ކާޑިފް ސިޓީގެ ފޯވާޑް އެމިލިއާނޯ ސަލާ ދަތުރުކުރި ފްލައިޓް ވެއްޓުމުގެ ކުރިން، ނުރައްކާތެރި ގޭހެއް ކަމަށްވާ ކާބޮންމޮނޮކްސައިޑް ފްލައިޓް ތެރޭގައި ލީކުވެފައިވާކަން ހާމަވެއްޖެއެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފްރާންސްގެ ނަންޓޭސް އިން ކާޑިފް ސިޓީ އަށް 15 މިލިއަން ޕައުންޑުގެ އަގަކަށް ބަދަލުވި ސަލާގެ ފްލައިޓް ވެއްޓިފައި ވަނީ އޭނާ އެ ކްލަބަށް ސޮއި ކުރިތާ އެންމެ ދެ ދުވަސް ފަހުން ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.

މީގެ ކުރިން ކޮށްފައިވާ ތަހުގީގު ތަކުން ދައްކާ ގޮތުގައި މި ހާދިޘާ މެދުވެރިވުމުގައި ޕައިލެޓުގެ ބޮޑު އިހުމާލެއް އޮތެވެ. އަދި އެންމެ ފަހުގެ ތަހުގީގުތަކުން ދައްކާ ގޮތުން ފްލައިޓް ވެއްޓުމުގެ ކުރިން ދެމީހުންވެސް ވަނީ ކާބޮންމޮނޮކްސައިޑް ގޭހަށް ވިހަވެފައެވެ. މިއީ އިންސާނުން މާ ގިނައިން އެތެރެ ކޮށްފި ގޭހެއް ނަމަ މީހާ ވަގުތުން މަރު ވުމުގެ ފުރުސަތުވެސް އޮންނަ ގޭހެއް ކަމުގައި ވާއިރު، އިނގިރޭސި ވިލާތުގެ ތަހުގީގު ކުރާ ފަރާތްތަކުން ބުނެފައި ވަނީ ސަލާގެ ހަށިގަނޑުގައި ހާޓް އެޓޭކެއް ޖެހޭ ވަރަށް މި ގޭސް ހުރި ކަމަށެވެ.

މި ހޯދުމާއި އެކު މިހާރު ބެލެވިފައިވާ ގޮތުގައި ބޯޓު ވެއްޓުމަށް މެދުވެރި ސަބަބަކީ މިއީ ކަމުގައި ވެސް ބެލެވިދާނެއެވެ. އެއީ ސަލާގެ ހަށިގަނޑުގައި ފުރާނަ އަށް ނުރައްކާ ވާ ވަރަށް މި ގޭސް ހުރި އިރު، ފްލައިޓް ދުއްވަން އިން ޕައިލެޓަށް ވެސް ހަމަ އެވަރަށް އަސަރު ކުރާނެތީއެވެ. އެހެން ވެއްޖެ ކަމުގައި ވަނީނަމަ، ރަނގަޅަށް ފްލައިޓް ކޮންޓްރޯލް ނުކުރެވި، ވެއްޓުމުގެ ފުރުސަތު ވަރަށް ބޮޑު ވާނެތީއެވެ.

ސަލާގެ އާއިލާ އިން އެ ގޭސް ފްލައިޓުގެ ކެބިން ތެރެއަށް ވަތް ގޮތަކާއި މެދު މިހާރު ސުވާލު އުފައްދަމުން އަންނަ އިރު، ކަމާ ބެހޭ ފަރާތްތަކުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެ ފްލައިޓު ދުއްވަން އިން ޕައިލެޓު އަތުގައި ޕަސެންޖަރުން އުފުލުމުގެ ލައިސަންސް ވެސް ނެތް އިރު، ތަހުގީގު ރިޕޯޓް ބުނާ ގޮތުން ފްލައިޓް ވަނީ 24 ސިކުންތު ތެރޭގައި އެތައް ހާސް ފީޓެއް މަތިން ކުއްލިއަކަށް ވެއްޓި، މޫދުގައި ޖެހުނު ގޮތަށް 3 ފަޅިޔަކަށް ވަކިވެގެން ގޮސްފައެވެ. މި ހާދިޘާ އަށް ފަހު ސަލާގެ ހަށިގަނޑު ފެނުނު ނަމަވެސް، ފްލައިޓް ދުއްވަން އިން ޕައިލެޓްގެ ހަށިގަނޑު ވީ ނުވީ އެއް އަދިވެސް ނޭނގެއެވެ.