މިއަދު އެކުވެނީގައި ނިމިގެން ދިޔަ 22ވަނަ އިންޓަ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު ރަށަކަށް ގދ. ތިނަދޫ ހޮވިއްޖެއެވެ.

މި މަހުގެ 4ން 8ގެ ނިޔަލަށް ކުރިއަށް ދިޔަ މި މުބާރާތުގައި ޖުމްލަ 1246 އެތްލީޓުން ބައިވެރި ވެފައި ވާއިރު، ތިނަދޫ އިން ވަނީ ޖުމްލަ 3 ޓީމެއް ވާދަ ކޮށްފައެވެ. އެއީ އެރަށުގެ ގދ. އަތޮޅު ތައުލީމީ މަރުކަޒާއި، ތިނަދޫ ސްކޫލްގެ އިތުރުން އަބޫބަކުރު ސްކޫލެވެ.

ތިނަދޫގެ ގދ. އަތޮޅު ތައުލީމީ މަރުކަޒުން މުބާރާތުގެ 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި އިރު، 17 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތްލީޓުގެ މަގާމު ވެސް ލިބިގެން ގޮސްފައި ވަނީ އެ ސްކޫލްގެ އިބްރާހިމް ރާފިލް އަށެވެ. މިފަހަރުގެ މުބާރާތުގެ އެންމެ ބާރު ސްޕީޑެއްގެ ގޮތުގައި ރެކޯޑު ކުރެވިފައި ވަނީވެސް ރާފިލްގެ ޓައިމިންގް ކަމުގައި ވާއިރު، އޭނާ ވަނީ ފާއިތުވެދިޔަ 3 އަހަރުވެސް އެކި މުބާރާތް ތަކުގައި އެންމެ މޮޅު އެތްލީޓުގެ މަގާމު ހޯދާފައިކަން ފާހަގަކޮށްލެވެއެވެ.

އެ ސްކޫލުގެ ސަމްހާ މުހައްމަދު 19 އަހަރުން ދަށުގެ 5000 މީޓަރު ދުވުމުގެ މީޓް ރެކޯޑު ވެސް ހަދާފައި ވާއިރު، ދެން ތިނަދޫ އިން ވާދަ ކުރި އަބޫބަކުރު ސްކޫލް އިން ވަނީ 13 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ކަން ހޯދާފައެވެ. އެ ރަށާއި އެންމެ ގާތުން ވާދަ ކުރީ އައްޑޫ އެވެ. އެ ރަށުގެ ޝަރަފުއްދީން ސްކޫލުން 2 ކެޓަގަރީ އެއް ކާމިޔާބު ކުރި އިރު ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އިންވެސް ވަނީ ހަމަ އެ އަދަދަށް ކެޓަގަރީ ކާމިޔާބު ކޮށްފައެވެ.

ތިނަދޫ އަކީ ހުނަރުވެރި އެތްލީޓުން ތަކެއް އުފައްދައި ދީފައިވާ ރަށެއް ކަމުގައި ވާއިރު، އެ ރަށަށް ނިސްބަތްވާ އެތްލީޓުން އަންނަނީ އިންޓަނޭޝަނަލް މުބާރާތް ތަކުގައި ރާއްޖެ ތަމްސީލް ކޮށް މެޑަލް ތައް ހޯދައި ދެމުން ކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޖޫ

    ތިނަދޫ ސްކޫލް ވަރަށް މޮޅު، ދެން ބައިވެރިވި ހުރިހާ ސްކޫތަކުންވެސް ވަރަށްމަސައްކަތްކުރި އަދިހަމަ ކާމިޔާބީވެސްހޯދި، ސްކޫލްކުދިންތަކެއްވާދަކުރިމުބާރާތެއްގެ ވާހަކަވަގުތުގައިލިޔެވިފައިނުވާއިރު ވަކިސްކޫލެއްގެވާހަކައެކަނިލިޔެފައިވުމަކީވަރަށްދެރަކަމެއް.