ލިވަޕޫލް އަދި މިސްރުގެ ތަރި މުހައްމަދު ސަލާހު އާއި ބައްދަލު ވުމަށް މަރު ދިން ކުޑަ ފިރިހެން ކުއްޖާއަށް ސަލާހު އެހީ ވެދީފިއެވެ.

ތަމްރީނުތަކަށްފަހު ސަލާހުގެ އަގުބޮޑު ބެންޓްލީއަށް އަރައިގެން އޭނާ ގެއަށް ދިޔަ ވަގުތު އޭނާ ފަހަތުން އައި އުމުރުން 11 އަހަރުގެ ލުއިސް ފައުލާ ވަނީ ސަލާހާ ބައްދަލުކުރަން އުޅެނިކޮށް، ހޮޅިދަނޑިއެއްގައި ޖެހި ނޭފަތް ފެޅި، ހޭވެސް ނެތިފައެވެ. އެ މަންޒަރު ސަލާހަށް ފެނުމުން އޭނާ ވަގުތުން ކާރު އަނބުރާލައި ލުއިސްއަށް އެހީވުމަށް ދިޔައެވެ.

ލުއިސް އަށް އެހީ ވުމަށް ފަހު ސަލާހު ލުއިސް އާއި އޭނާގެ ބޭބެ މެންނާއި އެއްކޮށް ނެގި ފޮޓޯ މީސް މީޑީއާގައި ދައުރު ވުމުން، އެތައް ބައެއްގެ ތައުރީފު ސަލާހު އަށް ލިބެމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ. ލުއިސްގެ ބައްޕަ ބުނި ގޮތުގައި އެ ކުދިން ލިވަޕޫލް ދަނޑު ކައިރި އަށް ދިޔައީ ޗުއްޓީ ދުވަސްކޮޅު ކަމުން ސަލާހު އާއި ބައްދަލު ކޮށްލަން ކަމަށެވެ.

ސަލާހު އަކީ އޭނާގެ އުފަން ގައުމު، މިސްރުގައި ވެސް ވަރަށް ނުފޫޒު ގަދަ މީހެއް ކަމުގައި ވާއިރު، އެ ގައުމުގެ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ސަލާހުގެ ނަން ޖެހުމުން 1 މިލިއަނަށް ވުރެން ގިނަ ވޯޓު ވަނީ ބާތިލް ވެފައެވެ. އެ އިންތިހާބުގައި ސަލާހު ބައިވެރި ވެފައި ނުވި ނަމަވެސް، އެތައް ބަޔަކު ވޯޓު ދިނީ އޭނާ އަށެވެ.

ސަލާހު އަކީ ދަނޑުމަތިން އަދި ދަނޑުން ބޭރު ގައިވެސް ނަމޫނާ ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.