފަހު އެނބުރައައިސް ސަމުއްޓެ ކުޅުނު ފުރަތަމަ މެޗެވެ. ސަމުއްޓެއަށް އަނިޔާގެ ސަބަބުން ގައުމީ ޓީމާއެކު އައިއޯއައިޖީ މުބާރާތްވެސް ވަނީ ގެއްލިފައެވެ.

މާޒިޔާގެ ފަސްވަނަ ގޯލާ ހަވަނަ ގޯލަކީވެސް ކޯނޭގެ ދެ ގޯލެވެ. އޭނާގެ ބާރު ދުވެލި ބޭނުންކޮށްގެން ކާމިޔާބުކުރި ދެ ގޯލާއެކު މެޗުގެ ނަތީޖާ 6-1އަކަށް ބަދަލު ކޮށްލިއެވެ.

ލީގު މެޗެއް މިރޭވެސް އޮންނާ

މިއަދުގެ މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ނެއެވެ. ވާދަކުރާނީ ކްލަބު އީގަލްސްއާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

މި ހަފްތާގެ މެޗުތަކަށްފަހު ލީގު މެދު ކަނޑާލާނެއެވެ. މަހަކަށްވުރެ ގިނަ ދުވަހަށް ލީގު މެދު ކަނޑާލުމަށް ހަމަޖެހިފައި ވަނީ ގައުމީ ޓީމުން ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ގުއާމްއާއި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ތައްޔާރީތަކަށް ވަގުތު ދިނުމަށެވެ.