ކްރިސްޓިއާނޯ ރޮނާލްޑޯއޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހަކު ދުނިޔޭގައި މަދު ވާނެއެވެ. އެންމެ ދޮށީ އުމުރު ފުރައިގެ މީހުންނަށްވެސް ރޮނާލްޑޯގެ ވާހަކަ އެނގޭ އިރު، ކުޑަ ކުދިންނަށްވެސް ރޮނާލްޑޯ އެނގެއެވެ. ނަމަވެސް، ރޮނާލްޑޯގެ މަޝްހޫރު 7 ނަމްބަރަށް އޭނާ ކުޅެން ފެށީ ކީއްވެކަން ކިތައް މީހުންނަށް އެނގޭ ބާވައެވެ.

2003 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ރޮނާލްޑޯ ބަދަލުވިއިރު އޭނާ ބޭނުންވީ 28 ނަމްބަރެވެ. އޭގެ ކުރިން ރޮނާލްޑޯ ކުޅުނު ކްލަބު ތަކުގައިވެސް އޭނާ ކުޅެފައި ވަނީ ހަމަ އެ ނަމްބަރަށެވެ. އެހެންކަމުން، މިއަދު އަހަރެމެންނަށް އެނގޭ މަޝްހޫރު ބްރޭންޑް ސީއާރް.7 ގެ ބަދަލުގައި ސީއާރް.28 ފެނުމުގެ ފުރުސަތު ވެސް އޮތެވެ. ނަމަވެސް، އެކަން ބަދަލު ކުރީ އޭރު ޔުނައިޓެޑަށް އިރުޝާދު ދެމުން އައި ސާ އެލެކްސް ފާގެސަންއެވެ.

ރޮނާލްޑޯ ޔުނައިޓެޑުގައި

ފާގެސަން ބޭނުންވީ ޔުނައިޓެޑުގެ ލެޖެންޑަކަށް ރޮނާލްޑޯ ހެދުމަށެވެ. އެހެންކަމުން، ރޮނާލްޑޯ 7 ނަމްބަރަށް ކުޅެން ބޭނުންވާ ކަމަށް ފާގެސަން ބުނުމުން ރޮނާލްޑޯ ވެސް އެކަމަށް ދެކޮޅެއް ނުހަދައެވެ. ޑޭވިޑް ބެކަމްއާއި އެނޫންވެސް މަޝްހޫރު ކުޅުންތެރިން ކުޅެފައިވާ އެ ނަމްބަރު އެންމެ 18 އަހަރުގައި ރޮނާލްޑޯ އާއި ހަވާލު ކުރުމުން އޭނާ ހުރީ ވަރަށް ބޮޑަށް ހައިރާން ވެފައެވެ.

ނަމަވެސް، ފާގެސަން ކަންތައް ކުރީ ވަރަށް ރަނގަޅަށެވެ. ރޮނާލްޑޯގެ ކެޕޭސިޓީ ނެރެދިނީ އޭނާ އެވެ. ޔުނައިޓެޑް ދޫކޮށްލި އިރު ރޮނާލްޑޯ ވަނީ 119 މެޗުން 84 ގޯލު ކާމިޔާބު ކޮށް، 3 ފަހަރެއްގެ މަތިން ޕްރިމިއާ ލީގު ކާމިޔާބުކޮށް، 1 ފަހަރު ޗެމްޕިއަންސް ލީގު އުފުލާލައި، އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ބެލޯންޑިއޯ ވެސް ހޯދާފައެވެ.

ރޮނާލްޑޯ ޔުވެންޓަސް އަށް ގޯލު ޖެހުމަށް ފަހު

2009ވަނަ އަހަރު ރެއަލް މެޑްރިޑަށް ރޮނާލްޑޯ ބަދަލުވި އިރު، 7 ނަމްބަރަށް ކުޅެމުން ދިޔައީ އެ ކްލަބުގެ ލެޖެންޑް ރައުލް އެވެ. އެހެންކަމުން ރޮނާލްޑޯ ދިޔައީ 9 ނަމްބަރަށް ކުޅެމުންނެވެ. ނަމަވެސް، ދުވަސްކޮޅެއް ފަހުން ރައުލް އެ ކްލަބު ދޫކޮށްލުމުން ރޮނާލްޑޯ އަށް އަނެއްކާވެސް އޭނާގެ 7 ނަމްބަރު ލިބިގެން ދިޔައެވެ. ރޮނާލްޑޯ ރެއަލް މެޑްރިޑު ދޫކޮށްލި އިރު، އޭނާ ވަނީ ރައުލްގެ ރެކޯޑުތައް ބޮޑު ތަފާތަކުން އައު ކޮށްފައެވެ.

މިހާރު ޔުވެންޓަސް އަށް ކުޅެމުން އަންނަ ރޮނާލްޑޯ އެ ކްލަބަށް ބަދަލުވި އިރު، އެ ނަމްބަރަށް ކުޅެމުން ދިޔައީ ކުއަޑްރާޑޯ އެވެ. ނަމަވެސް، ރޮނާލްޑޯ އަށް އިހުތިރާމް އަދާ ކުރުމުގެ ގޮތުން އޭނާ ވަނީ 7 ނަމްބަރު ރޮނާލްޑޯ އަށް ދީފައެވެ. ސީއާރް.7 އަކީ ދުނިޔެ އަށް މަޝްހޫރު ބްރޭންޑެއް ކަމުގައި ވާއިރު، އެ ބްރޭންޑުގެ ސެންޓާއި ހޮޓާ ތަކާއި އެނޫންވެސް ވިޔަފާރިތައް ހުރެއެވެ. ރޮނާލްޑޯ އުފަން ޤައުމު، ޕޯޗުގަލް އޭނާ ތަމްސީލް ކުރަނީ ވެސް ހަމަ 7 ނަމްބަރު ޖާޒީގައެވެ.

ރޮނާލްޑޯ ޕޯޗުގަލް އާއި އެކު ނޭޝަންސް ލީގު ކާމިޔާބު ކުރުމަށް ފަހު

ދުނިޔޭގެ އެތައް މިލިއަން ކުޑަ ކުދިންނެއްވެސް ރޮނާލްޑޯގެ ފައިތިލަ ފަހަތުން ދިޔުމުގެ ގޮތުން 7 ނަމްބަރަށް ކުޅެން ފަށައެވެ. މިގޮތުން ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔަކީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭ އެވެ. އޭނާ ވެސް 7 ނަމްބަރަށް ކުޅެން ފެށީ ރޮނާލްޑޯ ނަމޫނާ އަކަށް ބަލައިގެން ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސުނޭ

  މަ ބުނެގެން އަސްލު އެއީ. އަހާބަލަ އޭނަ ގާތު މީ ދޮގެއްތޯ..

  3
  2
 2. ނަބާ

  “ ސުނޭ” ތިހެން ރޮނާލްޑޯވެސް ބުންޏޭ، ވަރަށް ގަޔާވާ ސުނޭ ކިޔާމީހަކު ބުނެގެންނޭ މި 7 އަށް މިކުޅެނީ ??

  5
  1
 3. ރޮނާލްޑޯގެ އަމާ

  މަގޭ ސޮރުގެ ޙަޤީޤަތް އެނގޭނީ މަށަށް. މަބުނެގެން އެއީ