ގްލޯބަލް ވެޓެރަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ހޯދައިފިއެވެ.

މެލޭޝިއާގައި ކުރިއަށް ގެންދިޔަ މުބާރާތުގެ ތަށި ރާއްޖެއިން ހޯދީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ، ކޮޅަށް ގޯލެއްވެސް ވަނަ ނުދީއެވެ. ރާއްޖެއިން މުބާރާތުގައި 14 ގޯލް ޖެހިއިރު، ފައިނަލްގައި ރާއްޖެ ވަނީ 2-0ގެ ނަތީޖާއަކުން އިންޑޮނޭޝިއާ ބަލިކޮށްފައެވެ. ފައިނަލްގައި ރާއްޖޭގެ ދެގޯލް ކާމިޔާބުކޮށްދިނީ އަލީ ޝަމީމް (ކޮޔަރޭ) އާއި އަބްދުﷲ ވަހީދު (ބިންމާ) އެވެ.

މިއަދު ކުޅުނު ސެމީގައި ރާއްޖެއިން 3-0އިން ލަންކާ ބަލިކުރިއިރު، އެ މެޗުގައި ގޯލް ޖަހައިދިނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި އިންޑިއާ ކޮޅަށް ރާއްޖެއިން ޖެހި ހަމައެކަނި ގޯލް ޖަހައިން މުހުތާރު ނަސީރު (ޓޫކިލޯ)އާއި ކޮޔަރޭއެވެ. ޓޫކިލޯ ވަނީ އެ މެޗުގައި ދެ ގޯލް ޖަހާފައެވެ.

ރާއްޖެ ސެމީއަށް ދިޔައީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ފުރަތަމަ މެޗުގައި 1-0ގެ ނަތީޖާއަކުން އިންޑިއާ ބަލިކުރިއިރު، ދެވަނަ މެޗުން އިންޑޮނޭޝިއާ އަތުންވެސް 1-0 އިން މޮޅުވިއިރު، ތިންވަނަ މެޗުގައި މިއަދު ވަނީ ސައުތު އެފްރިކާ އަތުން 7-0 އިން މޮޅުވެފައެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން 8 ގައުމަކުން ވާދަކުރެއެވެ. މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީ ގައެވެ. މި ގްރޫޕުގައި ރާއްޖެއާ އެކު ހިމެނުނީ ސައުތު އެފްރިކާގެ މަރިޒްބާގް ސްޕޯޓިން ޓީމާއި އިންޑޮނީޝިއާގެ އިންޑިއަން ފުޓްބޯޅަ ޓީމާއި އިންޑިއާގެ ފޯނެކްސް ވެޓެރަންސް ޓީމެވެ.

ގްރޫޕް އޭގައި ހިމެނުނީ މުބާރާތް ބާއްވާ މެލޭޝިއާގެ ކްލާންގް ސްޓާ ވެޓެރަން ފުޓްބޯލް ކްލަބާއި ސްރީ ލަންކާގެ މަލިގަވާތޭ ވެޓެރަން އަދި ޔޫއޭއީގެ އިންޑިއަން އެކްސްޕާޓްސްގެ އިތުރުން ސިންގަޕޫރުގެ ސިންގަޕޯ އިންޑިއަންސް އެސޯސިއޭޝަނާއި މިޔަންމާގެ ޔަންގޫން ވެޓެރަން ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 19އވެޓަރެންސްޓީމް

    ޓޫކިލޯމެން ކަހަލަ ޒުވާން ކުޅުންތެރިންލާގެން ތަށި ހޯދީ.. އެހެން ޤައުމް ތަކުން ވެޓެރަންސް ކުޅުންތެރިންގެ ގޮތުގައި ތިބީ އެވްރެޖްކޮށް 45 އަހަރުން މަތީގެ މީހުން.. ވެޓަރެންސް އޭ ކިޔާފަ 21 އަހަރުން ދަށުގެ ޤައުމީޓީމްވެސް ކަލޭމެން ނެރެފާނެ..

    10
    6