ލީގުގައި ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗުގައި ނިމެސް އަތުން ރޭ މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.

އެންމެފަހުގެ ލީގު ޗެމްޕިއަން ޕީއެސްޖީއަށް ރޭގެ މެޗުގައި ގޯލްތައް ކާމިޔާބު ކޮށްދިނީ ޑިމަރިއާގެ އިތުރުން ކަވާނީއާއި އެމްބާޕޭއެވެ. ނޭމާ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިފައިވާއިރު، ޕީއެސްޖީންވެސް ވަނީ ނޭމާ ދޫކޮށްލަން ވާހަކަތައް ދެކެވޭ ކަމަށް ބުނެފައެވެ. އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު ލިއެނާޑޯ ބުނެފައި ވަނީ ނޭމާ ފޮނުވާލުމުގެ ވާހަކަތައް ކުރިއަށްވުރެ ބޮޑަށް ދެކެވެމުން އަންނަ ކަމަށެވެ.

ރޭގެ މެޗު ކުރިއަށްދިޔައިރު، ޕީއެސްޖީގެ ސަޕޯޓަރުން ފަރާތުން ތަފާތު މަންޒަރެއް ފެނިފައިވެއެވެ. "ނޭމާ ބޭރުކުރޭ" ޖަހާފައިވާ ބޯޑުތައް ހިފައިގެން ސަޕޯޓަރުން ތިބިއިރު، ރޭގެ މެޗު ކުރިދިޔަ ވަގުތު ނޭމާ ފެނިފައެއް ނުވެއެވެ. އޭނާ ޓީމާއެކު ތަމްރީނުވެސް ނުކުރާއިރު، ތަމްރީތައް ހަދަމުންދަނީވެސް އެކަނި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ނޭމާ ޕީއެސްޖީއަށް ބަދަލުވީ ބާސެލޯނާ ދޫކޮށްލުމަށްފަހުއެވެ. ދުނިޔޭގެ ރެކޯޑު އަގަކަށް ޕީއެސްޖީއަށް ބަދަލުވެ ނޭމާއަށް އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައިވާއިރު، ނޭމާ އަނބުރާ ދާން ބޭނުންވީ ބާސާއަށެވެ. އެހެން ނަމަވެސް ބާސާއިން ބުނީ ނޭމާ ނުގެންދާނެ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން މިހާރު ނޭމާ ދިޔުން އެންމެ ގާތީ ރެއާލް މެޑްރިޑަށެވެ.