އއ. މަތިވެރީގައި ކުރިއަށް ގެންދާ ރައުޗް ހެޕީ މާކެޓް ޔޫއެސްސީ ފުޓްސަލް ކަޕްގައި ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުތަކުން ޒެނިކް އެސްޕީއާއި މާންސް އަދި އާރްބީޖީ މޮޅުވެއްޖެއެވެ.

ގްރޫޕް ސްޓޭޖުގައި ޒެނިކުން ކުޅުނު ފުރަތަމަ މެޗުގައި ވިލިއަންޓް އަތުން ބަލިވެފައި އޮތްއިރު، ރޭގެ މެޗުން މޮޅުވީ ވީއެޗްއެފްޓީ އަތުން 4-0ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒެނިކްގެ އަލީ ޝައިހާންއެވެ. ރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި މަރންސްއިން ރޯޔަލް ނައިޓްސްގެ މައްޗަށް 1-0ގެ ނަތީޖާއަކުން ކުރި ހޯދާފައިވާއިރު، ރޯޔަލް ނައިޓް އޮތީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ޔަންގް ޕްލޭޔާސް އަތުން މޮޅުވެފައެވެ.

މަރސް ދެ މެޗު ކާމިޔާބު ކޮށްފައިވާއިރު، އެޓީމަށް ވަނީ ސެމީގެ ފުރުސަތު ބޮޑުވެފައެވެ.

ރޭ ދެން ކުޅެވުނީ ގްރޫޕް އޭގެ މެޗެކެވެ. އާރްބީޖާއާ ދެކޮޅަށް އެފްޓީ ވޭލިއަންޓް ކުޅުނު މެޗު 1-0 އިން އާރްބީޖީ ކާމިޔާބު ކުރިއިރު، އާރްބީޖީންވެސް ދެމެޗު ކާމިޔާބުކޮށް ސެމީގެ އުންމީދު ވަނީ ބޮޑު ކޮށްފައެވެ.

މުބާރާތުގައި އަށް ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައިވެސް ހަތަރު ޓީމެއް ވާދަކޮށް، އެއްވަނަ އަދި ދެވަނަ ޓީމު ކުޅޭނީ ސެމީގެ މެޗުތަކެވެ. ގްރޫޕް ސްޓޭޖުގައި 12 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ފަށާނީ އޮގަސްޓް ނުވަވަނަ ދުވަހުއެވެ.

ގްރޫޕް އޭ: އެފްޓީ ވޭލިއެންޓް، ޒެނިކް ސްޕޯޓްސް ކްލަބު، ވީއެޗް އެފްޓީ، އާރްބީޖީ

ގްރޫޕް ބީ: ރޯޔަލް ނައިޓްސް، ޔަންގް ޕްލޭޔާސް، މަރންސް، ޑައިނަމިކް

ޔޫނިއަން ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ހެޕީ މާކެޓެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ މަތިވެރީ ފުޓްސަލް ދަނޑުގައެވެ.

ޗެމްޕިއަން ޓީމަށް 30،500 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހެޅިފައެވެ. އެ މުބާރާތަކީ މަތިވެރީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.