ވޮލީގެ ތެރޭގައި ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. އިދާރީ ގޮތުންނެވެ. އެހެން ނަމަވެސް ވޮލީގެ ރޫހު ހިތުގައި އޮތް އެއްވެސް މީހަކަށް، ވޮލީގެ ނަން ފަނޑުވުމެއް ނޭދޭނެކަން ޔަގީނެވެ. 2017 ވަނަ އަހަރުވެސް ރާއްޖޭގައި ވޮލީގެ ދެ މުބާރާތް އޮތްއިރު، ދިމާވި މައްސަލަތަކަކީ ހަމަ އެފަދަ މައްސަލަތަކެވެ. އިދާރާ މައްސަލަތަކާއެކު ރޫހު ގެއްލި، ވޮލީގެ އާއިލާ ދެބައިވުމެވެ. އެހެންނަމަވެސް، ހަގީގަތަކީ ވޮލީއަށް ލިބޭ ކޮންމެ ދައްޗަކާއެކު ވޮލީިގެ މުޅި އާއިލާއަށް ހީނަރުކަން އަންނާނެ ކަމެއް ކަމެވެ.

ކޮންމެއަކަސް އެއީ ހައްތާވެސް އުޒުރެވެ. ހިތުގައި ގައުމީ ލޯބި، ވޮލީއަށް ލޯބި އޮތްނަމަ، އެފަދަ ކަންކަމަކީ އެއްވެސް ހާލެއްގައި ދައްކަން ޖެހޭ ވާހަކަތަކެއް ނޫނެވެ. ކޯޓު ތެރޭގައި ރާއްޖޭގެ ބެޖަށް ކުޅެން ތައްޔާރަށް ތިބި ކުޅުންތެރިންނަށް ހިތްވަރު ނުދޭންވީ ސަބަބަކަށްވެސް އެކަން ވެގެން ނުވާނެއެވެ. ގައުމު ތަމްސީލުކުރާ ޓީމެއްގެ ފަހަތަށް އަރަން ޖެހޭނީ އެގައުމެއްގެ ރައްޔިތުންނެވެ.

ރާއްޖެއިން ކުރިއަށް އޮތް އޭވީސީ މުބާރާތަށް ތައްޔާރުވާއިރު، އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަމަކީ ރޫހާ، ޖޯޝާ ފޯރީގައި ގައުމީ ޓީމާއެކު ރައްޔިތުން ތިބުމެވެ. އެފަދަ ފުރުސަތެއް ޔޫތު މިނިސްޓްރީން ވަނީ ފަހިކޮށްދީފައެވެ. ސްރީލަންކާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް އެގައުމުގެ ޓީމު މިހާރު މާލެ އައިސްފައިވާއިރު، ފުރަތަމަ މެޗު އޮންނާނީ މިރޭއެވެ. އެ މެޗަށް ވޮލީގެ އެންމެ ވަރުގަދަ އެއް އަތޮޅު، ވ އަތޮޅުން މީހުންވެސް ގެނެސްފައިވާއިރު، މުޅި ސޯޝަލް ސެންޓަރު އެކީއެކަށް ރަތްކޮށްލުމަށްވެސް ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.

މިރޭގެ މެޗަކީ ވޮލީގެ ތާރީހުގައިވެސް ރާއްޖޭގައި ކުޅޭ ފުރަތަމަ އެކުވެރިކަމުގެ މެޗެވެ. އަނެއްކޮޅުން މީގެކުރިން ލަންކާ އަތުން ރާއްޖެއަށް ވޮލީގައި މޮޅެއް ހޯދިފައެއްވެސް ނުވެއެވެ. އެތާރީހު ބަދަލުކުރަން މިރޭ ސޯޝަލް ސެންޓަރު ގުގުމާލަ ދޭށެވެ. ނޭޕާލްގައި އޮތް މުބާރާތަށް ގައުމީ ވޮލީޓީމު ދިޔުމުގެ ކުރިން، ޓީމާއެކު ރައްޔިތުން ތިބިކަން ދައްކާލަ ދޭށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވޮލީގެ ސަޕޯޓަރުން

    ވޮލީއަށް ކޮން އާއިލާއެއްތަ މިހާރު މި ލަނީ ފަހަތައް (ވޮލީ އާއިލާ)، ހަމަ އެހެން ކުޅިވަރުގެ ފަހަތައްވެސް އާއިލާ ހިމަނަންވީނޫންތޯ، އޭގެ ބަދަލުގަ ވޮލީ އަށް ލޯބިކުރާ ނުވަތަ ވޮލީގެ ސަޕޯޓަރުންނޭ ކިޔަންވީނުންތޯ، މިހާރު އެއްބަޔަކު މާ ވޮލީވެގެން ވޮލީގެ އާއިލާ ޔޯ!

    1
    1