ބްރެޒިލްގެ ތަރި، ޑެނީ އަލްވޭސް އަނބުރާ ގައުމަށް ގޮސް ކުޅުނު ފުރަތަމަ މެޗުގައި ސައުޕާލޯ މޮޅު ކޮށްދީފިއެވެ.

ބްރެޒިލްގެ ފުރަތަމަ ޑިވިޝަންގައި ކެއަރާއާ ދެކޮޅަށް ކުޅެ، ސައުޕާލޯ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

އުމުރުން 36 އަހަރުގެ އަލްވޭސް ޕީއެސްޖީ ދޫކޮށް، އަމިއްލަ ގައުމަށް ދިޔައީ އަގަކާ ނުލައެވެ. ޔޫރަޕްގައި 17 އަހަރު ހޭދަކުރި އަލްވޭސް ވަނީ ބާސެލޯނާގެ އިތުރުން ޕީއެސްޖީގައިވެސް ކާމިޔާބީތައް ހޯދި އަލްވޭސްއަކީ ޗެމްޕިއަންސް ލީގުގައިވެސް ކާމިޔާބު ކުޅުންތެރިޔެކެވެ. އަދި ހާއްސަކޮށް އަލްވޭސްއަކީ ކެރިއަރުގައި 40 ތަށި ހޯދާ، "އެންމެ ކާމިޔާބު ކުޅުންތެރިޔާގެ" މަގާމުގައި ހުރި ކުޅުންތެރިޔާއެވެ.

އާންމުކޮށް އަލްވޭސް ފާހަގަކޮށްލެވުނީ ފުލް ބެކެއްގެ ގޮތުގައި ނަމަވެސް، ގައުމަށް އެނބުރި ގޮސް، ސައުޕާލޯއަށް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ކުޅެފައި ވަނީ މިޑްފީލްޑަރަކަށެވެ. ރޭ ކުޅުނު މެޗުގެ 40 ވަނަ މިނެޓުގައި އަލްވޭސް ގޯލް ޖެހީ، ގޯލްގެ ކައިރިން ލިބުނު ފުރުސަތެއްގައެވެ.

މިދިޔަ ހޫނު މޫސުމުގައި ބްރެޒިލާއެކު ކޮޕާ އެމެރިކާވެސް އުފުލާލި އަލްވޭސްއަކީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ކުޅުންތެރިޔާއެވެ.