ރެއަލް މެޑްރިޑްގެ ކޯޗު ޒައިނެއްދީން ޒިދާން އެ ކްލަބުގެ ވިންގާ ގެރެތް ބޭލް އާއި މިޑްފިލްޑަރު ޖޭމްސް ރޮޑްރިގޭޒް ކުއްލިއަކަށް މުހިއްމު ވެއްޖެއެވެ.

އެ ކްލަބުގެ ކޯޗު ކަމާއި ދެވަނަ ފަހަރަށް ޒިދާން ހަވާލުވި ހިސާބުން ވަނީ ކްލަބު އެއްކޮށް ރީބްރޭންޑު ކުރާނެ ކަމަށް ބުނެފައެވެ. މިގޮތުން ކްލަބުން ބޭރު ކުރަން އޭނާ ނިންމާފައިވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅުނީ ގެރެތް ބޭލް އާއި ޖޭމްސް ރޮޑްރިގޭޒް އެވެ. ބޭލް އެ ކްލަބު ދޫކޮށްލަން ދެކޮޅު ހެދުމުން ޒިދާން ވަނީ ނޫސްވެރިންގެ ބައްދަލު ވުމެއްގައި ބޭލް އެ ކްލަބަށް ބޭނުން ނުވާ ކަމަށާއި އޭނާ އަށް ކުޅެން ނުލިބޭނެ ކަމަށް ބުނެފައެވެ.

އެހެން ބުނުމާއި އެކު ޒިދާން އާއި ބޭލް އާއި ދެމެދު ވަނީ ބޮޑެތި މައްސަލަތަކެއް ޖެހިފައެވެ. ދުނިޔޭގެ އެންމެ ބޮޑު މުސާރަ އެއް ލިބޭ ކުޅުންތެރިޔާގެ ގޮތުގައި ޗައިނާގެ ކްލަބަކަށް ދާން ބޭލް އަށް ފުރުސަތު ލިބުނު ނަމަވެސް، ރެއަލް އިން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޒިދާންގެ ބަސްތައް ކުއްލިއަކަށް ބަދަލުވެފައި މިވަނީ ޕްރީ ސީޒަން ޓުއާގައި އެ ކްލަބުން ދެއްކި ދަށް ކުޅުމުގެ ސަބަބުން އޭނާގެ މަގާމު ގެއްލިދާނެ ކަމުގެ ބިރު ހީވުމުންނެވެ.

ބޭކާރު ވެގެން އުޅުނު ދެ ކުޅުންތެރިން ކުއްލިއަކަށް މުހިއްމުވުމުން އެތައް ބަޔަކު އަންނަނީ ޒިދާން އަށް ފާޑު ކިޔަމުންނެވެ. މީގެ ކުރިން ޒިދާން ބޭލް އެ ކްލަބުން ބޭރު ކުރަން މަސައްކަތް ކޮށްފައި ވަނީ ރެއަލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނާ ޕެރޭޒް އެކަން ނުކުރުމަށް ބުނެފައި ވަނިކޮށެވެ.

ޒިދާން ބުނެފައިވާ ގޮތުން ބޭލް އާއި ރޮޑްރިގޭޒް އަކީ އެ ކްލަބުގައި އިސް ދައުރެއް އަދާ ކުރާނޭ ދެ ކުޅުންތެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    ވީގޮތަކީ ބައެއް ކުޅުންތެރިން އިންޖަރީވުން. ޚާއްޞަކޮށް އެސެންސިއޯ އިންޖަރީވުމުބް

    5
    3