ގައުމީ ޓީމުގެ ކަންކަމާ މުޅި ދިވެހި ރައްޔިތުން ކަންބޮޑު ކޮށްލައިފިއެވެ. ގައުމީ ޓީމަށް ދިވެހީންގެ ފަރާތުން ދޭންވާ ލޯތްބާ އިހުތިރާމް ގެއްލި، ގައުމީ ޓީމަށް ހިތްވަރު ދޭން ދަނޑަށް ވަންނާނެ މީހެއް ނެތް ހިސާބަށް ގޮސްފިއެވެ. ކުޅުންތެރިންގެ އެއްވެސް ކުށަކުން ނޫނެވެ. ގައުމީ ޓީމު، ރައްޔިތުންނާ ހަމައަށް ގެނެސްދޭން ތިބި މީހުން، އިދާރާތަކުން ފެއިލްވުމުންނެވެ.

ގައުމުގެ ފުޓުބޯޅައިގެ ކުރިމަގަށް "ޓުވާޑްސް ފިއުޗާ"ގެ ދަށުން މުހިއްމު ކަންތައްތަކެއް ކުރަމުންދާކަން ގަބޫލުކުރެވުނު ނަމަވެސް، މިހާރު އޮތް ސީނިއާ ޓީމަށް ވާނެ އެއްޗެއް ވާން ދޫކޮށްލާތަން ފެނުމަކީ ދިވެހީން އެދޭނެ ގޮތެއް ނޫނެވެ. ބޮޑެތި މުބާރާތްތަކުން ފެއިލްވެ، ފުޓުބޯޅައިގެ އޮނިގަނޑު ބޮއްސުންލުމަކީ ހުރިހާ ކުޅުންތެރިންނަށް އެކަމުގެ އަސަރުކުރާނެ ކަމެކެވެ. ހާއްސަކޮށް ގައުމީ ޓީމުތަކުގެ ނަތީޖާއަކީ ފުޓުބޯޅައިގެ ކުރިމަގެވެ.

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވުނު ނަމަވެސް، އޭގެފަހުން އަނެއްކާވެސް އެޅީ ފަހަތަށް ފިޔަވަޅުތަކެކެވެ. ގައުމަށްޓަކައި ކުޅުންތެރިން ކުޅުނު އަގުހުރި ކުޅުމުގެ ޖޯޝާ ފޯރިގައި ތިއްބާ، ހަމަހުގެ ބްރޭކެއް އައިސް، ކުޅުންތެރިންގެ ފިޓްނަސް ގެއްލި، ޖޯޝު ގެއްލުނެވެ. އެ ދަނޑިވަޅުގައި ތައްޔާރީއެއް ނެތި ދިޔައީ އައިއޯއައިޖީއަށެވެ. ބޮޑުތަނުން ފެއިލްވިއެވެ. ކުޅުންތެރިންގެ އުންމީދުތަކަށް އަސަރުކޮށް، މޯޓިވޭޝަން ގެއްލޭނެކަން ޔަގީނެވެ. ކުރިއަށް އޮތީ އޭޝިއަން ކަޕާއި ވޯލްޑް ކަޕްގެ ކޮލިފިކޭޝަން މެޗުތަކެވެ. އެކަމަށް ތައްޔާރުވާން ވަގުތު ހުސްކުރި ނަމަވެސް، ސްކޮޑާއެކު އެތައް ބަޔަކު ޝަކުވާ އޮއްސާލާ، މަގުތަކަށް ނުކުންނަ ހިސާބަށް ދާން ޖެހުނެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ޕީޓާ ސެގަޓް ނަގާފައިވާ ގައުމީ ސްކޮޑުގައި މިވަގުތު އެންމެ މޮޅަށް ކުޅެމުންދިޔަ އެތައް ކުޅުންތެރިންނެއް ނުހިމަނާ އޮތުމުން، އެކަމާ މާޔޫސް ނުވާނެ ހަމައެކަކުވެސް ނެތެވެ، ކޯޗުންނާއި އާންމުންނެވެ.

"ކޮންމެ ގައުމެއްގެވެސް ސީނިއާ ޓީމުގައި ކޯޗު ހިމަނާނީ އެގައުމެއްގެ އެންމެ ރަނގަޅު ކުޅުންތެރިން. ކޯޗާއި މެނޭޖަރުންނަށް ޓީމު ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލުކުރަން. ފުރަތަމަ 11އެއް ނަގާހެން، ކޯޗަށް ފެންނަ އެންމެ މޮޅެތި ކުޅުންތެރިން ނަގާނީ. ދަގަނޑޭގެ ކޭސްއަށް ބަލާއިރު، އޭނާއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ. އެންމެ މޮޅު ކުޅުންތެރިޔާ މި މާނަ ކުރަނީ ޓެކްޓިކަލީ، ޓެކްނިކަލީ، ފިޒިކަލީ، އަދި ސައިކޮލޮޖިކަލީ. އެއީ ލީޑާޝިޕާ ޓީމް ވޯކްވެސް ހިމަނައިގެން،" ރާއްޖޭގެ ފުޓުބޯޅައިގައި ހުރި އެންމެ އިލްމީ އެއް ބޭފުޅާ، ލެޖެންޑަރީ ފުޓުބޯޅަ ކުޅުންތެރިޔާ އަދި މިހާރުގެ ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީ މައުރޫފް އަހުމަދު (މާއްޓޭ) ބުނެފައިވެއެވެ.

މާއްޓޭގެ ވާހަކައަކީ ރާއްޖެ ދުތް އެންމެ މޮޅު ކުޅުންތެރިޔާ، އަދި މިހާރުވެސް އެންމެ މޮޅަށް ކުޅޭ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ސްކޮޑުގައި ނެތުމާ ގުޅިގެން ފާޅުކޮށްފައިވާ ހިޔާލެކެވެ.

ދަގަނޑޭގެ ވާހަކައިގައި ކޯޗުގެ ދެކޮޅު ނުޖެހޭ ގިނަ ވާހަކަތަކެއް..

އަލީ އަޝްފާގު (ދަގަނޑޭ)
އަލީ އަޝްފާގު (ދަގަނޑޭ)

އަލީ އަޝްފާގު (ދަގަނޑޭ)ގެ ނަމަކީ ހަމައެކަނި ފުޓުބޯޅަ ނަމެއް ނޫނެވެ. އެނަމަކީ ދިވެހި އެތައް ކުދިންނެއްގެ އުންމީދުތަކާ ގުޅިފައިވާ ނަމެކެވެ. އެތަކެއް ކުދިންތަކެއްގެ ހުވަފެންތަކަކާ ގުޅިފައިވާ ނަމެކެވެ. ދަގަނޑޭގެ ކެރިއަރަކީ އެތައް ޒުވާން ކުޅުންތެރިންނެއް ނަމޫނާ ނަގާނެ، ކާމިޔާބު ކެރިއަރެކެވެ. ގައުމީ ޓީމު ރަމްޒުކޮށްދީ، ގައުމީ ޓީމު ލީޑު ކޮށްދީ، ގައުމަށް ރަން ހަނދާންތަކެއް ދޫކޮށްދިން "ހީރޯ"އަކީ ހަމަ ދަގަނޑޭއެވެ.

"އަދިވެސް އަޝްފާގު... އަދިވެސް އަޝްފާގު..." މިއީ ދިވެހީންގެ ކަންފަތަށް ފަސާނާއެވެ. އަޑު އަހާ ފޫހިވެސް ވާނެ އަޑުތަކެއް ނޫނެވެ. ރާއްޖޭގެ ފުޓުބޯޅައަށް ލޯބިކުރި އެތައް ބައެއްގެ ލޯތްބަކީ ސީދާ ދަގަނޑޭއަށް އެކަނި ދިން ލޯތްބެވެ. މިއަދު ގައުމީ ޓީމުގައި ދަގަނޑޭ ނެތުން އެއީ ދިވެހިން ފޫހި ކުރުވި ކަމެކެވެ. އެހެން ނަމަވެސް، ކޯޗު ޕީޓާ ސެގަޓްގެ ނިންމުމެވެ.

ގައުމީ ޓީމުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި މިދިޔަ އަހަރު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، މެޗު ޕްރެސްއަށް ނުދިއުމުން ދަގަނޑޭ ޓީމުން ބޭރުކޮށްފައިވާ އިރު، އޭގެ ފަހުން ގައުމީ ޓީމުގެ ކޯޗާއި ދަގަނޑޭއާ ދެމެދު ބަހުގެ ހަމަލާތަކެއް ގޮސްފައިވެއެވެ. ކޯޗު ބުނެފައި ވަނީ ދަގަނޑޭއަށްވެސް އަދަބު ލިބެން ޖެހޭނެ ކަމަށާއި، ޑިސިޕްލިން ޓީމެއް ބިނާ ކުރުމަށް އެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ. އޭރު ކޯޗު ބުނިގޮތުން، ދަގަނޑޭ ޓީމުން ބޭރު ކުރީ ބޮޑަށް އަހުލާގީ މައްސަލައިގެ ސަބަބުންނާއި، މާފަށް ނޭދުމުންނެވެ.

އެހެންނަމަވެސް އެވާހަކައިގެ ތެރެއިން ކޯޗު އަނބުރާލި އަނެއް ވާހަކައަކީ ދަގަނޑޭގެ އުމުރުގެ ވާހަކައެވެ. އޭނާ މުސްކުޅިވަމުންދާ ވާހަކައެކެވެ.

ދަގަނޑޭ ޓީމުގައި ނުހިމުނު ސަބަބާ ގުޅިގެން ކޯޗު ޕީޓާ ސެގަޓް ބުނީ އޭނާއާއި ދަގަނޑޭއާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ދަގަނޑޭ ނުނެގި އެއް ސަބަބަކީ ދަގަނޑޭގެ އުމުރު ކަމަށެވެ. ދަގަނޑޭގެ މިހާރު އުމުރަކީ 33 އެކެވެ. އެހެން ނަމަވެސް ދަގަނޑޭގެ ކުޅުމުން އެންމެ ތަންކޮޅެއްވެސް ދަށްކޮށް ނުފެންނައިރު، ގައުމުގައި އުފެދުނު އެންމެ ޝަރުވެރި އެއް ކުޅުންތެރިޔާގެ އުމުރަށް ބަލާ، ޓީމުން ބޭރުކޮށްލުން މިއީ އެންމެ އެދެވޭ ނަތީޖާ ނެރެވޭނެ ފޯމިއުލާތޯ ސުވާލު އުފެދެއެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަށްޓާއި އެކު ދަގަނޑޭ އާއި އޮއްޕޮ -- ފޮޓޯ: އިމޭޖަސް.އެމްވީ

އެފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނުދިޔުމަށް ދަގަނޑޭ ނިންމީ މަޝްވަރާކޮށްފައިވާ ކަމަށްވެސް ކޯޗު ސެގަޓް ފުރަތަމަ ބުންޏެވެ. އެހެން ނަމަވެސް ދަގަނޑޭ ފަހުން ބުނީ ދާން ބޭނުންވެފައި ހުއްޓާ ނުގެންދިޔަ ކަމަށެވެ. ފަހުން ކޯޗު ބުނީ މާފަށް އެދެން ލަސްވީ ކަމަށެވެ.

"އަހަރެން އަޝްފާގާ ދޭތެރޭ އެއްވެސް ހިތް ބުރަކަމެއް ނެތް. އޭނާ އަކީ އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް. އޭނާގެ ހުނަރާ މެދުވެސް ސުވާލެއް ނެތް. އެކަމަކު ބައެއް ފަހަރު އުމުރާއެކު ކުޅުންތެރިން ބަދަލު ކުރަން ޖެހޭނެ. މުސްތަގުބަލަށް ބެލުން ވަރަށް މުހިއްމު. އަޝްފާގާ އަހަރެން ދެފަހަރަށް ބައްދަލު ކުރިން. ސާފް ޗެމްޕިއަންޝިޕަށް އަލުން ދާން އޭނާ ނުނިންމާ. އެ ނިންމުމަކީ އެފްއޭއެމްއާއި އަހަރެން އަދި އަޝްފާގުގެވެސް ނިންމުން،" އޭރު ސެގަޓް ބުންޏެވެ.

އޭގެ އިތުރުން ސެގަޓް ބުނީ މާފަށް އެދުމުން މައްސަލަ ހައްލުވެފައިވާ ކަމަށެވެ.

ދެން މިފަހަރު ނުނެގީ ކީއްވެ؟

މިއީ ބޮޑު ސުވާލެކެވެ. މާފަށް އެދި، ކަންކަން ރަނގަޅު ކުރުމަށް ދަގަނޑޭ އިހުތިރާމާއެކު މަސައްކަތް ކޮށްފައި ވަނިކޮށް، އަނެއްކާވެސް ދަގަނޑޭ ބޭރުކޮށްލީއެވެ. މިފަހަރުގެ ހުއްޖަތަކީ ކޮލިފިކޭޝަން ނިމޭއިރު، ދަގަނޑޭ އުމުރުން 38 އަހަރު ވާނެ ކަމަށް ކޯޗު ބުންޏެވެ.

"ގައުމީ ޓީމުގައި ނެތީމަ އަހަންނަށް ބަކާ ގުޅި. އަހަރެން އޭނަ އަށް އޮޅުންފިލުވައިދިނިން. އަހަރެން ބުނިން ބަކާ އަށް 34 އަހަރުވީމާ، މި ކަހަލަ މެޗުތަކުގައި ބޭނުމެއް ނުކުރެވޭނެ ކަމަށް. ބަކާ އަށް ވެސް އެ އުމުރުގެ އެހެން ކުޅުންތެރިންނަށް ވެސް އޮންނާނީ އެ އުސޫލު. މި ކޮލިފިކޭޝަންތައް އެއްކޮށް ނިމޭއިރު ބަކާ އާއި އަޝްފާގު ފަދަ ކުޅުންތެރިންނަށް 38 އަހަރުވާނެ. އެއީ މާ ދޮށީ އުމުރެއް،" ސެގާޓް ބުންޏެވެ.

މިއީ ދަގަނޑޭ ނުނަގަން ޖެހޭ ސަބަބު ހެއްޔެވެ. މި ދައްކަނީ މުޅި ރާއްޖެ އެކުޅުންތެރިއެއްގެ ބަލަމުންދާ، ރާއްޖޭގެ ފުޓުބޯޅަ "އައިކަން" އެއްގެ ވާހަކައެވެ. ކޯޗުގެ ވާހަކައާ މުޅި ރާއްޖެ ދެކޮޅެވެ. ކޮލިފިކޭޝަންގެ ފުރަތަމަ ދެމެޗަށް ނެގި ސްކޮޑުގައި ދަގަނޑޭ ހިމަނަން ޖެހެއެވެ.

ކޯޗު ސެގަޓް --- އެމްއޯސީ ފޮޓޯ/ އިސްމާއީލް ތޯރިގް

"ހުނަރުހުރި ކުދިން ޓީމަށް ނަގާއިރު އަނެއް ކޮޅަށްވެސް ބަލަން ޖެހޭނެ. ކުޅުންތެރިންގެ މަޝްހޫރުކަމާ ފޭން ބޭސްއަށްވެސް ވިސްނަން ޖެހޭނެ ކުޅުންތެރިން ނަގާއިރު. އެކަންކަމަކީ އަބަދުވެސް މެޗުތަކުގެ އެޓެންޑެންސް ރަނގަޅު ކުރުމަށާއި، ސަޕޯޓަރުން ހިތްހަމަ ޖައްސާ، ސްޕޮންސަރުން ޝައުގުވެރި ކުރުވުމަށް. ދަގަނޑޭއަކީ މި ހުރިހާ ކަންކަމަށް ބަލާއިރުވެސް، ނަގަން ޖެހޭ ކުޅުންތެރިއެއް. އަދި ދަގަނޑޭގެ ޕާފޯމަންސްތަކަށް ބަލާއިރު، އޭނާއަކީ ކޮންމެ އުމުރެއްގައިވެސް ގައުމު ތަމްސީލު ކުރަން ޖެހޭ ކުުޅުންތެރިއެއް. ޕާފޯމް ކުރާނަމަ އުމުރަކީ އެއްވެސް ހުރަހަކަށް ވާން ޖެހޭ ކަމެއް ނޫން،" ކޯޗު މައްޓޭ ފާޅުކުރި ހިޔާލުގައި ބުނެފައިވެއެވެ.

މެސީ 33، ރޮނާލްޑޯ 34

ދަގަނޑޭއަކީ ބައިނަލްއަގުވާމީ ލެވެލްގައި މެސީއާއި ރޮނާލްޑޯގެ ލެވެލް ނޫންކަންވެސް ގަބޫލުކުރެވެއެވެ. އެހެން ނަމަވެސް ރާއްޖޭގެ ފުޓުބޯޅައިގައި، އޭނާއަކީ އާޖެންޓީނާގެ މެސީ، އަދި ޕޯޗުގަލްގެ ރޮނާލްޑޯ ފަދަ ދެވަނައެއް ނެތް "ތަރި"އެވެ. އޭނާ ސްކޮޑުން ބާކީކޮށް، ޒުވާން ޖީލަކަށް ފުރުސަތު ދޭން ކިޔާއިރު، އެހެން ގައުމުތަކުން ޒުވާން ސްކޮޑުތައް ލީޑު ކުރަމުންދަނީ ތަޖުރިބާކާރު، އަދި ގައުމުގެ އެންމެ ހުނަރުވެރި، ލީޑަރުންނެވެ. މެސީއާއި ރޮނާލްޑޯއެވެ.

އާޖެންޓީނާއާއެކު އެތައް ނާކާމިޔާބީތަކަކާއެކު ކުރިމަތިލާން ޖެހި، މެސީ ދެ ފަހަރެއްގެ މަތިން ރިޓަޔާކޮށް، އަލުން ޓީމަށް ދާން ބޭނުންވުމުން އެފުރުސަތުވެސް އޮތެވެ. ގައުމީ ޓީމުގެ ބޭންޑްގައި މެސީއާއި ރޮނާލްޑޯ ކުޅެމުންދަނީ ޒުވާން ކުޅުންތެރިންނަށް ނަމޫނާއެއް ގޮތުގައެވެ. އެ ކުޅުންތެރިންނާ އެއްވަރަށް "ލައިފް ސްޓައިލް" ފައްކާވެފައި ނެތް ނަމަވެސް، ދަގަނޑޭއަކީ ރާއްޖޭގެ ފުޓުބޯޅައިގެ ހުރިހާ ދިމާލަކަށް ބަލާއިރުވެސް، ޒުވާން ކުޅުންތެރިންގެ ނަމޫނާއެވެ. "ގައުމީ ޓީމުގެ ކެޕްޓަނެވެ." އެއްވެސް ހާލެއްގައި އެހެން ސީނިއާ ކުޅުންތެރިންނަށް ބުނާ ބަދުބަހަކީވެސް ނޫނެެވެ. އެކަމަކު އެހެން ކުޅުންތެރިންގެ ކެޕްޓަނަކީވެސް ހަމަ ދަގަނޑޭއެވެ.

މުހިއްމު ޒުވާން ކުޅުންތެރިންވެސް ނެތް...

ގައުމީ ސީނިއާ ޓީމަކީ ޒުވާން ޖީލެއް ބިނާކުރާނެ އެއްޗެއް ނޫން ނަމަވެސް، ކޯޗު ސެގަޓް އެންމެ ގަދަޔަށް ދައްކާ ވާހަކައަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭ ވާހަކައެވެ. އެކަމަކު އެކަމުގައިވެސް ކޯޗު ވަނީ އިހުމާލުތަކެއް ވެފައެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ "މިހާރު އެވޯޑްސް"ގެ މިދިޔަ ސީޒަނުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ އަދި އެފްއޭއެމުން ބޭއްވި 21 އަހަރުން ދަށުގެ މުބާރަތް އީގަލްސް އަށް ކާމިޔާބުކޮށްދިން ކެޕްޓަން ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ވެސް ފުރުސަތު ނުދިން ކަމެވެ.

ފޮޓޯ/ މިހާރު

ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕްގެ ކޭމްޕްގައިވެސް މަސައްކަތް ކުރި ހަންނައަކީ، އެތައް އުންމީދެއް ކުރަމުން އައި ޒުވާން ފޯވަޑެކެވެ. ލީގުގައިވެސް އެންމެ ތަފާތު ކުޅުމެއް ދައްކަމުން އަންނަ ގައުމީ ސްކޮޑުގެ ފުރުސަތެއް ހައްގުވެސް ކުޅުންތެރިޔާ މެއެވެ.

"ކޯޗު ބުނަމުންދަނީ ކުރިމަގަށް ޓީމެއް ބިނާކުރަނީ ކަމަށް. ފެންނަ ގޮތުގައި ފަސް އަހަރު ތެރޭ އޭޝިއަން ކަޕަށް ކޮލިފައިވާނެ ޓީމެއް ބިނާ ކުރުމަށް ޒުވާން ކުޅުންތެރިންނާއި، މަސައްކަތުގެ ރޭޓް ހައި ކުޅުންތެރިންނާއި، ތަރިން ހިމެނޭ ޓީމެއް ނަގަން ޖެހޭ. އެ މިކްސް ސްކޮޑުގެ ތެރެއިން ޒުވާން ކުޅުންތެރިންނަށް ތަޖުރިބާކާރު ކުޅުންތެރިން ފަރާތުން ކަންކަން ދަސްކޮށް ކުރިއަރަން ޗާންސް ލިބޭނެ،" ޒުވާން ކުޅުންތެރިންނާއި އެކްސްޕީރިއަންސް ކުޅުންތެރިން ނެގުމުގެ ވިސްނުމަށް މާއްޓޭ ބުނެފައިވެއެވެ.

ރިޓަޔާމަންޓް މެޗެއް ނުދެވުނު، ގޮތެއް ނުނިއްމުނު، ދަގަނޑޭގެ ހިމާޔަތުގައި އެފްއޭއެމް ކުރީ ކީތް؟

ސެގަޓް ކުޅެނީ ހަމައެކަނި ގައުމީ ޓީމަކާ ނޫނެވެ. ދަގަނޑޭއަކާވެސް ނޫނެވެ. ފުޓުބޯޅައަކީ ދިވެހީންގެ ލެއެވެ. ގައުމީ ޓީމަކީ ދިވެހީންގެ ޝަރަފާ ފަހުރެވެ. އެޓީމުގެ ކާމިޔާބީތަކަށް އުފާކުރަނީވެސް ދެރަވެ ކަރުނަ އަޅަނީވެސް ދިވެހީންނެވެ. ކޯޗުގެ ނިންމުންތަކާއެކު ރާއްޖޭގައި އުފެދުނު އެންމެ ތާރީހީ ކުޅުންތެރިޔާއަށް ގަދަރުކުޑަ ކުރެވުނުއިރު، ރައްޔިތުން ރަތުގައެވެ.

ގައުމުގެ ފުޓުބޯޅައަށް ޒިންމާވާން ޖެހޭ އެފްއޭއެމް ހޫނު ފެނަށް ވެއްޓުނުއިރު، ދޭނެ ޖަވާބެއް ނެތް ކަހަލައެވެ.

"އަހަރެމެން ބޭނުން ވަނީ މުޅިން އާ ޖީލެއް ބިނާކުރަން. އަޝްފާގު މިހާރު ހުރީ ގައުމީ ޓީމުން ރިޓަޔާ ކުރަން ތައްޔާރަށް. އޭނާއަށް ލިބޭނެ ރިޓަޔާ ކުރާނެ މެޗެއް. އޭނާއަށް ފުރިހަމަ އިހުތިރާމް ލިބެން ޖެހޭ. ފެޑަރޭޝަނުން ވަކި ދުވަހެއް ނިންމާނެ. މިއީ ފުޓުބޯޅައިގައި އާއްމު ކަމެއް. އަޝްފާގު ރިޓަޔާ ވިޔަސް، އެއީ އޭނާއަށް ފުރިހަމަ އިހްތިރާމް ކުރަން ޖެހޭ ނިންމުމެއް. އޭނާ އަކީ ރާއްޖޭގެ ފުޓުބޯޅައިގައި މުހިއްމު ނަމެއް،" މިއީ ސެގަޓް ކުރިން ބުނި ވާހަކައެކެވެ.

ނިޒާމްބެއާއެކު އެފްއޭއެމްއިން ސޮއިކުރުން --- ވވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

އެ ނިންމުމަށް އެފްއޭއެމްއިން ކުރިން ވަނީ ވާހަކަ ދައްކާފައެވެ. ދަގަނޑޭއާއެކު އޭނާގެ ރިޓަޔާމަންޓަށް ތައްޔާރުވާކަމަށް ބުނެ، ޕްރެޝަރު ކަޓުވާލިވެސް މެއެވެ. އަދި އެ މެޗަކީ ދަގަނޑޭގެ ކެރިއަރަށް ފުރިހަމަ ޝަރަފެއް ދެވޭނެ މެޗެއް ކަމަށްވެސް އެފްއޭއެމްއިން ފާހަގަކުރިއެވެ.

ގައުމީ ސްކޮޑު ތަމްސީލު ކުރަމުން، ތަމްރީނުތައް ހަދަމުންދާއިރު، ގައުމު ދުތް އެންމެ ޝަރަފުވެރި ކުޅުންތެރިޔާ އަމިއްލަ މުބާރާތްތަކުގައި ކުޅެން އުޅެން ޖެހުމަކީ އެފްއޭއެމްއަށްވެސް ލަދެކެވެ. ދަގަނޑޭއަށް ހައްގުވާ ޝަރަފު އޭނާއަށް ދޭނެ ކަމުގެ އެއްވެސް ވާހަކައެއް އެފްއޭއެމްއިން ނުދައްކާ އޮތީ ކީއްވެތޯ ސުވާލު ކުރެވެއެވެ. މުޅި ގައުމުގެ ފުޓުބޯޅައަކީ ދަގަނޑޭގެ ނަމާއެކުވާނެ އެއްޗަކަށްވީއިރު، ފުޓުބޯޅަ ކުރިއެރުވުމަށް އޭނާ މަގުމަތި ކޮށްލެވިގެން ނުވާނެއެވެ.

އިންމައާއި ދަގަނޑޭ ގައުމީ ޓީމުގައި --- ފޮޓޯ/ އިންމަ ފޭސްބުކް

ފުޓުބޯޅައަކީ ލެއާ ގުޅިފައިވާ ގައުމީ ކުޅިވަރެވެ. ގައުމީ ރަތް ޖާޒީގައި ދަނޑަށް ނުކުންނަ ކުޅުންތެރިންނަށް ރައްޔިތުންގެ ނުރުހުން އަމާޒުވުމަކީ ލަދު ގަންނަން ޖެހޭނެ ކަމެކެވެ. އެހިސާބަށް ދާން، ނުބައި ނިންމުންތަކެއް، ގޯސް ވިސްނުންތަކެއް ފުޓުބޯޅައިގެ ތެރެއަށް ވަދެއްޖެކަން ސާފެވެ. އެކަން އަހަރުތަކެއް ކުރިންވެސް ފެށުނުއިރު، މިއަދު ކޯޗު ނިންމާ ނިންމުންތަކާއެކު، އެފްއޭއެމްވެސް އަނދަވަޅަކަށް ވެއްޓި، ދިވެހީން ރަތަށް އަރުވާލައިފިއެވެ. ކޯޗުގެ ނިންމުންތަކާއެކު ކުޅެވެނީ ދަގަނޑޭއާ އެކަންޏެއް ނޫނެވެ. ދިވެހީންގެ ލޯބިވާ ފުޓުބޯޅައާއެވެ. ދިވެހީންގެ ލެޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ދަގޭގެ ފޭނެއް

    ދަނގަޑޭ ނުކުޅެންޔާ ގައުމީ ޓީމުގެ އެއްވެސް މެޗެއް ބަލާހިތެން ނުވެއެވެ..ދަނޑަކަށްވެސް ދާހިތެއް ނެއް....މާނައަކީ އަސްފާގު ޓީމްގައި ނެތިއްޔާ ގައުމީ ޓީމް ކުޅޭ އެއްވެސް މެޗެއް ނުބަލާނަމެވެ...ކޯޗައް ވ ސަލާމް...38 ގެ ކުޅުންތެރި އެއް ހިއްގައިމު ގޯލަކުން ގަދަފަދަ ބާސެލޯނާ ބަލިވެއްޖެ....މީ ވަރައް ވާހަކަ ގައުމީ ކޯޗް.....

    96
    18
  2. ައަޙްމަދު

    ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރު ބާސެލޯނާގެ މައްޗައް ކުރިހޯދާ ސްޕެނިސްކަޕްގެ ފެށުން ވެގެންދިޔައީ 38 އަހަރުގެ ތަޖުރިބާއަށްނޫންތަ؟
    ށެގަޓް ބޭރުކުރަންފެނޭ

    74
    8
  3. ލާސާނީ

    ތިޔަ ކޯޗާ ހެދި ރާއްޖޭގެ ފުޓްބޯޅަ ދަށައްދަނީ...ކޯޗް ބޭރުކުރަންވީ... އެކަން ނުކުރެވެންޔާ ބައްސާމު އިސްތިއުފާ ދެއްވާ.

    77
    10
  4. އެޑިޓް

    ކޯޗު ، އަދި އެފްއޭއެމް މިފަހަރު ސައިޒް ކޮށްލާނަން... މީ ވަރަށް ވާހަކަ...

    70
    8
  5. ބައްސާމް އަމާ

    ސެގަޓެެއް ސްޕަގެޓީއެއް ކިޔާނެކަމެއް ނެއް ތިކުޅެވެނީ ދިވެހިންގެ ލެޔާ މިގައުމުން ފެއްސިގެންދޭ ރައްޔިތުން ރުޅިނާރުވާ

    76
    10
  6. ޣައްދާރު

    ގައުމީ ޓީމު އެހެން ކުޅުން ތެރިން އިހުތިޖާޖު ކުރަންޖެހޭ.. ރައްޔިތުންވެސް ނުކުންނަން ޖެހޭ.. ދަގޭ އަށް ގައުމީ ޓީމު ހައްގު ކަން އޮޅުމެއް ނެއް ވަރަށް ސާފު

    75
    9
  7. އަލީ

    ގައުމީ ޓީމު އެކުލަވަން ދިވެހިންނާއި ހަވާލު ކޮށްލާ...ކޯޗުކަން ކުރަންވެސް. ކީއްކުރަން ބޮޑެތި ޙަރަދުކޮށް ގެންނަ މީސްމީހުން.

    27
    8
  8. ހުސޭނުބޭ

    ކޯޗު ހުރީ މޮޔަވެފައި! އޭނާ ގަދަކަމުންވިޔަސް ރުޤުޔާކުރޭ!

    24
    7
  9. Anonymous

    ރާއްޖޭގެ ފުޓްބޯޅަ ޑިސިޕްލީން ކުރަންޖެހޭ. ސާބަހޭ ކޯޗް

    24
    42
  10. އިންސާނީ

    ރާއްޖޭގެ ފުޓްބޯޅަ ޑިސިޕްލިން ކުރަން ެެބަޖެހޭ. ސާބަހޭ ކޯޗް

    19
    39
  11. އިންސާނީ

    ވަކިމީހަކަށް ބަލާކަށް ނުޖެހޭ ސާބަހޭ ކޯޗް

    22
    46
  12. އިންޗި

    އެންމެ ފަރުދަކައްވުރެ ގައުމު ބޮޑުވާަނެ. ސާބަހޭ ކޯޗް

    19
    45
  13. އިންޗި

    މެޗް ނުބަލާ މީހުން ކޮމެންޓް މި ކުރަނީ ތާހިރެއްނު. ދައްކާ ވާހަކަ

    14
    31
  14. ހިހި

    ތި ދަގަނޑެ އަކާ ބަކާ އަކާ މުޅިއުމުރު ދުހު ގައުމީ ޓީމަށް ކުޅެގެން ވީ ކޮން ފައިދާއެއް. އަދިވެސް ދަގަނޑެ އަކަަ އަަޅައިގަނެގެން ނޫޅެ އާ ކުޅުންތެރިން އުފައްދަން ވެއްޖެ އެއްނު

    22
    46
  15. ކަންޓްރީބޯއީ

    ދަގޭ ނެތްގައުމީ ޓީމެއް އެއީ ގައުމީޓީމެއްނޫން. އެއީ މިދިވެހިރާއްޖޭގެ ފަޚުރެއް. ދަގޭއަކީ އަދިވެސްހަމަ ފިޓް ކުޅުންތެރިއެއް. ކޯޗުބޭނުމެއްނޫން. ބޭނުމީ ދަގަނޑޭ.

    40
    13
  16. ސޭސް

    ކުރަންވީ ކަމަކާ ހަދަންވީ ގޮތަކާ ވާންވީ ގޮތެއް ސެގެޓް އަށް ގެޓްނުވާތީ މިހާރުން މިހާރަށް ބޭރުކޮށްލަންޖެހޭ

    31
    6
  17. ކަަމަކުނުދޭ

    މިކަމާ މުޒާހިރާކޮއް ކޯޗުގެ އިސްތިއުފާ އަށް ގޮވަންވީ. އޭރުން ކޯޗަށް އެއްޗެއް ވިސްނޭނީ. ސަޕޯޓަރުންގެ އަޑު އިއްވަން ޖެހޭ.

    28
    6
  18. ތެދު

    ދިވެހި ފުޓުބޯޅަ 2000ގެ އަހަރުތަކާޖެހެންދެން އައީވަރަށް ފޯރިޔާއެކު ދަނޑުފުރެމުން ކެރެލާސިޑިބަރިއޭކިޔާ ނިއުރޭޑިއެންޓް ސިޑިބަރި އެއީ އަބަދުވެސްފުރޭ ތަނެއް...ނަމަވެސް އަންނިއޭ ކިޔުނު ހިޔަޅު މިގައުމަށްގެނައި ޕާޓީ ސިސްޓަމެއްގެސަބަބުން ދީނެެއް،އަހުވަންތަކަން ހަލާކުކޮއްލާފަ މިހާރު ޓީވީތަކަށް އަރާ އޭނަގެ ސަޕޯޓަރުން އެފްއޭއެމް ކުއްވެރިކުރިޔަސް ހަގީގަތް އޮޅުވައެށްނުލެވޭނެ...ޓީވީއެމްގަ ހުންނާނެ ހަގީގަތް...!!!!!!

    35
    4
    • ތމނު

      ވަރަށްބޯކޮށް ތެދުހަގީގަތެއް

      20
      2
  19. ރާމީނު

    ތޯ ބަލަންނަ ކެޅެލަ ރައީސް އަޔާން ަޫ

    3
    2
  20. ޟައުގީ

    ޝަވީދު ގެ ޕަޕެޓް ބައްސާމު ބޭރުކުރަން ވީ މިހާރުން މިހާރައް

    17
    4
  21. ބަކުރުބެ

    ދަގަޑޭ ބާލާފަ، ކޯޗު ގައުމީޓީމައް ލާންފެނޭ، ނުވަތަ މިހާރުން މިހާރައް ތިޔަ ކޯޗު ޑީޕޯރޓް ކުރަންވީ

    7
    4
  22. ސަޓޯ-----

    ކަލޭ މެން އާދޭ ދަގަނޑޭ އާއި ހަވާލުވާން

    7
    1
  23. ވާނުވާ

    ( ކޯޗުގެ ވާހަކައާ މުޅި ރާއްޖެ ދެކޮޅެވެ) ކޮބާތަ މުޅި ރާއްޖެ އަކީ؟

    13
    1
  24. ސަަމަރޭ

    ޢެފްއޭއެމް ދޮށުގަ މުޒާހަރާ ޖައްސަންހިގާ. ބައްސާމް އިސްތިއުފާ

    7
    5
  25. ޙހސ

    ބައްސާމް ގެޔަށްދޭ

    1
    2
  26. ސްޕެގަޓް

    ނެގަޓް ބޭރުކުރޭ، ރާއްޖޭގެ ފުޓްބޯލް ހަލާކުކުރަން އެއުޅެނީ، އެފް.އޭ.އެމް އިސްތިއުފާ

    4
    2
  27. ޢަލީ

    ދަނގަޑޭ ތީކާކު އާމީހުން ލާގެން މިކަންވޭތޯބަލަންވީ އެއީ ޢޭޚީޠަ އެއްޗަކީ ބުރާންތި ދިވެހި ް ޔޭޔޭ ކޮފީ ނޫނީ ނުބޯހެން މީ މިވާގުތަކީ ހަހަަހ

    4
    4
  28. އޮބި

    ބަލާތި.... ފުރަތަމަ މެޗުން ބަލިވީމަ ބުނާނެ ކުަޅުންތެރިން ފިޓެއް ނޫނޭ.... އެންޖަރީއޭ..... ދުވަހަކު އަމިއްލަ ކުށެއް ނުފެންނާނެ....?