ގައުމީ ޓީމުގެ ސްކޮޑަށް ނުނެގުމުން ގުޅިކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް ބުނި ބުނުން، މުހައްމަދު އާރިފް (ބަކާ) ދޮގު ކޮށްފިއެވެ.

މިއަދު ގައުމީ ޓީމު ލަންކާއަށް ފުރާފައިވާއިރު، ޓީމު ކޭމްޕް ކުރަމުންދަނީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަސް ތެރޭގައި ރާއްޖެއިން ޗައިނާ އާއި ގުއާމްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ރަނގަޅު ފޯމެއްގައި ހުއްޓާ އޭނާ ނުހިމަނާ ސްކޮޑު އެކުލަވާލުމުން އެތައް ބައެއްގެ ފާޑު ކިޔުން ވަނީ ކޯޗަށް އަމާޒު ވެފައެވެ. އޭގެ އިތުރުން ރާއްޖެއަށް ދެފަހަރު ވެސް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދިން ސްކޮޑުގައި ހިމެނުނު ބަކާއާއި މުހައްމަދު އުމެއިރު ވެސް ސްކޮޑުގައި ނުހިމެނޭ އިރު، ފާހަގަ ކޮށްލެވޭ ވަރުގެ ޒުވާން ކުޅުންތެރިން ތަކަކަށް ވެސް ވަނީ ފުރުސަތު ގެއްލިފައެވެ. އެގޮތުން "މިހާރު އެވޯޑް"ގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި ހަސަން ރާއިފް (ހަންނަ) ހިމެނެއެވެ.

ކޯޗަށް ބޮޑު ޕްރެޝަރަކާ ކުރިމަތިވެފައިވާއިރު، އޭނާ މިއަދުގެ ޕްރެސްގައި ބުނެފައި ވަނީ ސްކޮޑުގައި ނުހިމެނުމުން ބަކާ އޭނާއަށް ގުޅި ކަމަށެވެ.

"ގައުމީ ޓީމުގައި ނެތީމަ އަހަންނަށް ބަކާ ގުޅި. އަހަރެން އޭނަ އަށް އޮޅުންފިލުވައިދިނިން. އަހަރެން ބުނިން ބަކާ އަށް 34 އަހަރުވީމާ، މި ކަހަލަ މެޗުތަކުގައި ބޭނުމެއް ނުކުރެވޭނެ ކަމަށް. ބަކާ އަށް ވެސް އެ އުމުރުގެ އެހެން ކުޅުންތެރިންނަށް ވެސް އޮންނާނީ އެ އުސޫލު. މި ކޮލިފިކޭޝަންތައް އެއްކޮށް ނިމޭއިރު ބަކާ އާއި އަޝްފާގު ފަދަ ކުޅުންތެރިންނަށް 38 އަހަރުވާނެ. އެއީ މާ ދޮށީ އުމުރެއް،" ސެގާޓް ބުންޏެވެ.

ބަކާ މުސްކުޅި ވެއްޖެ ކަމަށް ކޯޗު ބުނެފައިވާއިރު، ބަކާ ބުނެފައި ވަނީ އޭނާއަކީ ގައުމީ ސްކޮޑަށް ނުނެގިޔަސް ޝަކުވާ ކުރާނެ މީހެއް ނޫން ކަމަށެވެ. އަދި ކޯޗަށް ގުޅީ އެހެން ކަމެއްގައި ކަމަށެވެ.

"އަބަދުވެސް ކޯޗާ ވާހަކަ ދެކެވޭނެ ކަންތައްތަކުގައި. ގައުމީ ޓީމަށް ނާރައިގެން އެއްވެސް ޝަކުވާއެއް ކުރި މީހެއް ނޫން މިއީކީ. ވަރަށް ބޮޑެތި ޕްލޭންތަކާއެކު އެކަޑެމީ ކަންތަކުގައި މިއުޅެނީވެސް. އެކަޑެމީގެ ކަމެއްގައި ކޯޗަށް ގުޅިން. ދެން ދެއްކި ބައެއް ކުޅުންތެރިން ސްކޮޑަށް ނުނަގާ ވާހަކައާ، އެ ސަބަބުތަކާ. އެކަމަކު އަހަރެން އަމިއްލަ އެއްވެސް ވާހަކައެއް ނުދައްކަން. ސްކޮޑުގެ އެކަހަލަ ވާހަކައެއް ނުވެސް އަހަން،" ބަކާ "ވަގުތަށް" ވާހަކަ ދައްކަމުން ބުންޏެވެ.

ސެގާޓް އެކުލަވާލި 28 ކުޅުންތެރިންގެ ސްކޮޑު، ވިސާ ޖެހުމަށާއި، ތަމްރީން ތަށް ހެދުމަށް މިއަދު ސްރީ ލަންކާ ފުރާފައިވާއިރު، ނޫސްވެރިންނަށް މައުލޫމާތު ދެމުން ސެގާޓް ބުނެފައި ވަނީ ބަކާ އާއި އަޝްފާގު ފަދަ ކުޅުންތެރިންނަށް ވޯލްޑް ކަޕް ކޮލިފިކޭޝަން ނިމޭ އިރު ހުންނާނީ 38 އަހަރު ވަރު ވެފައި ކަމަށާއި، އެއީ މާ ދޮށީ އުމުރެއް ކަމަށެވެ.

އެކަމާ ކޯޗަށް އިންތިހާއަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަލޯ

    އިސްތިއުފާ ދޭންވީނުން

    21
    4
  2. ސަކަރާއް

    މީ ކޯޗާއި ބައްސާމް ގުޅިގެން ހިންގާ ބޮޑު ޖަރީމާ އެއް. ކޯޗާއި ބައްސާމު ބޭރުކުރޭ. ނޫނީ ރައްޔިތުންގެ އަމިއްލަ އަށް ގޮސް ބޭރު ކުރަން ޖެހިދާނެ އިނގޭ. ކޯޗު ދޮގު ހަދަނީ އޮޅުވާލަނީ ދިވެހިންނަށް.

    47
    9
  3. ކޯޗު

    ދެން އަޝްފާގު މުސްކުޅި ކުރެއްވިޔަސް ހަމަ ސްކޮޑަށް ކޮންމެހެން ނަގަން ޖެހޭތަ؟ ޒުވާން އެހެން ކުޅުންތެރިންނަށްވެސް ޖާގަދޭންޖެހޭ. އަޝްފާގު ނުހުންނާނެ އަބަދަކު. އެހެންވީމާ އެހެން އަޝްފާގެއް އެބަޖެހޭ އުފައްދަން. ދެންއޮތީ މޮޅުވުމާއި، ބަލިވުން. އަޝްފާގާއި ބަކާ ހުރި ހުރިހާ ފަހަރެއްގައި މޮޅެއްވެސްނުވޭ، ތައްޓެއްވެސް ނުގެނެވޭ އަދި ކޮލިފައިވެސް ނުވޭ ދުވަހަކުވެސް. އެހެންވީމާ މިއީ އަޖުމަބަލާލަން ރަނގަޅު ފާލެއް. ކުރިއަށް ސެޖަޓް.

    18
    38
  4. ފިލި ވަގު

    ގައުމީ ޓީމަށް ކުޅުންތެރިންނަގަނީ އުމުރަށް ބަލައިގެންކަން އަދި މި އެނގުނީ. އަހަރެމެންގޭގައިވެސް އުޅޭ 21 އަހަރުގެ ކުއްޖެއް. އޭނަ އަށް ރަނގަޅަށް ބޯޅައެއްގަ ޖަހަންވެސް ނޭނގޭ. އެހެނަސް އުމުރަށް ބަލާފަ އޭނަ ނަގަން ފެނޭ.

    2
    1
  5. ބޮރޯ

    ކޯޗް ނަމުގައި ކޮމެންތް ކުރި ބޭފުޅާއަށް. ކޮން ގައުމެއްތޯ ހުރިހާ ތައްޓެއް ނެގީ ބައިވެރިވާ ހުރިހާމުބާރާތަކުން. އެކަމަކު ރޮނާލްޑޯ މެސީ އާއި ހުރިހާ މޮޅެތި މީހުން ޓީމްގަ ހިމަނާ.

    ތިބޭފުޅާއަށް ފުޓްބޯޅަ ނޭގެންޏާ ކޮމެންޓް ނުކޮށް މަޑުން އިދެބަލަ

  6. ކުއްތާކޯޗު

    ތީ މިޤައުމުގެ ދުވަސްދުއްވަަލަން އުޅެޭކޯޗެއްމުސީބަތެއްްކޯޗަކީ