ކްރިސްޓިއާނޯ ރޮނާލްޑޯ ނޭނގޭނެ މީހެއް ނެތެވެ. ޒުވާނެއް ކުޑަކުއްޖެއް ދުލެއް ނުދޭނެއެވެ. އޭނާގެ ހުރިހާ ކަމެއް، އެތައް ބަޔަކު އަބަދުވެސް ނަކަލު ކުރާނެއެވެ. އޭގެ ތެރެއިންވެސް އެންމެ ގިނަ ބަޔަކު ނަކަލު ކުރާ ކަމަކީ ރޮނާލްޑޯގެ ވަރުގަދަ ގޯލް ސެލެބްރޭޝަންއެވެ. ގޯލެއް ޖެހުމަށްފަހު ވަރަށް ބާރަށް ދުވެފައި ގޮސް، ދަނޑުގެ ކަނަކަށް ވާނެ ގޮތަށް، ފުއްމައިގެންފައި ހުއްޓޭނީ ދެފައި ދުރުކޮށްލާފައި، ބާރު ހަޅޭކާއެކު ނިކަން ޖޯޝުގައެވެ.

އެއީ ރޮނާލްޑޯގެ މަޝްހޫރު ގޯލް ސެލެބްރޭޝަނެކެވެ. އޭނާއާއެކު އެ ސެލެބްރޭޝަން ވެފައި ވަނީ ބްރޭންޑަކަށެވެ. ސުވާލަކީ އެއީ އެކަމަށް ފަރިތަކޮށް، ވަކި ގޮތަކަށް ހެދުމަށް މަސައްކަތް ކޮށްގެން ހަދަން ފެށި ސެލެބްރޭޝަނެއްތޯ ނޫނީ ހަމަ ކުއްލިއަކަށް ފެށުނު ސެލެބްރޭޝަންއެއްތޯ ކުރެވޭ ސުވާލެވެ. އެ ސުވާލަށް ރޮނާލްޑޯ ވަނީ ޖަވާބު ދީފައެވެ.

" އެއީ 2013 ވަނަ އަހަރު ފެށުނު ސެލެބްރޭޝަނެއް. އޭރު މޮރީނިއޯ ހުންނާނީ ރެއާލްގެ ކޯޗަކަށްވެސް. ޗެލްސީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ހަދަން ފެށުނ ސެލެބްރޭޝަނެއް އެއީ. އެއީ އެކަމަށް ތައްޔާރުވެގެން، ތައްޔާރުކޮށްގެން ހެދި ސެލެބްރޭޝަނެއް ނޫން އެއީ،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯއާ އެންމެ ވައްތަރު ސެލެބްރޭޝަނެއް ހެދި ކުޅުންތެރިޔަކީ އިއުސޭބިއޯއެވެ. ރެއާލްއަށްވެސް ކުޅުނު އިއުސޭބިއޯއަކީ ރޮނާލްޑޯއާ ގާތްވެސް ކުޅުންތެރިޔެކެވެ. 2009 ވަނަ އަހަރު ރެއާލްއިން ރޮނާލްޑޯ ދައްކާލަން ބޭއްވި ހާއްސަ އިވެންޓަށްވެސް އިއުސޭބިއޯ ގޮސްފައިވާއިރު، ރޮނާލްޑޯ އަބަދުވެސް ބުނެފައި ވަނީ އިއުސޭބިއޯއާއެކު ކުޅެލަން ބޭނުންވި ކަމަށެވެ. އިއުސޭބިއޯ މަރުވެފައި ވަނީ 2014 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އޭނާގެ އުކުޅުވަޅަށް ޖެހުނު މައްސަލައެއްގެ ފަހުން ޖައްސަންފެށި ވައްތަރުތަކެއް ނޫންތަ އެއީ!

    3
    9