ރާއްޖޭގެ ހުރިހާ ފުޓްބޯޅަ ލީގު ތަކަކަށް ބޯޅަ ސަޕްލައި ކުރުމަށް ދުނިޔެއަށް ނަން މަޝްހޫރު ބްރޭންޑެއް ކަމުގައިވާ މޯލްޓެން އާއި އެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މޯލްޓެން އާއި އެކު ވެވުނު އެއްބަސް ވުމާއި އެކު ދިރާގު ދިވެހި ޕްރިމިއާ ލީގާއި، 2 ވަނަ ޑިވިޝަން އަދި 3 ވަނަ ޑިވިޝަންގެ އިތުރުން މިނިވަން 50 ޗެމްޕިއަންޝިޕް ގައިވެސް ރަސްމީ ބޯޅަ އެއްގެ ގޮތުގައި ދެން ބޭނުން ކުރެވިގެން ދާނީ މޯލްޓެންގެ ބޯޅަތައް ކަމަށެވެ.

މޯލްޓަން އަކީ ޖަޕާނުގެ ކުންފުންޏެއް ކަމުގައި ވާއިރު، އެ ކުންފުނިން އަންނަނީ އެކި ކުޅިވަރުތައް ކުޅޭ ބޯޅަތައް މުޅި ދުނިޔެއަށް ސަޕްލައި ކޮށްދެމުންނެވެ. މިގޮތުން، މޯލްޓެން އިން ހަދާ ބާސްކެޓް ބޯޅަތައް އިންޓަނޭޝަނަލް ބާސްކެޓް ފެޑެރޭޝަން އިން ބާއްވާ މުބާރާތް ތަކުގައި ރަސްމީކޮށް ބޭނުން ކުރާއިރު، އެ ކުންފުނީގެ ފުޓްބޯޅަ މިދިޔަ ސީޒަނުން ފެށިގެން ޔޫރޮޕާ ލީގުގައި ވަނީ ބޭނުން ކުރަން ފަށާފައެވެ. އަދި އޭފްސީ މުބާރާތުގައި ވެސް ބޭނުން ކުރާނީ ހަމަ މޯލްޓެންގެ ބޯޅަތައް ކަން ފާހަގަކޮށްލެވެއެވެ.

މޯލްޓެންއަކީ ބޯޅަ އުފެއްދުމުގައި މަޝްހޫރު ކުންފުންޏަކަށް ވާއިރު، ރާއްޖެ އަށް މިފަދަ ބްރޭންޑްތައް އައުމުން ކުޅިވަރުގެ ކޮލިޓީ އިތުރަށް ރަނގަޅު ވެގެން ދާނޭ ކަމަށް ބެލެވެއެވެ.