ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މިފަހަރު ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގައި ކުޅޭ ރާއްޖޭގެ ސްކޮޑަށް ނުނަގާނެ ކަމަށް ބެލެވިއްޖެއެވެ.

އެފަދަ ގޮތަކަށް ބެލެވިފައި ވަނީ ސްކޮޑަށް ކުޅުންތެރިން ނެގުމުގެ ކުރިން، އެފްއޭއިން ކްލަބުތަކަށް، ކުޅުންތެރިން ހޯދަން ފޮނުވާ ލިސްޓްގައި ދަގަނޑޭގެ ނަން ނެތުމުންނެވެ.

އެފްއޭއެމުން ކުލަބުތަކަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗަށާއި އެ ދެމެޗަށް ތައްޔާރު ވުމުގެ ގޮތުން ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ޓީމުގެ ޓްރޭނިންގް ކޭމްޕްގައި ބައިވެރި ކުރުމުގެ ގޮތުން، މި އަންނަ ހޯމަ ދުވަހުން ފެށިގެން އަންނަ މަހު 11 ވަނަ ދުވަހުގެ ނިޔަލަށް ގައުމީ ޓީމަށް ކުޅުންތެރިން ދޫކޮށް ދިނުމަށް އެދޭ ކަމަށެވެ.

ދަގަނޑޭ އެންމެފަހުން 2017 ވަނަ އަހަރު ގައުމީ ޓީމަށް މެޗެއް ކުޅުނުއިރު، ގައުމީ ކޯޗު ޕީޓާ ސެގަޓް ޕީޓާ ސެގަޓްގެ ފުރަތަމަ މެޗަށް ދަގަނޑޭ ޓީމުން ބޭރުކޮށްލިއެވެ. ބޫޓާނާ ދެކޮޅަށް ރާއްޖެއިން ކުޅުނު ކޮލިފިކޭޝަން ފަހު މެޗުގައި ދަގަނޑޭ ޓީމަށް ނެގި ނަމަވެސް، ކޯޗު ބުނުމުން އިންޓަވިއުއަށް ދާން ދެކޮޅު ހެދިކަމަށްބުނެ، އޭނާ ސްކޮޑުން ބޭރު ކޮށްލިއެވެ.

ދަގަނޑޭއަކީ އުމުރުން ދުވަސްވެ، ޕީކް ގޮސްފައިވާ ކުޅުންތެރިއެއްގެ ގޮތުގައި ކޯޗު ސެގަޓް ސިފަކޮށްފައިވާއިރު، މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑަށް ދަގަނޑޭ ނުނަގަން އޭނާ ދެއްކީ ދެ ސަބަބެކެވެ. އުމުރުން ދުވަސްވަމުން ދިޔުމާއެކު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ އިތުރުން ދަގަނޑޭ ކުރި ކުށަށް މާފަށް އެދުން ލަސްވުމެވެ.

އެ މުބާރާތުގެ ތެރޭގައި ކޯޗު ބުނީ ދަގަނޑޭ މާފަށް އެދުމުން އޭރުގެ މައްސަލަ ހައްލުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ލީގުގައި މިހާރުވެސް އެންމެ މޮޅަށް ކުޅެ، އަދި އެންމެ ރަނގަޅު ފޯމެއްގައި ދަގަނޑޭ ހުއްޓާ މިފަހަރުވެސް ނަގާފައެއް ނުވެއެވެ. އެއީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފަހުވަގުތު ޓީމަށް ދަގަނޑޭ ނަގާނެ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އެކަންވުން އޮތީ ދުރުގައި ކަމަށް ބެލެވެއެވެ. ސަބަބަކު ރިލީސް ކުރަން ފޮނުވާ ލިސްޓަކީ ފައިނަލް ލިސްޓް ކަމަށްވެސް އާންމުކޮށް ވާތީއެވެ.

ދާދުފަހުން ބޭއްވި "މިހާރު އެވޯޑް" ހަފްލާގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ދަގަނޑޭ ހޮވުނުއިރު، އޭނާ ބުނެފައި ވަނީ ގައުމީ ޓީމަށް، ގައުމަށް ހިދުމަތް ކުރަން އަބަދުވެސް ތައްޔާރަށް ހުރި ކަމަށެވެ. އަދި އެ މެސެޖަކީ ގައުމީ ޓީމަށް އޭނާ ކުޅެން ބޭނުންވާތީ ދީފައިވާ މެސެއްޖެއް ކަމަށްވެސް ބެލެވެއެވެ.

ރާއްޖެއިން އޭޝިއަން ކަޕަށްވެސް ކޮލިފައިވާން އޮތް އެންމެ ފަހި ފުރުސަތަކީ އޭޝިއަން ކަޕަށްވާއިރު، ޗައިނާއާއި ސީރިއާ އަދި ގުއާމްގެ އިތުރުން ރާއްޖެ ގްރޫޕްގައި ހިމެނެނީ ފިލިޕީންސެވެ. ރާއްޖެއިން ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނުކުންނައިރު، ދަގަނޑޭ ފަދަ ތަޖުރިބާ ބޮޑު، އަދި ފިޒިކަލީ ވަރުގަދަ ކުޅުންތެރިޔަކު މުހިއްމުވާނެއެވެ. ހާއްސަކޮށް އޭނާއަކީ ޓީމުގެ ކުރީގެ ކެޕްޓަނެވެ. ވަރުގަދަ ލީޑާޝިޕް ދަނޑުމަތީގައި ދައްކާ ކުޅުންތެރިއެއްވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޔާމިން

    ފުރުސަތުމިފަހަރުލިބޭނެ

    13
    3
  2. މަވެސް

    ކޯޗު ބޭރުކުރަންވީ

    26
    2
  3. ނަސްރު

    ބަސާމުވެސް ކޯޗުވެސް ބޭރު ކުރޭ

    19
    2
  4. ސެގަޓު ގެ ކާފަ

    ސެގަޓް މީ ގޮތް ދޫނުކުރާ މީހެއް އޭނަ އަކަށް ޓީމް އެއް ނުހިންގޭނެ. ދަނގަޑޭ ޓީމްގަ ނުހިމެނީ ސެގަޓް ގޮތް ދޫނުކުރަންވެގެން .. މިކަމުގަ އަޑީގަ ސެގަޓު އަށް ހިއްވަރުދޭން ބައްސާމުވެސް ބައިވެރިވޭ.... ދަގަނޑޭ ނުކުޅެންޔާ އަހަރުމެން ދިވެހި ފުޓުބޯޅަ ނުވެސް ބަލާނަން..

    20
    2
  5. bnbvnb

    Asfaagu nethiyyaa national team ge ehves matcheh nubalaanan

    19
    2
  6. ބުރާންތި

    ނަތީޖާ ނު ނެރެވެންޏާ ކީއްކުރާ ކޯޗެއް... ދަގަނޑޭ ވަރަށް މުހިންމު...

    28
    2
  7. Juhaa

    ތިޔަ ކޯޗު ބޭރުކުރޭ. ތިޔައީ ދިވެހި ފުޓްބޯޅަ ހަލާކުކުރަން އައިސް އުޅޭ ބަލާއެއް.

    15
    1
  8. ޚަދީޖާ

    ތިޔަ ކޯޗާ ދެކޮޅަށް މުޒާހަރާ ކުރަން ރައްޔިތުން ނުކުންނަން ވެއްޖެ ނޫންބާ؟

    16
    1
  9. ކާށިބޯޓު

    ތިކޯޗަކީ މިހާރު ރާއްޖޭގެ ފުޓްބޯޅައައް ހުރި ހާލާކަކައް ވެއްޖެއެއް ނުން ރައްޔިތުން ނިކުމެވެސް މީނާ ބޭރުކުރަން ވެއްޖެއެއް ނުން.

  10. އަޅުގަނޑު

    ކޯޗު ބޭރުކުރޭ.. ގައުމުގެ ފުޓުބޯޅައަށް މިހާ ގިނަ ކާމިޔާބީ ހޯދަދިން ކުޅުންތެރިޔަކު މިހާ ހިތި ގޮތަަށް ކެރިޔަރު ނިންމާތީ ވ ދެރަވޭ

  11. ސަޕޯޓަރު

    ކޯޗު ބޮލަށް ފެންތަށްޓެއް ކިޔަވާފަ ޖަހާބަލަ ކޮންމެސް މީހަކު. މިހާރުވެސް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެކަމަކު ގައުމީ ސްކޮޑުގަ ނުހިމެނޭ. އަޖައިބެއްނު.