ދާދި ފަހުން ފެށުނު ޕްރިމިއާ ލީގުގެ 2019-20ގެ ސީޒަން ނިމުމާއި އެކު ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު އެ ކްލަބު ދޫކޮށްލާނެ ކަމަށް އިނގިރޭސި ކޯޗު ގެރީ ނެވިލް ބުނެފިއެވެ.

މީގެ ދެ އަހަރު ކުރިން ރޯމާ އިން ލިވަޕޫލް އަށް ބަދަލުވި ސަލާހު އެ ކްލަބުގައި އިސް ދައުރެއް އަދާ ކުރާ އިރު، ފާއިތުވެދިޔަ 2 ސީޒަނުގައިވެސް އޭނާ ވަނީ ރަން ބޫޓް ހޯދާފައެވެ. އަދި އެ ކްލަބަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމަށްވެސް އޭނާ ވަނީ ބޮޑު އެހީތެރިކަމެއް ވެދީފައެވެ. ނަމަވެސް، މީގެ ކުރިން ވެލެންސިއާ އިރުޝާދު ދީފައިވާ ގެރީ ބުނާގޮތުން މި ސީޒަނަށް ފަހު އޭނާ ލިވަޕޫލް ދޫކޮށް، އެހެން ކްލަބަކަށް ބަދަލުވާނެއެވެ.

ގެރީ މިހެން ބުނެފައި ވާއިރު، ސަލާހު ލިވަޕޫލްގައި މަޑުކޮށްގެން ހުންނަނީ ސްޕެއިންގެ ބޮޑު ކްލަބަކަށް ބަދަލުވުމުގެ ކުރިން ތަޖުރިބާ ހޯދަން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި މީގެ ކުރިން ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުންވެސް ސަލާހް އެންމެ މަތީ ފެންވަރުގެ ކުޅުންތެރިއަކަށް ވާން ބޭނުންނަމަ ސްޕެއިން އަށް ބަދަލުވާން ޖެހޭ ކަމަށްބުނެ ވާހަކަ ދައްކާފައި ވެއެވެ.

މީގެ ކުރިން ލިވަޕޫލްގައި ވިދާލާފައިވާ ލުއިސް ސުއަރޭޒް އާއި ޒަބީ އަލޮންސޯ ފަދަ ކުޅުންތެރިން ލަލީގާ އަށް ބަދަލުވުމަށް ފަހު ވަނީ ބޮޑެތި ކުރި އެރުންތަކެއް ހޯދާފައެވެ. ރޭ ސުޕާ ކަޕް ފައިނަލް މެޗުގައި ޕެނަލްޓީ އިން ޗެލްސީ ބަލިކޮށް، ލިވަޕޫލް އިން ވަނީ އެ މުބާރާތް ކާމިޔާބު ކޮށްފައިކަންވެސް ފާހަގަކޮށްލެވެއެވެ.