އއ. މަތިވެރީގައި ކުރިއަށް ގެންދާ ރައުޗް ހެޕީ މާކެޓް ޔޫއެސްސީ ފުޓްސަލް ކަޕްގެ ފައިނަލަށް އެފްޓީ ވޭލިއަންޓާއި އާރްބީޖީ ދަތުރުކޮށްފިއެވެ.

އެ ދެޓީމު ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗުތައް ކާމިޔާބު ކޮށްގެންނެވެ.

އާރްބީޖީން ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލްގައި ރޯޔަލް ނައިޓްސް 2-1ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އަދި ދެވަނަ ސެމީ ފައިނަލްގައި ވޭލިއަންޓުން މާންސް ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ. މުބާރާތުގައި ފުޓްސަލްގެ ތަރިން ފެނިގެންދާއިރު، ފައިނަލް މެޗުގައި ފެނިގެންދާނީ ވަރުގަދަ ކުރިމަތިލުމެއް ކަމަށް ބެލެވެއެވެ.

ޔޫނިއަން ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ހެޕީ މާކެޓެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ މަތިވެރީ ފުޓްސަލް ދަނޑުގައެވެ.

ޗެމްޕިއަން ޓީމަށް 30،500 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހެޅިފައެވެ. އެ މުބާރާތަކީ މަތިވެރީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރޭ 9:00 ގައެވެ. މެޗުތައް ކުރިއަށްދާނީ މަތިވެރި ފުޓްސަލް އެރީނާގައެވެ.