ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސްއިން ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުން އީގަލްސް މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއަކީ ގިނަ ބަޔަކު ހީކުރި ވަރަށްވުރެ ފަރަގު ކުޑަ ނަތީޖާއެކެވެ. ލީގުގައި އެންމެ ހާލަތު ގޯސްކޮށް އޮތް ވިކްޓަރީގެ ޓީމުވެސް މެޗަށް ހަމަވީ ކިރިޔާއެވެ. އެއީ ޒުވާން ޓީމަށް ދޫކޮށްފައިތިބި ކުޅުންތެރިން ފޮނުވައިދިނުމުން ކަމަށްވެސް ކޯޗު މުހައްމަދު އާދަމް ބުނެފައިވެއެވެ.

މިރޭގެ މެޗުން މޮޅުވެ، އީގަލްސް އޮތީ 12 ޕޮއިންޓާއެކު ތިން ވަނައިގައެވެ. އެޓީމުގެ ކުރިން 13 ޕޮއިންޓާއެކު ދެވަނައިގައި ދަ ގްރާންޑޭ އޮތްއިރު، އެއް ވަނައިގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ލީގުގައި މޮޅެއް ނުލިބި ވިކްޓަރީ އޮތީ އަށްވަނައިގައެވެ.

މި ހަފްތާގެ މެޗުތަކަށްފަހު ލީގު މެދު ކަނޑާލާނެއެވެ. މަހަކަށްވުރެ ގިނަ ދުވަހަށް ލީގު މެދު ކަނޑާލުމަށް ހަމަޖެހިފައި ވަނީ ގައުމީ ޓީމުން ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ގުއާމްއާއި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ތައްޔާރީތަކަށް ވަގުތު ދިނުމަށެވެ. މި ހަފްތާގެ މެޗުތަކަކީ އައިއޯއައިޖީއަށް ލީގު މެދެ ކަނޑާލުމަށްފަހު ކުޅުނު ފުރަތަމަ މެޗުތަކަށްވާއިރު، ކްލަބު އީގަލްސް ފެނުނީ ފަސޭހަކޮށެވެ.

ފޮޓޯ/ އެފްއޭއެމް

މިރޭ އީގަލްސް އިން ލީޑު ނެގީ 14 ވަނަ މިނެޓުގައި ހަސަން ރާއިފް (ހަންނަ) ޖެހި ގޯލުންނެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައި، ވިކްޓްރީގެ ގޯލްކީޕަރުގެ ގައިގައި ވެސް ޖެހިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްދިނީ މުހައްމަދު ނާއިމްއެވެ. އޭރިއާ ތެރެއަށް ވަދެ އޭނާ ތިރީ ކަނަށް ބޯޅަ ވައްދާލީ ބާރު ހަމަލައަކުންނެވެ.

އީގަލްސްގެ ތިން ވަނަ ގޯލް 65 ވަނަ މިނެޓުގައި ޖެހީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ވެސް ވައްދާލީ ތިރީ ކަނަށެވެ. ވިކްޓްރީން ލީގުގައި ކުޅުނު ހަ މެޗުން ފުރަތަމަ ފަހަރަށް ގޯލެއް ކާމިޔާބުކުރީ މި މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. މި ލަނޑު ޖެހީ އަހުމަދު ރަސްލާންއެވެ.

ލީގުގެ ދެމެޗު މާދަމާވެސް އޮންނާނެއެވެ. ހަވީރު އޮންނަ މެޗުގައި ވާދަކުރާނީ ކްލަބު ގްރީން ސްޓްރީޓްސްއާއި ފޯކައިދުއެވެ. މާދަމާ ރޭގެ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު ނުކުންނާނީ ނިލަންދުއާ ދެކޮޅަށެވެ.