ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި ފޯކައިދުއާއި ކްލަބު ގްރީން ސްޓްރީޓްސްއަށް ގޯލެއް ނުޖެހި އެއްވަރު ވެއްޖެއެވެ.

މިއަދު ހަވީރު ގައުމީ ދަނޑުގައި ކުޅުނު މެޗު 0-0ގެ ނަތީޖާއަކުން އެއްވަރުވިއިރު، މެޗު ފެނުނީ ހަމަލާތައް މަދު މެޗެއްގެ ގޮތުގައެވެ.

މެޗުން އެއްވަރުވެ، ހަމެޗުން ނުވަ ޕޮއިންޓާއެކު ގްރީން ވަނީ ހަތަރުވަނައަށް ޖެހިލައިފައެވެ. އެއީ މިހާރު ފަސްވަނައިގައި އޮތް ޓީސީއަށްވުރެ ފައިދާ ދެ ގޯލް އިތުރުވުމުންނެވެ. މިހަފްތާގެ ފަހު މެޗުގައި ޓީސީން މިރޭ ނުކުންނާނީ ނިލަންދުއާ ދެކޮޅަށެވެ. ގްރީން އަތުން ހޯދި ޕޮއިންޓާއެކު ފޯކައިދޫ ފަސްވަނައަށް ޖެހިލިއިރު، އެޓީމަށް މިއީ ފުއްދާލެވިދާނެ ނަތީޖާއެކެވެ.

މެޗުގައި ހަމަލާތައް މަދުކޮށް ފެނިގެންދިޔައިރު، 19 ވަނަ މިނެޓުގައި އަލީ އަޝްފާގު (ދަގަނޑޭ)އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އަރިމަތިން ގާސިމް ސައްމާމް ކުރިއަށްޖެހި ނަގައިދިން ހުރަސް އޭނާ ހުސްކޮށް އޮވެ ފޮނުވާލި ނަމަވެސް ދިޔައީ ބޭރަށެވެ. މި މެޗުގެ ކުރިން ފޯކައިދޫން ކުޅުނު މެޗުގައި ތަފާތު ބޮޑުކޮށް ބަލިވި ނަމަވެސް، މިއަދުގެ މެޗަށް އެޓީމުގެ މުހިއްމު ޑިފެންޑަރު ރާމޯސްއާއި ގޯލްކީޕަރު ސާގިބް ހަނީފްވެސް ވަނީ ކުޅެން ނުކުމެފައެވެ.

ހާފްގެ ފަހުކޮޅުގައިވެސް ގްރީންއަށް އިތުރު ފުރުސަތެއް ފަހިވިއެވެ. އަރިމަތި އަބްދުﷲ ޔާމީން (ޔާން) ހުރަސްކޮށްދިން ބޯޅަ، ދަގަނޑޭ ރަނގަޅަށް ކޮންޓްރޯލް ކޮށްލި ނަމަވެސް އޭނާއަށް ރަނގަޅަށް ކުރިއަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފް ފެށިގެންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ހާފްގެ ކުރީކޮޅުގައި ގްރީންގެ ހަމަލާއެއް ފެނުނެވެ. މެޗުގެ ފަހު ކޮޅުގައި ގްރީންގެ ގިނަ ހަމަލާތަކެއް ފެނުނުއިރު، ތަފާތު ދެއްކީ ގޯލްކީޕަރު ސާގިބް ހަނީފެވެ. ގްރީންގެ އެޓޭކް ލައިންގެ ގިނަ ހަަލާތަކެއް ހުއްޓުވީ އޭނައެވެ.

މި ހަފްތާގެ މެޗުތަކަށްފަހު ލީގު މެދު ކަނޑާލާނެއެވެ. މަހަކަށްވުރެ ގިނަ ދުވަހަށް ލީގު މެދު ކަނޑާލުމަށް ހަމަޖެހިފައި ވަނީ ގައުމީ ޓީމުން ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ގުއާމްއާއި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ތައްޔާރީތަކަށް ވަގުތު ދިނުމަށެވެ.

ލީގުގައި މިރޭ އޮންނަ މެޗުގައި ޓީސީ ނުކުންނާނީ ނިލަންދުއާ ދެކޮޅަށެވެ.