މިދިޔަ 27 މަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ރެއާލް މެޑްރިޑުން ލަލީގާ ތާވަލުގައި ބާސެލޯނާއަށްވުރެ މައްޗަށް ޖެހިލައިފިއެވެ.

އެންމެފަހުގެ ލަލީގާ ޗެމްޕިއަން ބާސާއިން ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެތުލެޓިކޯ ބިލްބާއޯ އަތުން ބަލިވެފައި އޮތްއިރު، ރެއާލް މެޑްރިޑުން ރޭ ވަނީ އެޓީމުން ކުޅުނު މެޗު ކާމިޔާބު ކޮށްފައެވެ. ރެއާލްއިން ރޭ ކުޅުނު މެޗުގައި ސެލްޓާ ވީގޯ ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ.

ރެއާލް އެންމެފަހުން ބާސާއަށްވުރެ ކުރީގައި ލީގު ތާވަލުގައި އޮތީ 2016-17 ވަނަ އަހަރުގެ ސީޒަން ނިމުނުއިރުއެވެ. އެ ސީޒަން ރެއާލްއިން ގެންދިޔަ ނަމަވެސް، އޭގެފަހުން ލީގުގައި 76 މެޗު ކުޅުނުއިރުވެސް ރެއާލްއަށް ބާސާގެ މައްޗަށް އެންމެ ފަހަރަކުވެސް އެރެވިފައެއް ނުވެއެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ކަރިމް ބެންޒެމާގެ ގޯލާއެކު ރެެއާލްއިން ލީޑު ނެގިއެވެ.

ޕްރި ސީޒަންގައި ރެއާލްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނުނު ނަމަވެސް، ރޭގެ މެޗުގައި އެޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ޓީމާ އަލަށް ގުޅުނު ތަރި، އެޑެން ހަޒާޑް މެޗުގައި ފެނިފައިނުވާއިރު، ރެއާލް ދޫކޮށްލަން މަސައްކަތްކުރި ގެރެތު ބޭލް ފުރަތަމަ 11ގައި ފެނިފައިވެއެވެ.

މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅުގައި ރެއާލްގެ މެދުތެރެއިން މުހިއްމު ކުޅުމެއް ދައްކަމުންދިޔަ ލޫކާ މޮޑްރިޗަށް ރަތް ކާޑު ދެއްކިއެވެ. އެއާއެކު ކުޅުންތެރިޔަކު މަދުކޮށް ރެއާލް ކުޅުނު ނަމަވެސް، އެޓީމުން އިތުރު ދެ ގޯލްޖެހިއެވެ. ޓޯނީ ކްރޫސް ދުރުން ޖެހި ހިތްގައިމު ގޯލްގެ އިތުރުން ދެން ރެއާލްއަށް ގޯލް ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ލޫކަސް ވަޒްކުއޭޒްއެވެ.

ރޭގެ މެޗުގައި ރެއާލްގެ ގޯލްކީޕަރު ކޯޝުއާ މުހިއްމު ސޭވްތަކެއް ކުރި ނަމަވެސް، އެންމެފަހު ވަގުތު އީކާ ލޮސާޑާ ވަނީ ކްލީން ޝީޓަށް ހުރަސް އަޅާފައެވެ.