މިދިޔަ ސީޒަނުގައި ޔޫރޮޕްގެ ޗެމްޕިއަން ކަން ހޯދި ލިވަޕޫލް އިން ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުވެސް ކާމިޔާބު ކޮށް، ފެށުން ރަނގަޅު ކޮށްފިއެވެ.

ނޯވިޗް ސިޓީ އާއި ބައްދަލު ކުރި މެޗު 4-1ގެ ނަތީޖާ އަކުން ފަސޭހަ ކަމާއި އެކު ލިވަޕޫލް އިން ކާމިޔާބު ކުރި އިރު، މެޗުގެ ފުރަތަމަ ގޯލު 7 ވަނަ މިނެޓުގައި ވަދެފައި ވަނީ ނޯވިޗްގެ ގްރާންޓް ހަންލީ އަތުން ބައިކޮޅަށެވެ. ދެވަނަ ގޯލު 19 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ކާމިޔާބު ކޮށްދިން އިރު، 28 ވަނަ މިނެޓުގައި ވާޖިލް ވަންޑިކް ވަނީ 3 ވަނަ ލަނޑެއް ޖަހައި، އެ ޓީމުގެ ލީޑު ފުޅާ ކޮށްދީފައެވެ. އަދި އެ ޓީމުގެ ފަހު ލަނޑު ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޖަހައިދީފައި ވަނީ ޑިވޮކް އޮރިޖީ އެވެ.

ދެވަނަ ހާފުގައި ނޯވިޗް އިން ކުޅުން ރަނގަޅު ކޮށް، ލިވަޕޫލް އިން އިތުރު ގޯލެއް ޖެހިޔަ ނުދީ ހިފާއްޓާފައި ވާއިރު، 61 ވަނަ މިނެޓުގައި އެ ޓީމުގެ ޓީމޫ ޕުއްކީ ވަނީ ގޯލެއް ޖަހައި ސުން ކަނޑުވާލަ ދީފައެވެ.

ޕްރިމިއާ ލީގުގައި މިއަދު ދެން ކުޅެން ހަމަޖެހިފައިވާ މެޗު ތަކުގައި މެންޗެސްޓާ ސިޓީ އާއި ވެސްޓް ހަމްގެ އިތުރުން،ޓޮޓެންހަމް އާއި އެސްޓަން ވިލާ ވެސް ވާދަކޮށްލާ ކަން ފާހަގަކޮށްލެވެއެވެ. އަދި މާދަމާ އޮންނަ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ކުރިމަތިލުމަށް ގިނަ ބަޔަކު ތިބީ ތައްޔާރު ވެސް ވެގެންނެވެ.