ޗެލްސީ އިން ރެއަލް މެޑްރިޑަށް ބަދަލުވި ފޯވާޑް އެޑެން ހަޒާޑަށް އޭނާ ބޭނުންވި 7 ނަމްބަރު ޖާޒީ ލިބިއްޖެއެވެ.

150 މިލިއަން ޕައުންޑަށް ރެއަލް އިން ގަނެފައިވާ ހަޒާޑު އެ ކްލަބަށް އައިސް އެންމެ ފުރަތަމަ ބޭނުންވީ ޗެލްސީގައި ވެސް އޭނާ ކުޅުނު 10 ނަމްބަރެވެ. ނަމަވެސް، އެ ނަމްބަރަށް ކުޅެމުން އަންނަނީ އެންމެ ފަހުގެ ބެލޯންޑިއޯ ކާމިޔާބު ކޮށްފައިވާ މޮޑްރިޗް އެވެ. ދެން ހަޒާޑު މަސައްކަތް ކުރީ 7 ނަމްބަރު ހޯދާށެވެ. އެހެން ނަމަވެސް، ރޮނާލްޑޯ ދިއުމަށް ފަހު 7 ބޭނުން ކުރަމުން އައި ރައުލް އެވެ.

މީގެ ކުރިން ރައުލް 7 ނަމްބަރު ދޭން އެއްބަސް ނުވުމުން ޕްރީ ސީޒަންގެ ތެރޭގައި ހަޒާޑު ވަނީ 23 ނަމްބަރު އަދި ހަނދަށް ދިޔަތާ 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން 50 ނަމްބަރަށް ވެސް ކުޅެފައި ކަން ފާހަގަކޮށްލެވެއެވެ.

މި ހިނގާ އޮގަސްޓް 17 ވަނަ ދުވަހު ލަލީގާ އައު ސީޒަނުގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވާއިރު، ރެއަލް މެޑްރިޑުން އަންނަނީ އެ ކްލަބު ވަރުގަދަ ކުރުމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މިގޮތުން ދާދި ފަހުން ވަނީ ނޭމާ ހޯދުމަށްޓަކައި ޕީއެސްޖީއަށް ބޮޑު ބިޑެއްވެސް ހުށަހަޅާފައެވެ. ނޭމާގެ ބަދަލުގައި މޮޑްރިޗް އާއި ގިނަ އަަދަދެއްގެ ފައިސާ ރެއަލް އިން ހުށަހެޅި ނަމަވެސް، އެ ކްލަބުން މި ހުށަހެޅުމަށް އަދި ޖަވާބެއް ދީފައެއް ނުވެއެވެ.

ބާސެލޯނާގައި ހުންނަ ރެއަލް މެޑްރިޑުގެ ސްޓޯރުން މިހާރު އަންނަނީ ހަޒާޑު އާއި އެ ޓީމުގެ އެހެން ކުޅުންތެރިންގެ ޖާޒީ ތައްވެސް ވިއްކަމުންނެވެ.