އޭދަފުށީ ވެލާ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ލެވިސްޓާ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސައިނޯސާ ފުޓްބޯލް ކްލަބް ހޯދައިފިއެވެ.

ރާއްޖޭގެ އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ދަގަނޑޭވެސް އެޓީމުން ފެނިގެންދިޔައިރު، މިއަދު ހަވީރު އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި އެމްއޭ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުން ސައިނޯސާ މޮޅުވީ 4-2ގެ ނަތީޖާއަކންނެވެ.

ލެވިސްްޓާ ކަޕަކީ ޒަމާންވީ މުބާރާތެކެވެ. ކޮންމެ އަހަރަކުވެސް ބޮޑި އީދާ ދިމާކޮށް މުބާރާތް ބާއްވާއިރު، މުބާރާތުގައި ފުޓުބޯޅައިގެ އެތަކެއް ތަރިންނެއް ފެނިގެންދެއެވެ. މީގެ ކުރިން ފަސް ފަހަރު ސައިނޯސާއިން ޗެމްޕިއަންކަން ހޯދައިފައި އޮތް ނަމަވެސް، އެޓީމަށް މިފަހަރު ތަށި ލިބުނީ 18 އަހަރުގެ ދިގު އިންތިޒާރަކަށް ފަހުއެވެ.

މިއަދުގެ މެޗު ސައިނޯސާއިން ކާމިޔާބުކުރީ އެމްއޭ ޔުނައިޓެޑުން ދެ ގޯލު ޖަހާފައި ވަނިކޮށް މެޗުގެ ފަހު 20 މިނެޓުގައި ފަހަތުން އަރައި ހަތަރު ގޯލު ޖަހައިގެންނެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ދެޓީމުންވެސް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ގޯލު ޖެހީ އެމްއޭ ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފުގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ދެ ވަނަ ހާފުގައި އެމްއޭ ޔުނައިޓެޑުން ލީޑު ފުޅާކުރީ ސެންޓޭގެ ބޭބެ މުހައްމަދު ފާސިރު ޖެހި ގޯލުންނެވެ.

މެޗުގެ ފަހުކޮޅުގައި ސައިނޯސާއިން ނަތީޖާ އަނބުރާލިއިރު، އެޓީމުގެ ފުރަތަމަ ގޯލަކީ އެމްއޭ ޔުނައިޓެޑްގެ ސާމީ އިބްރާހީމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސައިނޯސާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދަގަނޑޭ ނަގައިދިން ހުރަހަކުން ހަމްދާން އަބްދުއްސައްތާރު ބޮލުން ޖެހި ގޯލުންނެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ފަހު އިރުކޮޅެއް ތެރޭ ސައިނޯސާއިން މެޗުގައި ލީޑު ނެގީ ދަގަނޑޭ ހޯދައިދިން ޕެނަލްޓީއަކުން މުހައްމަދު އުމެއިރުވެ. އޭގެ ފަހުން ސައިނޯސާ އަށް ތަށި ޔަގީންކޮށްދިން ގޯލު މެޗު ނިމެން އުޅެނިކޮށް ކާމިޔާބުކޮށްދިނީ ދަގަނޑޭއެވެ.

ދަގަނޑޭ ގައުމީ ސްކޮޑަށް ނުނެގުމާއެކު އޭނާގެ ވާހަކަތައް ގިނަވެފައިވާއިރު، އެންމެ މޮޅު ފޯވާޑުގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ދަގަނޑޭ އެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް އުމައިރު ހޮވުނުއިރު، އެންމެ މޮޅު ޑިފެންޑަރަކަށް އެމްއޭ ޔުނައިޓެޑަށް ކުޅުނު ގްރީން ސްޓްރީޓްސްގެ އަލް ސައީދު ހޮވުނުއިރު 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެޓީމުގެ އަނޫސް މުހައްމަދެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ އެއްވަނަ ޑިވިޝަނުގެ ގިނަ ޓީމުތަކުގެ އިތުރުން ކުރިން ގައުމީ ޓީމަށްވެސް ކުޅުނު މުހައްމަދު އިމްރާނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަމިޔޮކާކަ

    ދަގަނޑޭ ކިތައްމެ ގިނަ ކާމިއާބީ ތައް ހޯދަމުން ދިޔަ ނަމަވެސް ހަމަޖެހިފަވާ ކަމެއް ބަދަލެއް ނުކުރާނެ .. ނުކުރެވޭނެ ކަމަކީ .އަހަރުމެންގެ ހިތް ތަކުން ތިޔަ ނަން ފަނޑު ކޮށްލުން....

    15
    7
  2. ރަސްގެފާނު

    އެއޮތީ މިލިޔަނުން ހަރަދުކޮށްގެން ތަށި ނަގާފަ. މި ފަހަރު ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް މިލިޔަނެއް ދޭނަން. އަދި އޭދަފުށީގައި 10 މިނިޓް ހަވާ އަރުވާނަން. ލާރި އެބައޮތް ބޯކޮށް...

    2
    1