އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ކުޅުނު ދެވަނަ މެޗުގައި ސައުތުހެމްޓަން ބަލިކޮށްފިއެވެ.

މިރޭ ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

މެޗަށް ނުކުތްއިރުވެސް ލިވަޕޫލްގެ އެންމެ ބޮޑު ބޮލުރިހުމަކަށް ވެފައި އޮތީ ގޯލްކީޕަރުގެ މައްސަލައެވެ. ސީޒަންގެ ފުރަތަމަ މެޗުގައި އެޓީމުގެ އެއް ނަންބަރު ގޯލްކީޕަރު، ބްރެޒިލްގެ އެލިސަން ބެކާއަށް އަނިޔާވެފައިވާއިރު، އޭނާއަށް އަނބުރާ އާދެވޭނީ އަދި ދެތިން ހަފްތާއެއް ފަހުންނެވެ. އެލިސަން ނެތްތައް ފޫވެއްދުމަށް މި ސީޒަނަށް ކްލަބާ ގުޅުނު އެޑްރިއަން ނުކުތްއިރު، އޭނާ ވަނީ ސުޕަ ކަޕްގައި މުހިއްމު ޕެނެލްޓީއެއް މަތަކޮށް، އިތުބާރު ހޯދާފައެވެ.

އެހެން ނަމަވެސް މި މެޗުގެ ކުރިން ކްލޮޕް ބުނެފައި ވަނީ ސުޕަ ކަޕަށްފަހު އުފާފާޅުކުރުގެ ތެރޭގައި އެޑްރިއަންއަށް އަނިޔާވި ކަމަށާއި، މިރޭގެ މެޗަށް ތިންވަނަ ގޯލްކީޕަރު އަރުވަން ޖެހިދާނެ ކަމަށެވެ. އެހެން ނަމަވެސް މެޗު ފެށީ އެޑްރިއަންއެވެ.

މެޗުގައި އެޑްރިއަންގެ ފަރާތުން މުހިއްމު ސޭވްތަކެއް ފެނުނުއިރު، ފުރަތަމަ ހާފްގައި ލިވަޕޫލްގެ ކުޅުން ފެނުނީ ދަށްކޮށެވެ. އެހެން ނަމަވެސް ހާފް ނިންމާލީ ސަޑިއޯ މާނޭގެ ހިތްގައިމު ގޯލަކާއެކުގައެވެ. މާނޭގެ ގޯލާއެކު ލިވަޕޫލުން ހިތްވަރު އާކުރިއިރު، ދެވަނަ ހާފް ކޮންޓްރޯލްކޮށް، ހަމަލާތައް އުފެއްދީ ލިވަޕޫލުންނެވެ. ހާފްގެ ކުރީކޮޅުގައި މާނޭގެ ބޯޅައަކުން ފިރްމީނޯއަށް ލިބުނު ފުރުސަތު އޭނާ ބޭރަށް ޖެހިއިރު، މާނޭގެ އިތުރުން ފުރުސަތެއްގައި ރޮބަޓްސަން ފޮނުވާލި ބޯޅަ މަތަކުރީ ގޯލްކީޕަރެވެ.

ސައުތުހެމްޓަންގެ ފަހަތުން ހެދި ގޯހެއްގެ ބޭނުންހިފާ، ފިރްމީނޯ ލިވަޕޫލަށް ލީޑު ފުޅާކޮށްދިން ނަމަވެސް، އެޓީމުން މެޗު ނިންމާލީ ޕްރެޝަރުގައެވެ. އެޑްރިއަން ފަހަތުން ޖަހަން މަސައްކަތް ކުރި ޕާސް އަތުލައިގެން ޑެނީ އިންގްސް ޖެހި ގޯލާއެކު ސައުތުހެމްޓަންއިން ޕޮއިންޓަކަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް މެޗުގެ ފަހު މިނެޓުގައި އިންގްސްއަށް ލިބުނު ފުރުސަތު އޭނާ ނަގާލިއެވެ.