އުމުރުން 33 އަހަރުގެ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)އަކީ ރާއްޖޭގެ ވޮލީގެ ތާރީހުގައިވެސް ރަން އަކުރުން ފަވާލެވޭނެ ނަމެކެވެ. ވޮލީގެ އެންމެ ވަރުގަދަ އަތޮޅު، ވ އަތޮޅުގެ ކެޔޮދޫއަށް އުފަން ލޯންގޭ ފާހަގަކޮށްލެވެނޭ ވޮލީ ކޯޓުން ފެނުނު ވަރުގަދަ ލީޑަރެއްގެ ގޮތުގައެވެ. ހާއްސަކޮށް އޭނާއަކީ އެކަނި މައިއެކަނިވެސް ނަތީޖާ ނެރެވޭނެ ފެންވަރުގެ ޝަހުސިއްޔަތެއްކަން ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ދައްކައިދީފައެވެ.

2001 ވަނަ އަހަރު އެމްއީއެސް ވޮލީ ޓީމުން ވިދާލި ލޯންގޭ އަކީ ރާއްޖޭގެ ވޮލީގައި ގިނަ ކާމިޔާބީތެއް ހޯދައިފައެވެ. މެދުކެނޑުމެއްނެތި 15 އަހަރު ދުވަސް ވަންދެން ގައުމީ ޓީމަށް ކުޅުނުއިރު، އޭނާއަކީ ފަހަކާ ޖެހެންދެންވެސް ގައުމީ ޓީމުގެ ކެޕްޓަނެވެ. ދިވެހި ސިފައިން ކްލަބުގެވެސް ތަނބެއްގެ ގޮތުގައި ފެންނަ ލޯންގޭ ވަނީ ގައުމީ ޓީމާ އެކު މިހާތަނަށް ދެ ރިހި މެޑަލާއި ދެ ބްރޯންޒް މެޑަލް ހޯދައިފައެވެ.

ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް މިދިޔަ އަހަރު ހާސިލްކުރި ލޯންގޭ އަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ފުރުސަތު ލިބުނީ 2004 ވަނަ އަހަރުގެ ސާފް ގޭމްސް އިންނެވެ. އޭގެ ފަހުން އޭނާ އަންނަނީ މެދުކެނޑުމެއްނެތި ގައުމީ ޓީމަށް ކުޅެމުންނެވެ. އަނިޔާވެގެން ނޫން ގޮތަކަށް އޭނާ އަަށް ގައުމީ ޓީމުން ފުރުސަތު ގެއްލިފައެއް ނުވެއެވެ.

އިންޓަ ސްކޫލް މުބާރާތްތަކުގެ ކޯޗެއްގެ ގޮތުގައި މިހާރުވެސް ލޯންގޭ ފެނިގެންދާއިރު، ވޮލީއަށް ލޯންގޭ ކުރަމުންދާ އަގުހުރި ހިދުމަތަކީ ދެބަހެއް ވެވެން އޮތް ކަމެއް ނޫނެވެ.

"ވަރަށް ދެރަވި ރިޓަޔާކުރަން ޖެހޭތީ. އެއީ މިހާ ގިނަ ދުވަހު ކުޅެފައި ގައުމީ ޖޯޒީ ބާލަންޖެހޭތީ ދެރަވޭ. އެކަމަކު ދެން ކުރަންޖެހޭ ކަމަކަށްވާތީ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ވެސް ދޭން އެބަޖެހޭ. ޓީމަށް އެންމެ ފައިދާވާގޮތަށް ބޭނުންވާތީ މި ނިންމުން މި ނިންމީ،" ލޯންގޭ ބުންޏެވެ.

ރޭ ސްރީލަންކާ މެޗަށްފަހު، އަންނަ އޭވީސީ މުބާރާތް ނިންމާލާ ގައުމީ ޓީމުން ރިޓަޔާ ކުރާނެ ކަމަށް ލޯންގޭ އިއުލާންކުރިއެވެ. ގައުމީ ޓީމަށް ލޯންގޭ ކޮށްދިން ހިދުމަތަށް ވީއޭއެމްއިން ހަނދާނީ ފިލައެއް އަރުވާފައިވާއިރު، ވޮލީ އާއިލާއިން ލޯންގޭއަށް ޝުކުރު އޮއްސަމުންދެއެވެ. ލޯންގޭ ބުނެފައި ވަނީ އުންމީދަކީ މިފަހަރުގެ އޭވީސީ މުބާރާތުން ރަން މެޑަލްއަކާއެކު ނިންމާލުން ކަމަށެވެ.