އއ. މަތިވެރީގައި ކުރިއަށް ގެންދާ ރައުޗް ހެޕީ މާކެޓް ޔޫއެސްސީ ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ބޮޑުފޮޅަދޫ އަށް ނިސްބަތްވާ އާރްބީޖީން ހޯދައިފިއެވެ.

އެޓީމުން ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފޯރިގަދަ ފައިނަލްގައި، ޕެނެލްޓީ ޖަހައިގެން އެފްޓީ ވޭލިއަންޓް ބަލިކޮށްގެންނެވެ. މިއީ ރަށުން ބޭރު ޓީމަކުން މުބާރާތަކުގެ ތަށި ނެގި ދެވަނަ ފަހަރެވެ. މީގެ ކުރިން އެއްފަހަރު ރަސްދޫގެ ޓީމަކުން ތަށި ނެގިއިރު، ދެން ބޭއްވި 13 ފަހަރުވެސް ތަށި ނަގާފައި ވަނީ މަތިވެރިއަށް ނިސްބަތްވާ ޓީމުތަކުންނެވެ.

މިރޭ ކުރިއަށްދިޔަ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނަކީ އަލީ އިހުސާނެވެ. ފައިނަލް މެޗުގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ސަޕޯޓަރުންގެ އަޑުން ފުޓްސަލް އެރީނާ ވަނީ ގުގުމާލާފައެވެ. ހަމަލާތައް ގިނަކޮޮށް ފެނުނު ނަމަވެސް، އެއްވެސް ޓީމަކަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 0-0އިން ނަތީޖާ އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެވެ.

ޕެނެލްޓީގައި އާރްޖީބީ މެޗު ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ.

ފައިނަލް މެޗަށްފަހު މުބާރާތަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގު ވަޒަން ކުރުމާއެކު، މުބާރާތުގެ އެކިއެކި މަގާމުތަކަށް ހޮވުނު ފަރާތްތަކަށްވެސް ވަނީ ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލު ކޮށްފައެވެ.

މުބާރާތުގެ ފުޓްސަލް ކިންގަކަށް ވޭލިއަންޓްގެ ހުސައިން ނާޝިދު (ނާއްޓޯ) ހޮވުނުއިރު، މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ އާރްބީޖީގެ މުހައްމަދު ޝިރުހާނެވެ. ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ޝިރުހާންއާއި ނާއްޓޯގެ އިތުރުން ދެން ހިމެނުނީ އާރްބީޖީގެ އަހުމަދު ރިއުޝާންއާއި، މާންސްގެ އިސްމާއީލް ނަސީމްގެ އިތުރުން ދެން ހިމެނެނީ ރޯޔަލް ނައިޓްގެ ގޯލްކީޕަރު ޒައިދާން އަހުމަދެވެ.

ޗެމްޕިއަން ޓީމަށް 30،500 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހެޅިފައެވެ. ޔޫއެސްސީ ފުޓްސަލް ކަޕަކީ މަތިވެރީގައި ކުރިއަށްގެންދާ އެންމެ ތާރީހީ އަދި އެންމެ ޒަމާންވީ ފުޓްސަލް މުބާރާތެވެ. އަދި އެ މުބާރާތަކީ އެންމެ އަގުބޮޑު މުބާރާތްވެސް މެއެވެ.