މިދިޔަ އަހަރުގެ ލަލީގާ ޗެމްޕިއަން ބާސެލޯނާއިން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އެތުލެޓިކޯ ބިލްބާއޯ އަތްދަށު ވެއްޖެއެވެ.
ރޭ ބިލްބާއޯގެ ދަނޑުގައި ކުޅުނު މެޗުން ބާސާ ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް ފަހު ވަގުތުގައި ކާމިޔާބު ކޮށްދިނީ އުމުރުން 38 އަހަރުގެ އަރިޓްސް އަޑުރީޒްއެވެ. އޭނާގެ ގޯލަކީ ހިތްގައިމު ބައިސްކަލް ކިކެކެވެ.
ސީޒަން ފެށުމަށް ކުޑަ ދުވަސްކޮޅެއް ވެފައި ވަނިކޮށް، ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއަށް އަނިޔާވެފައިވާއިރު، ރޭގެ މެޗަށް ބާސާ ނުކުތީ މެސީއާ ނުލައެވެ. ބާސާ ދޫކޮށް ބަޔާންއަށް ދިޔުމަށް ހުރިހާ ކަމެއް ނިންމާފައިވާ ފިލިޕް ކުޓީނިއޯވެސް ސްކޮޑުގައި ހިމެނިފައި ނުވާއިރު، ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ޝުއަރޭޒްއަށް އަނިޔާވެ، އޭނާވެސް ބާލަން ޖެހުނެވެ.
ބާސާގެ ކުރިއަށް ކުުޅޭ ގިނަ ކުޅުންތެރިންތަކެއް ނެތި ކުޅެން ޖެހުމުން، އެތަން ވަރަށް ބޮޑަށް ފެނިގެންވެސް ދިޔައެވެ. މެޗުގައި ބާސާގެ ފަރާތުން އެންމެ އެދެވޭ ހަމަލާތަކެއް ނުފެނުނެވެ. މި ސީޒަނަށް އަލަށް ބާސާއާ ގުޅުނު ފްރާންސްގެ ފޯވަޑް، އެންޓޮއިން ގްރީޒްމަންއަކަށްވެސް މާ ބޮޑު ތަފާތެއް ނުދެއްކުނެވެ.
ބިލްބާއޯއިން ވަރުގަދައަށް ޑިފެންސް ކުރަން މަސައްކަތް ކުރިއިރު، ބާސާއިން ގޯލަކާ އެންމެ ކައިރިއަށް ޖެހިލީ ރަފީނިއާއާއި ޝުއަރޭޒްއެވެ. އެ ދެކުޅުންތެރިންގެ ހަމަލާތައްވެސް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
ބާސާ ކޮޅަށް ރޭ ގޯލް ޖެހި އަދުރީޒް ވަނީ މި ސީޒަނަށްފަހު އޭނާ ރިޓަޔާ ކުރާނެ ކަމަށް އިއުލާން ކޮށްފައެވެ. 20 އަހަރުގެ ކެރިއަރު ނިންމާލުމަށްފަހު އަދުރީޒް ނިންމާލަން ވިސްނާފައިވާއިރު، އޭނާއަކީ ސްޕެއިން ގައުމީ ޓީމަށްވެސް ކުޅެފައިވާ ފޯވަޑެކެވެ. ރޭގެ މެޗުން ބިލްބާއޯ ހޯދި މޮޅަކީ 2003 ވަނަ އަހަރަށްފަހު އެ ކްލަބުން ބާސާ ކައިރިން ހޯދި ފުރަތަމަ މޮޅެވެ.
ގައުމީޓީމް ކޯޗުކައިރީ ބުނެބަލަ 38 އަހަރުގެ ކުޅުންތެރިޔަކު ގޯލް ޖަހައިފިޔޭ
ޢެއީ ފުޓުބޯޅަ ހަބަރު އެނގޭ މީހެއް ނޫން