އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއިން ކުޅުނު މެޗުގައި 2-1ގެ ނަތީޖާއަކުން ބާންލީ ބަލިކޮށްފިއެވެ.

މިރޭ އަމިއްލަ ދަނޑުގައި އާސެނަލްއިން ކުޅުނު މެޗުގައި އެޓީމު މޮޅުވި ގޯލް، 64 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕިއާ އެމްރިކް އަބާމަޔާންގެވެ. އާސެނަލްއިން 2009 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ލީގުގެ ފުރަތަމަ ދެމެޗުން މޮޅުވިއިރު، ފުރަތަމަ މެޗުގައިވެސް ޓީމުގެ ހަމައެކަނި ގޯލް ޖެހީ އަބަމަޔާންގެވެ.

މިރޭގެ މެޗުގައި އެލެކްޒެންޑްރާ ލަކަޒެޓްވެސް އަނިޔާއަށްފަހު ފެނިފައިވާއިރު، އަލަށް ޓީމާ ގުޅުނު ޑޭވިޑް ލުއިޒްއާއި ސްޕެއިންގެ 23 އަހަރުގެ މިޑްފީީލްޑަރު ޑެނީ ސެބަލޯސްވެސް ފެނިފައިވެއެވެ. ސެބަލޯސް އާސެނަލްއަށް ކުޅެމުން ދަނީ ލޯން އެއްބަސްވުމެއްގައެވެ. އޭނާއަކީ ރެއާލްގެ އެއްބަސްވުމެއްގައި ހުރި ކުޅުންތެރިޔެކެވެ.

މެޗުގެ 13 ވަނަ މިނެޓުގައި އާސެނަލްއިން ލީޑު ނެގީ ލަކަޒެޓްގެ ގޯލާއެކުގައެވެ. ސެބަލޯސްގެ ކޯނަރު އޭރިއާ ތެރޭގައި ހުރި ލަކަޒެޓަށް ލިބުނުއިރު، ދެ ޑިފެންޑަރު ކައިރިން ބޯޅަ އަނބުރާލުމަށްފަހު ލަކަޒެޓް ޖެހި ގޯލް ގޯލަށް ވަނީ ބާންލީގެ ގޯލްކީޕަރު ނިކް ޕޯޕްގެ ދެފައި ދޭތެރެއިން ގޮހެވެ. އާސެނަލްއިން ލީޑާއެކު ހާފް ނިންމާލަން ދަނިކޮށް، ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، އެޝްލީ ބާންސް ވަނީ ބާންލީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ސެބަލޯސްގެ ފަރާތުން މިރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ގޯލުގައިވެސް އޭނާގެ ހިއްސާ ބޮޑެވެ. ސެބަލޯސްގެ ޕާސް އަބަމަޔާންގް ގޯލަށް ވައްދާލީ ތިރިން ފޮނުވާލި ބާރު ބޯޅާއެކުގައެވެ.