ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރަތް، ވަގުތު ފުޓްސަލް ޗެލެންޖްގެ ސްޕޮންސާޝިޕަށް ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީގައި ކޮންމެ އަހަރަކުވެސް ބާއްވަމުން ގެންދާ "ވަގުތު" ފުޓްސަލް ޗެލެންޖް މިއަހަރު ކާމިޔާބުކަމާއެކު ނިންމާލީ މިދިޔަ މަހުގެ ތެރޭގައެވެ. ޖުމްލަ 16 ޓީމާއެކު އައްޑޫ ހިތަދޫގައި ކުރިއަށްދިޔަ މުބާރާތް ފޯރިގަދަކޮށް ނިމިގެންދިޔައިރު، ޗެމްޕިއަންކަން ހޯދީ އެފްސީ އުސްގަނޑައެވެ. މުބާރާތާއެކު އައްޑޫއަށް ފުޓްސަލްގެ ބޮޑު އީދެއް އައިއިރު، އަންނަ އަހަރުގެ މުބާރާތް އިތުރަށް ބޮޑު ކުރުމަށް ވަގުތުން ވަނީ ނިންމާފައެވެ.

މިދިޔަ ދެއަހަރުވެސް "ވަގުތު" ފުޓްސަލް ޗެލެންޖްގެ އަގަކީ 150،000 ރުފިޔާއެވެ. އަދި އެންމެ ފުރަތަމަ ފަހަރު، 2017 ވަނަ އަހަރު މުބާރާތް ބޭއްވިއިރު، މުބާރާތުގެ އަގަކީ 130،000 ރުފިޔާއެވެ.

މިއަހަރުގެ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗު ފެށުމުގެ ކުރިން، އަންނަ އަހަރު މުބާރާތަށް ގެނައި ބަދަލުތަކާއެކު، މުބާރާތް އިފްތިތާހު ކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރިން ކަމަށްވާ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން އަދި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފެވެ.

"ވަގުތު" ފުޓްސަލް ޗެލެންޖްގައި މިހާތަނަށް ބޭއްވި ތިން މުބާރާތުގައިވެސް 16 ޓީމަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު، އަންނަ އަހަރުގެ މުބާރާތް ހުޅުވާލާފައި ވަނީ 24 ޓީމަށެވެ. އަންނަ އަހަރު މުބާރާތުގައި ޖުމްލަ 52 މެޗު ކުޅެވޭނެއެވެ. އޭގެ ތެރޭގައި ލޯ މެޑަލް މެޗު، ތިންވަނަ ހޮވާ މެޗުވެސް ހިމެނޭނެއެވެ. ތިންވަނަ ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމް ކަނޑައެޅިފައިވާ އިރު، ރަނަރަޕް ޓީމަށް ވަނީ 75،000 ރުފިޔާގެ ފައިސާގެ ހަމަޖެހިފައެވެ. އަދި ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމް ވަނީ 150،000 އަށް އިތުރު ކޮށްފައެވެ.

އަންނަ އަހަރު ވަގުތު ފުޓްސަލް ޗެލެންޖް އިތުރަށް ފުރިހަމަކޮށް ފެނިގެންދާނެއިރު، މުބާރާތުގެ ސްޕޮންސާއަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. ވަގުތުގެ މާކެޓިން އެގްޒެކެޓިވް ޒަހީން އަބްދުﷲ ވިދާޅުވެފައި ވަނީ މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސާގެ އިތުރުން ކޯ ސްޕޮންސަރާއި އެކިއެކި ޕާޓްނަރުންނަށްވުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށެވެ.

ވަގުތު ފުޓްސަލް ޗެލެންޖްގެ ސްޕޮންސަރަކަށް ވުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން ވަގުތުގެ މާކެޓިން، 7999681 އާ ގުޅުއްވާ މައުލޫމާތު ސާފު ކުރެއްވުމަށްވެސް ޒަހީން ވަނީ އެދިވަޑައިގެންފައެވެ.

މިއަހަރުގެ ވަގުތުގ ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ ޔޫރޯ އަންލިމިޓެޑެވެ. ކޯ ސްޕޮންސާއަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.

އައްޑޫގެ ހުނަރުވެރި ފުޓްސަލް ކުޅުންތެރިންނަށް ހާއްސަ ފުރުސަތެއް ހޯދައިދީ، އައްޑޫގައި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތް ބޭއްވުމުގެ މަގުސަދުގައި ވަގުތު އިން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތުގެ ނަތީޖާ މިހާރުވެސް ވަރަށް ފޮންޏެވެ. އެތަކެއް ޒުވާން ކުޅުންތެރިންނެއްގެ ހުނަރު، މިހާރުވެސް މުބާރާތުގައި ފެނިފައިވާއިރު، "ވަގުތު" ފުޓްސަލް ޗެލެންޖާއެކު އައްޑޫގެ ފުޓްސަލް ވަނީ ބޮޑުތަނުން ކުރިއަރާފައެވެ.