ގާފަރުގައި ބާއްވާ އެންމެ ފޯރިގަދަ، އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިއްޔެ ކުޅުނު މެޗުތަކުން ޑީޓީ ޑައުންޓައުންއާއި އެންމެފަހުގެ ޗެމްޕިއަން އެފްސީ ހަބޭސް މޮޅުވެއްޖެއެވެ.

ރޭގެ މެޗުން މޮޅުވެ، ހަބޭސް ވަނީ ސެމީގެ އުންމީދު އާކޮށްފައެވެ. ތިން މެޗުން ހަތަރު ޕޮއިންޓާއެކު އެޓީމު ގްރޫޕް ބީގެ ތިންވަނައިގައި އޮތްއިރު، ގްރޫޕް ސްޓޭޖުގައި ދެން ބާކީ އޮތީ އެންމެ މެޗެކެވެ. އޯކޭ ބޯއީޒްއާއި ވައިޕާސް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައި އޮތްއިރު އެއްވަނައާއި ދެވަނައިގައި އޮތީ އެ ދެޓީމެވެ. ހަބޭސް އަތުން 9-2ގެ ނަތީޖާއަކުން އެފްސީ ސްކައި ބަލިވެ، އެޓީމު ވަނީ ކަޓާފައެވެ.

ހަބޭސްއިން މޮޅަށް ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ މިހާރު މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމުވެސް އޮތް ހުސައިން ޝަރީފް (އޮންލީ)އަށެވެ.

ރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި ޑައުންޓައުން ސްޕޯޓްސްއާއި ނިއު ޔަންގް ސްޕޯޓްސް ވާދަކޮށް، 3-1އިން މެޗު ކާމިޔާބުކުރީ ޑައުންޓައުން ސްޕޯޓްސްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑައުންޓައުން ސްޕޯޓްސްގެ އަހްޒާމް ނިޔާޒެވެ.

ޑައުންޓައުންއިން ކުޅުނު ތިން މެޗުން ތިން ޕޮއިންޓް ލިބިިފައިވާއިރު، ބާކީ އެޓީމަށް ގްރޫޕް ސްޓޭޖުގައި އޮތީ އެންމެ މެޗެކެވެ. ގްރޫޕްގެ އެއްވަނައިގައި ޕްރިޑޭޓާ ހަތް ޕޮއިންޓާއެކު އެކު އޮތްއިރު، ނިއުޔަންގް ސްޕޯޓްސްއާއި އެފްސީ ގާފަރަށް ލިބެނީ ތިން ޕޮއިންޓެވެ.