ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި އެންމެފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން، ނިލަންދޫ ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން ލީގުގައި ކުޅުނު މެޗުތަކުގައި ނިލަންދޫ ތަފާތު ބޮޑުކޮށް ބަލިވެފައި އޮތް ނަމަވެސް، މިރޭ އެޓީމު ފެނުނީ ވަރަށް ބޮޑުށް އޯގަނައިޒް ކޮށެވެ. އަލަށް ޓީމާ ގުޅުނު ތަޖުރިބާކާރު ޑިފެންޑަރު ކިންގްސްލީވެސް މިރޭގެ ފުރަތަމަ 11އިން ފެނިފައިވާއިރު، އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިވެއެވެ.

މެޗުން މޮޅުވެ، ޓީސީ އޮތީ ހަތަރުވަނައިގައެވެ. ކުޅުނު ހަތް މެޗުން 12 ޕޮއިންޓާއެކު ޓީސީ އޮތްއިރު، އީގަލްސް އޮތީ މެޗެއް މަދުން ކުޅެ، ތިންވަނައިގައެވެ. އެޓީމަށްވެސް 12 ޕޮއިިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ފޮޓޯ/ އެފްއޭއެމް

މިރޭގެ މެޗަށް ނުކުތްއިރު، އެންމެފަހުން ނިލަންދޫ ކުޅެފައިވާ މެޗުން 6-0ގެ ނަތީޖާއަކުން ގްރީން ސްޓްރީޓްސް އަތުން ބަލިވެފައި އޮތުމުން، ގިނަ ބަޔަކު ހީކުރީ ޓީސީން ގިނަ ގޯލްތަކެއް ޖަހާނެ ކަމަށެވެ. އަދި މި ސީޒަންގައި މާޒިޔާއިން ނިލަންދޫ ކޮޅަށް 13 ގޯލް ޖަހައިގެން ބަލިކޮށް، ޕްރިމިއާ ލީގުގެ ރެކޯޑެއްވެސް ހެދިއިރު، މިރޭގެ ނަތީޖާއަކީ ނިލަންދޫއަށް ލިބުނު ބޮޑު ހިތްވަރެކެވެ.

މެޗު ފެށިގެން ފުރަތަމަ ހަމަލާ ފަހުވީ އިސްމާއީލް އީސަ (މެސީ)އަށެވެ. ބިމާލް ދިން ޕާސް، މެސީ ހުސްކޮށް ހުއްޓާ ލިބުނު ނަމަވެސް، އޭނާއަށް އެންމެ އެދެވޭ ގޮތެއްގައި ނިންމާލެވިފައެއް ނުވެއެވެ. އޭގެ އިރުކޮޅެއްފަހުން ޓީސީން ލީޑުވެސް ނެގިއެވެ. މެސީ ދިން ރީތި ޕާސް ހުސްކޮށް އޮވެ ގޯލަށް ވައްދާލީ ބިމާލްއެވެ. ޓީސީ ގޯލަށް ގާތްގަނޑަކަށް ފަސްވަރަކަށް މިނެޓް ފަހުން ނިލަންދޫގެ ނުރައްކާތެރި ހިލޭ ޖެހުމެއް ފެނިގެންދިޔައެވެ. ކިންގްސްލީގެ ބާރު ހިލޭ ޖެހުން ޕަންޗުކޮށް ބޭރުކޮށްލީ ގޯލްކީޕަރު އިމްރާނެވެ.

ހާފްގެ ފަހުކޮޅުގައި ޓީސީގެ ހަމަލާތައް ފުލުފުލުން ފެނުނުއިރު، 25 ވަނަ މިނެޓްގައި މެސީއަށް ލިބުނު ހުސްފުރުސަތުގައި ތިރިތިރިން ފޮނުވާލި ހަމަލާ މަތަކުރީ ނިލަންދޫގެ ގޯލްކީޕަރެވެ. އަދި އޭގެ ފަސް މިނެޓްފަހުން އާދަމް އިޝާން (ސައްޓު) ފޮނުވާލި ނުރައްކާތެރި ހަމަލާވެސް މަތަކުރީ ގޯލްކީޕަރެވެ.

ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުންދިޔަ ޓީސީން ލީޑު ފުރާކުރީ 38 ވަނަ މިނެޓްގައެވެ. ލިބުނު ކޯނަރުގެ ބޭނުން ހިފާ، އޭރިއާ ބޭރުން ސައްޓު މަޑުމަޑުން ބަލާލާފައި އަމާޒުކޮށްލި ބޯޅަ ވަނީ ގޯލްގެ ކަނަށެވެ.

ފޮޓޯ/ އެފްއޭއެމް

ދެވަނަ ހާފްގައިވެސް ޓީސީގެ ހަމަލާތައް ގިނަކޮށް ފެނުނު ނަމަވެސް، ނިލަންދޫން ވަނީ ޓީސީއަށް ލީޑު ފުޅާކުރިޔަނުދީ ހިފަހައްޓާފައެވެ. ހާއްސަކޮށް ގޯލްކީޕަރު މުހައްމަދު ޝަފީއުގެ މަސައްކަތް ފާހަގަކޮށްލެވުނެވެ. ދެވަނަ ހާފްގެ ކުރީކޮޅުގައި ބިމާލްއަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ގޯލްކީޕަރު ނައްޓާލުމަށްފަހު ޖަހަން އުޅުނު ހަމަލާވެސް ގޯލްކީޕަރު ވަނީ އަތުލައިގެންފައެވެ.

މެޗުގެ 68 މިނެޓުގައި އަނެއްކާވެސް ނިލަންދޫގެ ހަމަލާއެއް ފެނުނެވެ. މެދުތެރެއިން ތިން ބޯޅައަށް މަސައްކަތް ކޮށް، އަހުމަދު އުޝާމް (ކަޅޫ) ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މިރޭގެ މެޗަކީ މި ހަފްތާގައި ލީގުގައި ކުޅުނު ފަހު މެޗެކެވެ. މި ހަފްތާގެ މެޗުތަކަށްފަހު ލީގު މެދު ކަނޑާލާނެއެވެ. މަހަކަށްވުރެ ގިނަ ދުވަހަށް ލީގު މެދު ކަނޑާލުމަށް ހަމަޖެހިފައި ވަނީ ގައުމީ ޓީމުން ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ގުއާމްއާއި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ތައްޔާރީތަކަށް ވަގުތު ދިނުމަށެވެ.