ގާފަރުގައި ބާއްވާ އެންމެ ފޯރިގަދަ، އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ މެޗުތައް ފޯރިއާއެކު ކުރިއަށް އެބަގެންދެއެވެ.

ގާފަރު ޑެވަލޮޕްމަންޓު އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ "ގާފަރު ފުޓްސަލް ޓޯނަމެންޓް" ގައި މިއަހަރު 10 ޓީމަކުން ވާދަކުރާނެއެވެ. އޭގެ ތެރެއިން ނުވަ ޓީމަކީ ގާފަރަށް ނިސްބަތްވާ ޓީމުތަކެވެ. އަނެއް ޓީމަކީ އޮބްލޫ ސަންގެލި ރިސޯޓަށް ނިސްބަތްވާ ޓީމެކެވެ. ގާފަރު ފުޓްސަލް ޓޯނަމެންޓަކީ 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 20 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މެޗުތައް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް ސްޓޭޖް ނިމޭއިރު، ކޮންމެ ގްރޫޕެއްގެވެސް އެންމެ މޮޅު ދެޓީމު، ސެމީއަށް ދަތުރުކުރާނެއެވެ. ފައިނަލް އޮންނާނީ އޮގަސްޓް 16 ވަނަ ދުވަހުއެވެ.

ގްރޫޕް ސްޓޭޖުގެ ކުޅުން ބުރާސްފަތި ދުވަހު ފަށާގައިވާއިރު، ފުރަތަމަ މެޗުގައި އެފްސީ ގާފަރުގެ މައްޗަށް ޕްރިޑޭޓާއިން ކުރި ހޯދީ 7-2ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި ވައިޕާސްއިން 1-0ގެ ނަތީޖާއަކުން ބޯއީސް ބަލިކުރިއިރު، އިއްޔެ ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ނިއު ޔަންގް ސްޕޯޓްސްއިން އޮބްލޫ ސަންގަލި ބަލިކުރީ 4-2ގެ ނަތީޖާއަކުންނެވެ.

ދެން ކުޅުނު މެޗުގައި އޯކޭ ބޯއިޒްއިން 2-1ގެ ނަތީޖާއަކުން އެފްސީ ސްކައި ބަލިކުރިއިރު، ފަސްވަނަ މެޗުގައި އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ މޮޅު ކުޅުމާއެކު ޕްރިޑޭޓާސްއިން ޑައުންޓައުން ކޮޅަށް ހަތް ގޯލް ޖެހިއިރު، ރޭގެ ފަހު މެޗުގައި އެކްސް ބޯއީސްއާއި ހަބޭސްވީ އެއްވަރެވެ. އެއީ 2-2ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ މެޗުތައް މިއަދާ މިރޭވެސް އޮންނާނެއެވެ. މެޗުތައް ގާފަރު ކޮމިއުނިޓީ އެފްބީ ޕޭޖުން ލައިވް ކުރާނެއެވެ.

ގާފަރު ޑެވަލޮޕްމަންޓް އެސޯސިއޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ކުޑައީދާ ދިމާކޮށް ވެޓަރަންވެސް މުބާރާތެއްވެސް ބާއްވަމުންދާއިރު، ބޮޑު އީދާ ދިމާކޮށް ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމް ކަނޑައެޅިފައެވެ. ރަނަރަޕް ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައެވެ.

މިއަހަރުގެ މުބާރާތުންވެސް ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން މަޝްހޫރު ތަރިން ފެނިގެންދާނެއެވެ.